08 Jul 2023, 14:01
ފްލޯޓިން ސިޓީގެ ވާހަކަ މަގުބޫލުވެފައިވަނީ ހަމައެކަނި ރާއްޖޭގައި އެކަންޏެއް ނޫނެވެ. މި މަޝްރޫއުގެ ވާހަކައަކީ ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަން ހޯދައި، ބޭރުގެ 'ފަލަ' ސުރުޚީތަކަށް އެރި ވާހަކައެކެވެ.
އެންމެ ފުރަތަމަ 2010ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ޓަކައި ޑަޗް ޑޮކްލޭންޑްސްއަށް ހަވާލުކުރިއެވެ. ރައީސް ނަޝީދުގެ ސަރުކާރު ނިމުނު އިރު ވެސް އެ މަޝްރޫއު ފެށޭ ގޮތް ނުވިއެވެ.
ދެން އައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެއިރު ޑަޗް ޑޮކްލޭންޑްސްއަށް ހަވާލުކުރި ފަސް ފަޅުގެ ތެރެއިން ދެ ފަޅެއް ސަރުކާރަށް ނެގިއެވެ.
މިހާރުގެ ސަރުކާރުން އަލުންވަނީ މި މަޝްރޫއު ކުރިއަށް ގެންދަން ނިންމައި 2021 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭ އަލުން މަޝްރޫއު އިފްތިތާހުކޮށްފައެވެ. 5000 ހައުސިން ޔުނިޓު އެޅުމަށް ބައިސަން މޯލްޑިވްސްއާ ހަވާލުކޮށް މިހާރު އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މަސައްކަތް ފަށަން ތައްޔާރު، ހުރަހެއް ނެތް
"ސަން"އިން ވާނީ މި މަސައްކަތް ކުރިއަށްދާ މިންވަރާއި ފްލޯޓިން ސިޓީ މަޝްރޫއުގެ ދަށުން އަޅާ އެޕާޓްމަންޓުތައް ބަލައިލާފައެވެ. މި މަޝްރޫއުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒާއެކު ދެކެވުނު ވާހަކަތަކުގައި ކޮންޓްރެކްޓަރުން އަދިވެސް ތިބީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ތައްޔާރަށްކަމަށް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ މި މަޝްރޫއަކީ ފަތުރުވެރިކަމާ ގުޅުންހުރި ބޮޑު މަޝްރޫއަކަށްވުމުން މަސައްކަތް ފެށުމުގެ ކުރިން ފްލޯޓިން ސިޓީ މަޝްރޫއުގެ މާސްޓާ ޕްލޭނަށް ސަރުކާރުން ހުއްދަ ލިބެންޖެހޭކަމަށެވެ.

ފްލޯޓިން ސިޓީ މަސައްކަތާ ގުޅޭގޮތުން ރިޔާޒް 'ސަން'އާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ
އެގޮތުން މަޝްރޫއުގެ މާސްޓާ ޕްލޭނަށް ސަރުކާރުން ހުއްދަ ދިނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިކަމަށާއި އެއީ މިހާތަނަށް ވެސް އަމަލީ މަސައްކަތް ނުފެށި ލަސްވަމުން އައި ސަބަބުކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މި ފްލޯޓިން ސިޓީގެ މާސްޓާ ޕްލޭނުގެ ހުއްދަ ލިބިގެން މި ދިޔައީ މިދިޔަ 2023 ޖެނުއަރީ 30 އިން. ދެން އެ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް ޓެކްނިކަލް މަސައްކަތާއި އީއައިއޭ ހަދަން ފެށޭނީ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އީއައިއޭގެ މަސައްކަތަށް ހުއްދަ ލިބުނީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައިކަމަށެވެ. އެއާއެކު ފަޅުގައި މަސައްކަތް ފަށަން މިހާރު ތައްޔާރުވެފައިވާކަމަށް ރިޔާޒު ވިދާޅުވިއެވެ. އެ ކަމަށް ބޭނުންވާ ޑިޒައިންތަކާއި ކުރެހުންތައް ވެސް ހުރީ ތައްޔާރަށް ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަމަލީ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭ ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ފްލޯޓިން ސިޓީގެ މޮކްއަޕް ގެތަކެއް -- ސަން ފޮޓޯ
"މަސައްކަތަށް ބޭނުންވާ ޑިޒައިންތަކާ އެއްޗެހިކޮށް ނިމިފައިހުރީ. ދެން އެެހެންނަމަވެސް ލެގޫންގައި އަމަލީގޮތުން މަސައްކަތްކުރަން ފަށަން ޖެހޭތީ ޕްރޮޓެކްޝަން އައިލޭންޑްތައް ހިއްކުމުގެ މަރުހަލާ ކުރިއަށް ގެންދަން ޖެހޭ. އެހެންވީމާ އެޔަށް ކޮންޓްރެކްޓަރާއެކު އަޅުގަނޑުމެން މި ވޯކްކުރަނީ. އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭނެ،" އޭނާ ވިދާޅުވިއެވެ.
މަޝްރޫއުގެ ޑިޒައިނަށް އައި ބަދަލު
ރިޔާޒް ވިދާޅުވީ އަބަދުވެސް ފްލޯޓިން ސިޓީގެ މަސައްކަތް ނިންމަން ބޭނުންވާނެ މުއްދަތެއްގެ ގޮތުގައި ކަނޑައަޅައިފައިވާ މުއްދަތަކީ އަމަލީ މަސައްލަތް ފެށޭ ތާރީޚުން ފެށިގެން ފަސް އަހަރުކަމަށެވެ.
