20:00


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައި ނުވަތަ ނޮވެންބަރު މަހު ބޭއްވޭނެ ކަމަށާއި މިފަހަރުގެ އިންތިހާބްގައި ދެ ލައްކަ ފަނަރަ ހާސް މީހުންނަށް ވޯޓްލުމުގައި ބައިވެރިވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް މިއަދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ސެޕްޓެމްބަރު 30 ހާ ތަނުގައި ބޭއްވުމަށް ކުރިން ވިސްނާފައި އޮތް ނަމަވެސް އެކަން ލަސްވުމަށް ވަރަށް ގިނަ ސަބަބުތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލްގެ އިންތިހާބާ ބެހޭ ބިލް ފާސްވުން ލަސްވެގެން ދިއުމާއި އިންތިހާބު ބޭއްވާ ރަށްތައް ކަނޑައެޅިފައިނުވުން ހިމެނޭ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.


ފުއާދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބް ވެސް ކުރިއަށްދާނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިއަށްދިޔަ ގޮތަށް ރާއްޖޭން ބޭރުގައި ތިބި ފަރާތްތައް ވެސް ބައިވެރިކޮށްގެން ކަމަށެވެ. އަދި މިފަހަރުވެސް ވޯޓް ފޮށިތައް ބެހެއްޓޭނީ އެ ދެ އިންތިހާބްގައި ވޯޓް ފޮށިތައް ބެހެއްޓި ޤައުމުތަކުގައި ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.


ފުއާދު އިތުރަށް ވިދާޅުވީ މި އިންތިހާބަށް ހަރަދުވާނެ ކަމަށް ކުރިން ލަފާކޮށްފައި ވަނީ 20 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ބިލް ފާސްވެފައި އޮތް ގޮތުން 60 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ.