ޖަޕާނުގެ ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގެ ޓޭންކުތަކުގައި ރައްކާކޮށްފައިވާ ފެން މިއަދު ޕެސިފިކް ކަނޑަށް ބޭރު ކުރަން ފަށައިފިއެވެ.

ޖަޕާނުން ކަނޑުއަޑީގައި ހަދާފައިވާ ބިންގަރާހެއް މެދުވެރިކޮށް ފެން ބޭރުކުރަން ފަށާފައި ވަނީ އެކަމާ ބެހޭ ގޮތުން އަވަށްޓެރި ގިނަ ގައުމުތަކުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.

ފުކުޝީމާގެ ޑައިޗީ ނިއުކްލިއާ ޕްލާންޓަކީ، 2011 ވަނަ އަހަރު ޖަޕާން ކައިރިއަށް އައި ބިންހެލުމަކާ ގުޅިގެން ސުނާމީ އެރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވި ކާރުހާނާއެކެވެ. އެ ހާދިސާގައި އެ ކާރުހާނާގެ ތިން ނިއުކްލިއާ ރިއެކްޓަރު ގޮވާ، ރޭޑިއޭޝަން ބޭރުވިއެވެ. އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ބަދަލު ކުރަން ޖެހުނެވެ.

އޭގެ ފަހުން އެ ކާރުހާނާގެ ރިއެކްޓަރުތައް ފިނި ކުރަން ޖަޕާނުން ބޭނުން ކުރަމުން ދަނީ ކަނޑުގެ ފެނެވެ. އެ ފެން ނިއުކްލިއާ މާއްދާތަކުން ތަޣައްޔާރުވާތީ ޖަޕާނުން މިހާތަނަށް ދިޔައީ ފެން ރައްކާކުރަމުންނެވެ. އެގޮތުން މިހާރު ރައްކާކޮށްފައިވާ ފެނުގެ މިންވަރު 1.3 މިލިއަން ޓަނަށް އަރައެވެ. ނަމަވެސް ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ ޓޭންކުތައް ފުރޭނެ ކަމަށް އެ ކާރުހާނާ ހިންގާ ޓޯކިޔޯ އިލެކްޓްރިކް ޕަވާ (ޓެޕްކޯ) ކުންފުނިން ވަނީ ބުނެފައެވެ.

ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގެ ފެން ކަނޑަށް ބޭރުކުރުމާ ދެކޮޅަށް ޖަޕާނުގައި ކުރިއަށްގެންދިޔަ މުޒާހަރާއެއް -- ފޮޓޯ/ އީޕީއޭ

ޖަޕާނުން ބުނާ ގޮތުގައި އެ ފެން ރައްކާކޮށްފައި ވަނީ ފެނުގައި އެކުލެވޭ ރޭޑިއޯއެކްޓިވް ގިނަ މާއްދާތައް ފިލްޓާކޮށްފައެވެ. އެ ފެން ޕެސިފިކް ކަނޑަށް ދޫކުރަން ޖަޕާނުން ރަސްމީކޮށް ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މިދިޔަ މަހު އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)އިން ވަނީ އެ ފެން ކަނޑަށް ދޫކުރަން ރައްކާތެރި މިންގަނޑުތަކަށް ފެތޭ ކަމަށް ނިންމައި، އެކަމަށް ހުއްދަ ދީފައެވެ. އެ އިދާރާއިން އެ ހުއްދަ ދިނީ ދެ އަހަރު ވަންދެން ކުރިއަށްގެންދިޔަ ތަހުލީލުތަކަށް ފަހުގައެވެ.

އެ ނިންމުމާ އެންމެ ބޮޑަށް ދެކޮޅު ހަދާ ދެ ގައުމަކީ ޗައިނާ އާއި ދެކުނު ކޮރެއާއެވެ. އަދި ޖަޕާނުގެ ބައެއް ރައްޔިތުން ވެސް އެކަމާ ދެކޮޅަށް އަޑު އުފުލާފައިވެއެވެ.

ފުކުޝީމާ ޕްލާންޓްގެ ފެން ކަނޑަށް ބޭރުކުރުމާ އެންމެ ބޮޑަށް ދެކޮޅު ހަދާ ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ ހިމެނޭ -- ފޮޓޯ/ ރޮއިޓާސް

ޖަޕާނުން ކަނޑަށް ފެން ބޭރުކުރަން ފެށުމާއެކު ޗައިނާއިން ވަނީ އެގައުމުގެ ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފައެވެ. މީގެ ކުރިން ޗައިނާ އާއި ދެކުނު ކޮރެއާއިން ވަނީ ފުކުޝީމާ ކައިރިން ކަނޑުގެ ސަރަހައްދުން ބާނާ މަސް އެ ދެ ގައުމަށް އެތެރެކުރުން މަނާކޮށްފައެވެ.

ޗައިނާއަކީ ޖަޕާނުގެ ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެ ކުރާ ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ޗައިނާއިން ޖަޕާނުގެ 600 މިލިއަން ޑޮލަރުގެ ކަނޑުގެމަހުގެ ބާވަތްތައް އެތެރެކޮށްފައިވެއެވެ.

ޗައިނާއިން ވަނީ ނިއުކްލިއާ ޕްލާންޓުގެ ފެން ނައްތާލުމަށް ޓަކައި އަމަލު ކުރެވޭނެ އެހެން ގޮތްތައް ޖަޕާނަށް ހޯދިފައިވާ ކަމަށާއި ނަމަވެސް ފެން ކަނޑަށް ބޭރުކުރުމަކީ އެންމެ ޚަރަދު ކުޑަ ގޮތް ކަމުން އެގޮތަށް އަމަލުކުރަން އެގައުމުން ނިންމީ ކަމަށް ބުނެފައެވެ.