ދެ ހާސް ހަތް ވަނަ އަހަރު ސަލްޓަންސް އޮފްދަ ސީސް އިން ދެ ލޯންޗް ރާއްޖެ އެތެރެކުރި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ކުރީގެ ވެރިޔާ މ. ބާރަނާ އިބްރާހިމް ޝާފިއުގެ މައްޗަށް ދައުލަތުން އުފުލި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއަށް އޭނާ ކުރައްވައިފި އެވެ.

ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން ޝާފިއު ވިދާޅުވީ ދައުވާ އަށް އިންކާރައްވާ ކަމަށާއި އޭނާގެ ފަރާތުން ވާހަކަ ދައްކަ ވާނީ ވަކީލު ކަމަށެވެ.

ޝާފިއުގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީ ވުމަށް ފުރުސަތެއް ބޭނުންވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ސަލްޓަންސް އޮފް ދަ ސީސް އިން ޑިސެމްބަރު 14، 2007ގައި އާއި މާޗް 25، 2007ގައި ރާއްޖެ ގެނައި ދެ ލޯންޗް ކަސްޓަމަށް ހުށަހަޅާފަ ވަނީ އަގު އޮޅުވާލައިގެން ކަމަށް ކަސްޓަމްސްގެ އިންވެސްޓިގޭޝަން ބައިން ނިންމައި، އެ ދެ ލޯންޗް ރާއްޖެ އެތެރެކޮށްފައި ވަނީ އިންޕޯޓު އެކްސް ޕޯޓް ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެ މައްސަލައިގައި ސަލްޓަންސް ޖޫރިމަނާ ކުރުމަށް ޝާފިއު އަށާއި ކަސްޓަމްސްގެ އަގުބަލާ ކޮމެޓީ އަށް އެންގުމުން ޖޫރިމަނާކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން ޝާފިއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފާއިދާއެއް ހޯދައިދިން ކަމުގެ ކުށުގެ ދައުވާ އުފުލީ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުވާ އަށް ޖަވާބުދާރީ ވުމަށް ޝާފިއުއަށް ހަތް ދުވަހުގެ ފުރުސަތު ދެއްވުމަށް ފަހު އެވެ.

އެ މައްސަލައިގެ އިތުރުން 2008 ވަނަ އަހަރު ސެންޓާ އެންޓަޕްރައިޒަސް އިން ރާއްޖެ ގެނައި ކްރޭންއެއްގެ ޑިއުޓީ އަގު އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކުޑަކޮށްދީފައިވާ ކަމުގެ ތުހުމަތުގައި ޝާފިއު އާއި ކަސްޓަމްސްގެ ކުރީގެ އިސް ވެރިންތަކެއްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ.