05 Jul 2023, 12:43
އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް އުދައަރާފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރޭގެ ރަށްތަކަށާއި އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި, މޫސުން ގޯސްވާ ވަގުތުތަކުގައި ފެން ބޮޑުވުމުގެ އިތުރުން އުދައިގެ އަސަރު ކޮށްފާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ބ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މިއަދުގެ މެންދުރުފަހު 15:00 ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.