05 Jul 2023, 15:19
ވޮޝިންޓަން (5 ޖުލައި 2023) :އެމެރިކާގެ ރިޔާސީ މަރުކަޒު ކަމަށްވާ ވައިޓް ހައުސް އިން މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ކޮކައިން" ފެނިއްޖެއެވެ.
ވައިޓް ހައުސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިދާރާ ކަމަށްވާ "ޔޫއޭސް ސިކްރެޓް ސާވިސް"އިން ބުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ޝައްކު ކުރެވޭ މާއްދާއެއް ވައިޓް ހައުސް އިން ފެނުމާ އެކު ވައިޓް ހައުސްގެ އެއްބައި ބަންދުކޮށް އެތަން އިތުރަށް ޗެކްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމުގައެވެ.
ވައިޓް ހައުސް އިން މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ކޮކައިން" ކަން ކަށަވަރުކޮށްދިނީ ވޮޝިންޓަންގެ ފަޔާ ޑިޕާޓްމަންޓުންނެވެ. ފަޔާ ޑިޕާޓްމަންޓުން މިކަން ކަށަވަރުކޮށްދިނުމުން އެކަން ދޮގުކުުރުމަށް "ސިކްރެޓް ސާވިސް" އިންވަނީ ފަސްޖެހިފައެވެ. "ސިކްރެޓް ސާވިސް" އަކީ އެމެރިކާގެ ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ އެންމެ އެލީޓް ގުރޫޕެވެ.

އެމެރިކާގެ ސިކްރެޓް ސާވިސްގެ ފުލުހުން
ވައިޓް ހައުސްއިން މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ "ކޮކައިން" ފެނުނީ އެ ތަނުގައި މަސައްކަތްކުރާ ބަޔަކު ނޫނީ މީހަކު އެ ތަކެތި ބޭނުންކުރާތީކަން ނުވަތަ ނޫން ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ "ވޮޝިންޓަން ޕޯސްޓް"އިން ވެސް ވަނީ ވައިޓް ހައުސްއިން "ކޮކައިން" ފެނުނުކަން ކަށަވަރުކޮށްދީފައެވެ. މިއީ ވައިޓް ހައުސްގެ ތާރީޚުގައި ކުރިމަތިނުވާ ފަދަ ފަޟީހަތެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.
"ކޮކައިން" ފެނުނީ ވައިޓް ހައުސްގެ ހުޅަނގު ވިންގުން ކަމަށްވެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އޮފީސް (އޯވަލް އޮފީސް) އާއި ރައީސް ބާއްވާ ބައްދަލުވުންތައް އޮންނަ މީޓީންރޫމާއި ނޫސް ކޮންފަރެންސް ބާއްވާތަނާ އަދި ބައިޑެންގެ މުސްތަޝާރުންނާއި ބައިޑެންއަށް ސީދާ ގޮތެއްގައި އެހީތެރިވާ ސެކްރެޓޭރިއަޓް މުވައްޒަފުންގެ އޮފީސްތަކާއި ވޯކް ސްޕޭސްތައް ހުންނަނީ "ކޮކައިން" ފެނުނު ވައިޓް ހައުސްގެ ހުޅަނގު ވިންގުގައެވެ.
"ކޮކައިން" ފެނުނު ވަގުތު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވައިޓް ހައުސްގައި ނޫޅުއްވާ ކަމަށް ވެއެވެ. ވައިޓް ހައުސްގެ ކަންކަން ބަލަހައްޓާ "ޔޫއެސް ސިކްރެޓް ސާވިސް"ގެ ތަރުޖަމާނަކު ވިދާޅުވީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ޝައްކު ކުރެވޭ މާއްދާ ވައިޓްހައުސްގެ ހުޅަނގު ވިންގަށް އައިގޮތް ބެލުމުގެ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމުގައެވެ. ނަމަަވެސް މި ކަމުގެ ތަފްސީލު ދިނުމަށް ތަރުޖަމާނު ވަނީ ފަސްޖެހިފައެވެ.
ވައިޓްހައުސްގެ ހުޅަނގު ވިންގަކީ ކޮންމެ ދުވަހަކު އެތަށް ސަތޭކަ ބަޔަކު އައިސް ގޮސްވާ ތަނެކެވެ.