ރިޔާޒް ވިދާޅުވީ މާސްޓާ ޕްލޭނަށް ގެނައި ބަދަލުގައި ޓެކްނިކަލް ބަދަލެއް ނާންނަ ކަމަށެވެ.
ގެނައި ބަދަލަކީ މި ޕްރޮޖެކްޓަށް އޮތް ޑިމާންޑާއެކު ފްލޯޓިން ސިޓީ މަޝްރޫއުގެ ދަށުން އަޅާ އެޕާޓްމަންޓުތަކުގެ އަދަދު އިތުރުވާނެހެން މަލްޓި ސްޓޯރީ ނުވަތަ މައްޗަށް ފަންގިފިލާތަކެއް އިތުރުވާހެން ބަދަލު ގެނައުންކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އެޕާޓްމަންޓުގެ އަދަދު އިތުރުވެ އެޕާޓްމަންޓުގެ އަގު ހެޔޮވާނެ ކަމެއްކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަން އަތްފޯރާ ފަށުން ލިބޭނެ މަގަަކަށްވާނެ ކަމަށް ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި ހުރި މައްސަލަތަކަށް އޮތް ހައްލެއް!
ރިޔާޒް ވިދާޅުވީ، ފްލޯޓިން ސިޓީއަކީ ރާއްޖޭގައި ހުރި ގިނަ މައްސަލަތަކަކަށް ހައްލު ގެނައުމުގެ ބޭނުމުގައި ފަރުމާކުރެވިފައިވާ މަޝްރޫއެއްކަމަށެވެ.
އެގޮތުން މިއީ ބިން ހިއްކުން ފަދަ ތިމާވެއްޓަށް ބޮޑު ނޭދެވޭ އަސަރެއްކުރާނެ ކަންކަމަށް އޮތް ހައްލެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފްލޯޓިން ސިޓީގައި ބާސްކެޓު ކޯޓެއްގެ ޚިޔާލީ ކުރެހުމެއް -- ފޮޓޯ/ ޑަޗް ޑޮކްލޭންޑްސް
"ފްލޯޓިން ސިޓީގައި އަޅުގަނޑުމެން މި ރަމްޒުކުރަނީ [ބިން] ހިއްކާކަށްނުޖެހެޔޭ. ނުހިއްކައި އަޅުގަނޑުމެންގެ މި ގުދުރަތީ ގޮތުން ރައްކާތެރިކަން ލިބިފައިވާ ލެގޫންތަކުގެ ތެރޭގައި ފްލޯޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެދިދާނެ ގޮތެއްް،" ރިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފްލޯޓިން ޓެކްނޮލޮޖީއަކީ މި ދާއިރާގައި ކުރިއަރައިފައިވާ ނެދަލޭންޑްސްފަދަ ގައުމުތަކުގައި ތަޖުރިބާކޮށްފައިވާ ކަމެއްކަމަށެވެ. އެއާއެކު ރާއްޖޭގައި ހިންގާ މި މަޝްރޫއަކީ ދުނިޔޭގައި ފުރަތަަމަ ފަހަރަށް ފްލޯޓިން ސިޓީއެއް ތަރައްގީކުރެވޭ މަޝްރޫއުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފްލޯޓިން ސިޓީގައި ވެސް އޮފީސްތަކާއި، ސްކޫލާއި، ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތައް ހުންނާނެކަމަށެވެ. މީގެ އިތުރުން މިސްކިތާއި، ކުޅިވަރު ދަނޑުތައް ފަދަ ވަސީލަތްތައް ގާއިމްކުރެވިފައި ހުންނާނެކަމަށް ވިދާޅުވިއެވެ.

ފްލޯޓިން ސިޓީގެ މޮކްއަޕް ގެއެއްގެ މާސްޓާ ބެޑްރޫމެއް. ބޭރަށް ނިކުމެވޭ ގޮތަށް ތަނަވަސް ބެލްކަންޏެއް ވެސް ހުރޭ -- ސަން ފޮޓޯ
"މީހުންނަށް ޚިދުމަތެއް ހޯދަން އެހެން ތަނަކަށް ދާން ނުޖެހި އުޅެވޭނެ ތަނަކަށް ވެގެންދާނެ. އޭގެ އިތުރުން އަނެއް ތަފާތަކީ އަޅުގަނޑުމެން މީގެ 50، 20، 30 އަހަރު ކުރިން އުޅުނު މާހައުލަށް އަނބުރާ އެބަ ގެނެސްދޭ،" ރިޔާޒް ވިދާޅުވިއެވެ.
ފްލޯޓިން ސިޓީގެ މޮކްއަޕް ޔުނިޓު ބަލައިލުމަށް ކުރި ދަތުރުގައި އެ އެޕާޓްމަންޓުތައް ބަލައިލުމުން ފެނުނީ ހިތްގައިމު މާހައުލެކެވެ. އެއީ މިހާރު ވެސް އެއްގަމުގައި ހުންނަ ފަދަ އެޕާޓްމަންޓުތަކާއި ގެ ތަކެވެ. އެ ތަންތަނުގެ ޖާގަ ތަނަވަހެވެ. ތަފާތަކީ ފަޅެއްގައި ހުރުމެވެ.
މި މަޝްރޫއު ނިމި ހަގީގަތަކަށްވުމަކީ އާންމުން ދެކެން ބޭނުންވާނެ މަންޒަރެކެވެ.