04 Jul 2023, 18:09
ސައުދީ އަރަބިއާގެ އަލް އެތިފާގުގެ ކޯޗަކަށް ލިވަޕޫލް ލެޖެންޑް ސްޓީވަން ޖެރާޑް ހަމަޖައްސައިފިއެވެ.
މީގެ ކުރިން ރޭންޖާސްއަށް ވެސް އިރުޝާދުދީފައިވާ ޖެރާޑް އެންމެ ފަހުން ހުރީ އެސްޓަން ވިލާގެ ކޯޗަކަމުގެ މަގާމުގައެވެ. މިދިޔަ ސީޒަނުގެ ސައުދީ ލީގުގެ ހަތްވަނައިގައި ނިންމާލަން ޖެހުނު އަލް އެތިފާގާ ޖެރާޑް ހަވާލުވާނީ އެންޓޯނިއޯ ކަޒޯލާގެ ބަދަލުގައެވެ.
އަންނަ ސީޒަނުގެ ސައުދީ ޕްރޯ ލީގުން ޖެރާޑާއެކު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ އާއި ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އާއި ޕޯޗުގަލް މިޑްފީލްޑަރު ރުބެން ނެވޭޒް އަދި ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ވެސް އަންނަ ސީޒަނުގައި ސައުދީ ލީގުން ފެނިގެންދާނެއެވެ.
އަލް އެތިފާގުގެ ކޯޗުކަމާ ޖެރާޑް ހަވާލުވިކަން އިއުލާންކުރުމުގެ ގޮތުން އެ ކްލަބުން ކުރި ޓުވީޓެއްގައި ބުނީ ކޯޗުކަމުގެ މަގާމަށް ޖެރާޑް ހަމަޖެހިގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
އަންނަ ސީޒަނުގެ ސައުދީ ޕްރޯ ލީގު ފެށިގެންދާނީ އަންނަ މަހުގެ 11 ވަަނަ ދުވަހުއެވެ. ނަމަވެސް މިހާތަަނަށް ލީގުގެ މެޗު ޝެޑިއުލް އާންމުކޮށްފައެއް ނުވެއެވެ.