02 May 2012, 13:03
ގައުމީ ބޭންކް، ބޭންކް އޮފްމޯލްޑިވްސް (ބީއެމްއެލް)ގެ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ހިންގުމުގެ ފައިދާ އަށް 146.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން އާންމުކުރި އޮޑިޓް ނުކުރާ ހިސާބުތަކުން ދައްކައިފި އެވެ.
ބީއެމްއެލްއިން އާންމު ކޮށްފައިވާ އެ ކުންފުނީގެ ފުރަތަމަ ކުއާޓާ (ޗެނުއަރީ، ފެބުރުއަރީ އަދި މާޗް)މަހުގެ އޮޑިޓް ނުކުރާ ހިސާބުތަކުން ދައްކާ ގޮތުން އެ މުއްދަތުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 209.1 މިލިއަން ރުފިޔާ އެވެ. އަދި ފައިސާ ނުލިބިވާ ލޯނުތަކަށް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ގަބޫލުކުރާ މިންގަނޑަށް ޕްރޮވިޝަން ހެދުމުގެ ކުރިން އެ ބޭންކަށް ހިންގުމުގެ ފައިދާއަށް ޖެހިފައި ވަނީ 146.9 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ފައިދާ އަށް ޖެހުނު 125.9 މިލިއަން ރުފިޔާ އަށް ވުރެ 21.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ފައިސާ ނުލިބި ހުރި ލޯނުތަކަށް ޕްރޮވިޝަން ހެދުމުން މިދިޔަ ތިން މަހު ވެސް ބީއެމްއެލްއަށް ފައިދާއެއް ލިބިފައެއްނުވެ އެވެ. މިދިޔަ އަހަރުގެ ފަހު ތިން ކުއާޓާގައި ވެސް ޕްރޮވިޝަން ހެދުމުން ބީއެމްއެލް އަށް ފައިދާއެއް ލިބިފައެއް ނުވެ އެވެ. ބީއެމްއެލް އިން ޕްރޮވިޝަން ހަދަން ފެށީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން 2009ގައި އާންމުކޮށްފައިވާ "ޕްރޫޑެންޝަލް ރެގިއުލޭޝަން" އަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ އިން (އެޕްރީލުން)ފެށިގެން އަމަލުކުރަން ފެށުމާ އެކު އެވެ.
މި އަހަރު ފެށުނު އިރު ބީއެމްއެލްގެ ކޭޝް ފްލޯ 1.9 ބިލިއަން ރުފިޔާގައި ހުރީ އިރު މި ކުއާޓާގައި 582.1 މިލިއަން ރުފިޔާ އިން އެ އަދަދު އިތުރުވެ މި ކުއާޓާ ނިމުނު އިރު ކޭޝްފްލޯ ވަނީ 2.5 ބިލިއަން ރުފިޔާ އަށް އުފުލިފަ އެވެ.
ހިއްސާގެ ބާޒާރުގައި ބީއެމްއެލްގެ ހިސާއެއްގެ އަގު ހުރީ 70ރ. ގަ އެވެ. އަދި އެންމެ މަތިން ހިއްސާގެ މުއާމަލާތެއް ކޮށްފައި ވަނީވެސް 70ރ. ގަ އެވެ. އެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން އަކީ 376 މިލިއަން ރުފިޔާ އެވެ.