05 Jul 2023, 11:37
މި ސަރުކާރުން ހިޔާނާތްތައް އޮއްބާލަން މަސައްކަތް ކުރާ ކަމަށާއި އެއީ، އެމްޑީޕީއަށް ވެސް ލަދުވެތި ކަމެއް ކަމަށް އެ ޕާޓީގެ ރައީސްކަމުން މި ފަހުން އިސްތިއުފާ ދެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ގުޅޭ ހިޔާނާތުގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފެށުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް، އެފަދަ މައްސަލަތައް އޮއްބާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.
"ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވާ މީހުން ހިމާޔަތްކޮށް، އެފަދަ މައްސަލަތަކުގައި ޕޮލިހާއި ޕީޖީ އަދި ކޯޓުތަކަށް ނުފޫޒު ފޯރުވާ އޮއްބާލައިކަން، ރައީސް ޞާލިޙްގެ މި ދައުރުގައި ފާހަގަވޭ،" ނަޝީދު ވިދާޅުވިއެވެ.
"މިހާރު ފެންމަތިވެފައިވާ އާރުޑީސީގެ ޚިޔާނާތުގެ މައްސަލައަކީ ވެސް މިފަދަ އާންމު ކަމެއް. މިއީ އެމްޑީޕީގެ ވެރިކަމެއްގައި ލަދުވެތި ކަމެއް،"
އާރްޑީސީގެ އެކަައުންޓުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން އާރްޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ)އާ މައްސަލަ ގުޅުވައި، ފައިސާ ޖަމާ ކޮށްފައިވަނީ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މޫކޭ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ "ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް" ފައިސާ ޖަމާކޮށްފައި ނުވާނެ ކަމަށެވެ.
"އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެތާ ގައިމު ވެސް. ކުރު ވާހަކަ ލިޔާ އިރު ވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ،" މޫކޭގެ ޓުވީޓުގައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އާރްޑީސީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިންގެ މައްސަލައެއްގެ ގޮތުގައެވެ.
ނަމަވެސް މި މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފެންމަތިވެ، އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އާރްޑީސީއާ ގުޅޭ މައްސަލައެއް އެ މުއައްސަސާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ)އިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.