02 May 2012, 11:16
ކުލަބް އީގަލްސްގެ އެސިސްޓެންޓް ކޯޗް ހދ. ހަނިމާދޫ، ހުޅަނގުގޭ، އަހުމަދު ޝާކިރުގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން އެނގި ހުރެ އެކަން، ކަމާ ބެހޭ ފަރާތަށް ނާންގައި ހުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިއަދު އުފުލައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޝާކިރުގެ ރައްޓެއްސެއް ކަމަށްވާ މ. ލޮނުމިދިލިގޭ ޝަފާޒު އަބްދުއްރައްޒާގު (ސަފާ) އަކީ މަސްތުވާއެއްޗެއް ގެންގުޅޭ މީހެއްކަން އޭނާ އަށް އެނގި ހުރެ އެކަން ކަމާ ބެހޭ ފަރާތަށް އޭނާ އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން އެ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި ކަމަށް އެނގި ހުރެ އެކަން ކަމާ ބެހޭ ފަރާތަށް ނޭންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލާ ކަމަށެވެ.
ދައުވާ އަށް ޖަވާބުދާރީ ވަމުން ޝާކިރު ބުނީ ސަފާ އަކީ އޭނާގެ ރައްޓެއްސެއް ކަމަށާއި އަދި ސަފާއާ ފޯނުން އާންމުގޮތެއްގައި ވާހަކަ ދައްކައި ހަދައި ކަމަށެވެ. ނަމަވެސް އޭނާއަކީ މަސްތުވާތަކެތި ގެންގުޅޭ މީހެއްކަން އޭނާ އަށް އެނގިފައިނުވާ ކަމަށް ވެސް ޝާކިރު ބުންޏެވެ.
އޭނާ ދައުވާ އަށް އިންކާރުކުރުމުން ދައުލަތުން ވަނީ ދައުވާ ސާބިތުކުރުމަށް ޓަކައި ހެކި ހުށަހަޅައިފަ އެވެ. ދައުލަތުން ހުށަހެޅި ހެކިތަކަކީ، ހ. ފަށަން ގެއިން މަސްތުވާތަކެތި ފެނިގެން ސަފާ ހައްޔަރުކުރި ދުވަހު އޭނައާ ސަފާއާ ދައްކާފައި ހުރި ވާހަކަތަކުގެ ފޯން ރިކޯޑިން އާއި އޭގެ ސްކްރިޕްޓެވެ. އަދި އެ ފޯނުން ވާހަކަ ދައްކާފައި ވަނީ ޝާކިރުކަން ސާބިތުކުރުމަށް ޓަކައި ޑިޖިޓަލް އެނަލައިޒް ރިޕޯޓު ތައްޔާރުކުރި ޕޮލިސް އޮފިސަރު ވެސް ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ.
ސަފާ އާއި އޭނާގެ ބައިވެރިން މަސްތުވާތަކެއްޗާ އެކު ހ. ފަށަން ގެއިން ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ. އެ ގޭގައި ސަފާ ކުއްޔަށް ހިފައިގެން އުޅޭ ދެ އެ ޕާޓްމަންޓުން ވަނީ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ގިނަ ޕެކެޓުތަކެއް ހޯދައިފަ އެވެ.
އެ މައްސަލައިގައި ސަފާ އާއި އޭނާގެ ބައިވެރިންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ.
ސަފާއަކީ 2005 ވަނަ އަހަރުން ފެށިގެން ފުޅާދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެކަމުގެ ވިޔާފާރިކުރަމުން އަންނަ ނެޓްވޯކެއް އޮޕަރޭޓް ކުރާ މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.