02 May 2012, 12:40
އެމްޑީޕީ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މިއަދު ހާޒިރުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފެބްރުއަރީ 8، 2012ގައި އެމްޑީޕީ އިން ކުރި މުޒާހަރާގައި އާންމު މެންބަރުންނަށް ފުލުހުން އަނިޔާކުރި މައްސަލާގައި ބަޔާނެއް ނެގުމަށް ރައީސް ނަޝީދު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހާޒިރު ކުރީ މިއަދު މެންދެރު 11:10 ގަ އެވެ. ރައީސް ނަޝީދާ އެކު ޕޮލިސް އިންޓްރިޓީ ކޮމިޝަނަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ކެބިނެޓް ސެކަރެޓަރީ ހިސާން ހުސައިން އާއި ކުރީގެ މިނިސްޓަރު އޮފް ހިއުމަން ރިސޯސް، ޔޫތު އެންޑް ސްޕޯޓްސް ހަސަން ލަތީފެވެ.
ޕޮލިސް އިންޓްރިޓީ ކޮމިޝަނަށް ބަޔާނެއް ދެއްވުމަށް ފަހު "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދަޅުވީ ފެބްރުއަރީ 8، ވަނަ ދުވަހު އެމަނިކުފާނަށް ވެސް ފުލުހުންގެ ފަރާތުން އަނިޔާތަކެއް ލިބިފައިވާތީ އެކަމާ ގުޅޭ ގޮތުން ވެސް ބަޔާނެއް ދެއްވި ކަމަށެވެ.
"ފެބްރުއަރީ 8، ވަނަ ދުވަހު ފުލުހުން ދިން އަނިޔާތަކާއި އެބޭފުޅުން އަމަލު ކުރި ގޮތާ ބެހޭ ގޮތުން ބަޔާނެއް އަޅުގަނޑު ދިނިން. އެއީ އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އަޅުގަނޑު ދިން ބަޔާނެއް. އެ މައްސަލައަކީ އަޅުގަނޑަށާއި އަޅުގަނޑުމެންގެ ޕާޓީ މެންބަރުންނަށާއި ރާއްޖޭގެ އެތައް ރައްޔިތުންތަކަށް އަނިޔާވި މައްސަލަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޕޮލިސް އިންޓްގްރިޓީ ކޮމިޝަނަށް ރައީސް ނަޝީދު ދެއްވި ބަޔާނުގެ ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.
ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އެމްޑީޕީން ފަށާފައިވާ ތަހުގީގާ ބެހޭ ގޮތުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނީ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން މުއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ނަޝީދު ބަޔާނެއް ދެއްވުމަށް ހުންނެވީ ތައްޔާރަށް ކަމަށެވެ.