ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ގުޅޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ އާރްޑިސީގެ އެކަައުންޓުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ހިސާބުންނެވެ.

އެގޮތުން އާރްޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ)އާ މައްސަލަ ގުޅުވައި، ފައިސާ ޖަމާ ކޮށްފައިވަނީ ޔާސިރުގެ އަމިއްލަ އެކައުންޓަށް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މޫކޭ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ "ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް" ފައިސާ ޖަމާކޮށްފައި ނުވާނެ ކަމަށެވެ.

"އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެތާ ގައިމުވެސް. ކުރުވާހަކަ ލިޔާ އިރުވެސް މިއަށްވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ،" މޫކޭގެ ޓްވީޓުގައިވެއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އާރްޑީސީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިންގެ މައްސަލައެއްގެ ގޮތުގައެވެ.

ނަމަވެސް މި މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފެންމަތިވެ، އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އާރްޑީސީއާ ގުޅޭ މައްސަލައެއް އެ މުއައްސަސާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ)އިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މޫކޭއާއި ޔާސިރަކީ ގާތް ދެ ރަހުމަތްތެރިންނަށް ވާއިރު، ޔާސިރު ވަނީ ދާދި ފަހުން މޫކޭގެ ކޮއްކޮ އާ ކައިވެނި ކޮށްފައެވެ.