05 Jul 2023, 08:14
ހިންދީ ސިނަމާގައި ފައިތިލަ ސާބިތުކޮށްފައިވާ ހުނަރުވެރި ބަތަލާ ކްރިތީ ސެނޮން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފެއްދިކަން އިޢުލާނުކޮށްފިއެވެ. 'ބްލޫ ބަޓަރފްލައި ފިލްމްސް'ގެ ނަމުގައި އުފެއްދި މި ޕްރޮޑަކްޝަން ހައުސްއަކީ، ކްރިތީގެ ކޮއްކޮ ނުޕުރު ސިންގްއާ ދެ މީހުން ހިއްސާވާ ކުންފުންޏެކެވެ.
އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފެއްދި ޚަބަރު ހިއްސާކުރަމުން ކްރިތީ ބުނެފައިވަނީ ފިލްމީ ކެރިއަރުގެ ގިއަރު މަތިކޮށްލުމުގެ ވަގުތު ޖެހިއްޖެކަމަށެވެ. އަމިއްލަ ފިލްމު އުފައްދާ ކުންފުނީގެ ލޯގޯގެ ފޮޓޯއަކާއެކު ހިއްސާކުރި މިޚަބަރަށްފަހު ކްރިތީގެ ސަޕޯޓަރުންވަނީ ބަތަލާއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. ކްރިތީ ބުނިގޮތުގައި، ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ ނުވަ އަހަރު ވެފައިވާއިރު މިދާއިރާއިން ވަރަށް ގިނަ ކަންތައްތައް ތަޖުރިބާވެ ދަސްވެއްޖެކަމަށެވެ.
ފިލްމު ކުޅުމުގެ އިތުރުން ފިލްމު އުފެއްދުމުގެ މަސައްކަތަކީ އަބަދުވެސް ވަރަށް ބޮޑު ޝައުޤެއްހުރި މަސައްކަތެއްކަމަށާއި ބެލުންތެރިންނަށް ރީތި ހިތްގައިމު ވާހަކަތަކެއް ކިޔައިދީ އެކަމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ވަގުތު ކައިރިވެއްޖެކަމަށެވެ. ބެލުންތެރިންގެ ހިތްތަކާ ކުޅެލާފަދަ ހިތްގައިމު ވާހަކަތަކެއް ކައިރި މުސްތަޤުބަލެއްގައި ބެލުންތެރިންނަށް ގެނެސްދެވޭނެކަމަށް އުއްމީދުކުރާކަމަށް ކްރިތީވަނީ ބުނެފައެވެ.
ކްރިތީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ، ދާދިފަހުން ރިލީޒްވި ފިލްމު "އަދިޕުރުޝް"އިންނެވެ. ސައިފް ޢަލީ ޚާންގެ އިތުރުން ޕްރަބާސް މުހިއްމު ރޯލް ކުޅެފައިވާ މިފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބިފައިވަނީ މަސްހުނި ފާޑުކިޔުންތަކެކެވެ.
ކްރިތީގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޓައިގާ ޝްރޮފްއާއެކު ކުޅޭ ފިލްމު "ގަންޕަތު"، ޝާހިދު ކަޕޫރާއެކު ކުޅޭ ވަކި ނަމެއް ހަމަޖެހިފައިނުވާ ފިލްމުގެ އިތުރުން ރެއާ ކަޕޫރުގެ ފިލްމު "ދަ ކްރޫ" ހިމެނެއެވެ. މީގެތެރެއިން ފިލްމު "ގަންޕަތު"ވަނީ މިއަހަރުގެ އޮކްޓޯބަރ 20ގައި ރިލީޒްކުރުމަށް ނިންމާފައެވެ.