ޖެނީން (4 ޖުލައި 2023): އިސްރާއީލުން ހުޅަނގު އައްސޭރީގެ ޖެނީންގެ ރެފިއުޖީ ކޭމްޕުގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ އިތުރު ހަ މީހަކު ޝަހީދުކޮށްލައިފިއެވެ.

މިއާއެކު ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިސްރާއީލުން ޖެނީންގައި ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދުވަނީ 10 އަކަށް އަރާފައެވެ. ދިހަ މީހުން ޝަހީދުކޮށްލާފައިވާއިރު 60 އަށްވުރެ ގިނަމީހުން ވަނީ ޒަޚަމްވެސް ކޮށްލާފައެވެ.

ފަލަސްތީނުންވަނީ އިސްރާއީލުން ޖެނީން ރެފިއުޖީ އަވަށަށް އަރައި ހިންގަމުން މިގެންދަނީ ގަތުލުއާންމެއްކަމަށް ސިފަކޮށްފައެވެ.

އެމެރިކާ ބުނާގޮތުން އިސްރާއީލު ހިންގަނީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ އަމަލެކެވެ. އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާކަމަށް ބުނެ އެމެރިކާ ސަރުކާރު ވަނީ އިސްރާއީލުގެ މިގަތުލުއާންމަށް ތާއީދުކޮށްފައެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ބުނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނަކީ ޓެރަރިސްޓުން ކަމަށާއި ޓެރަރިސްޓުންނާ ދެކޮޅަށް އަމިއްލަ ނަފުސު ދިފާއުކުރުމުގެ ހައްގު އިސްރާއީލަށް އޮންނާނެކަމުގައެވެ.

ނަމަވެސް އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންވުމަށް މަސައްކަތްކުރުމުގެ ހައްގު ފަލަސްތީނަށް އޮންނާނެކަމާއި އިސްރާއީލުގެ އުދުވާނާ ދެކޮޅަށް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ފަލަސްތީނަށް އޮންނާނެކަން ގަބޫލުކުރުމަށް އެމެރިކާ ވަނީ ފަސްޖެހިފައެވެ.

އިސްރާއީލުގެ އުދުވާނާބެހޭގޮތުން ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ އިސްރާއީލުގެ އުދުވާނީ އަމަލުތަކާއި މީހުން މެރުމުގެ ޖަރީމާތަކާ ގުޅިގެން އިސްރާއީލާއެކު އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ކުރުމާއި އެއްވެސް ކަމެއްގައި އެއްބާރުލުން ދިނުން ފަލަސްތީނުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އަދި އައްބާސްވަނީ އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައިވާ ފަލަސްތީނުގެ ރެފިއުޖީންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

ފަލަސްތީނުގެ ވެރިކަމުގެ އިދާރާއަކީ ހުޅަނގު އައްސޭރީގެ ސަލާމަތާބެހޭ ކަންކަމުގައި އިސްރާއީލަށް އެއްބާރުލުން ދެމުން ގެންދާ އިދާރާއެކެވެ. އެއްބާރުލުން ދެނީ އިސްރާއީލުގެ އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ހަރަކާތްތެރިވާ ފަލަސްތީނު މުޖާހިދުންގެ މައުލޫމާތު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީގެންނެވެ.

އިސްރާއީލާދެކޮޅަށް ފަލަސްތީނުގެ މުޖާހިދުންކުރާ މިނިވަންކަމުގެ ޖިހާދަށް މިކަމުގެ ސަބަބުން ހުރަސްއެޅުނު ނަމަވެސް އަދި މިއީ ފަލަސްތީނު އަމިއްލައަށް ފަލަސްތީނުގައި ވަޅިއެޅުންފަދަ ކަމެއްކަމަށްވިޔަސް ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން މިކަންކުރަނީ އިސްރާއީލާއި އެމެރިކާ ކުރަމުންގެންދާ ފިއްތުންތަކާ ގުޅިގެން އިތުރު އެހެން ގޮތެއްނެތިގެންނެވެ.

އެހެންނޫނީ އިސްރާއީލުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާ ރޫޅާލައި ފަލަސްތީނުގެ ލީޑަރުން ޝަހީދުކޮށްލާނެކަމުގެ ބިރު އޮތުމުންނެވެ. ނަމަވެސް މިމައްސަލާގައި ފަލަސްތީނުގެ މުޖާހިދުންނާއި މުޖާހިދުންގެ ޖަމާއަތްތަކުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާދެކެ ވަރަށް ބޮޑަށް ރުޅިއާދެއެވެ.

ޖެނީން ރެފިއުޖީ ކޭމްޕަކީ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައިވާ އަވަށެކެވެ. ސާދަހާހަށްވުރެ ގިނަ ރެފިއުޖީން އެ އަވަށުގައި ދިރިއުޅެއެވެ. އިސްރާއީލު ސިފައިން އެއަވަށަށް ވެދަގަނެ ފަލަސްތީނުގެ މުޖާހިދުން ހައްޔަރުކުރުމުގެ ނަމުގައި ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން ފަލަސްތީނުގެ 500 އަށްވުރެ ގިނަ އާއިލާ ވަނީ އެތަނުން ނުކުންނަންޖެހި މަގުމަތިވެފައެވެ.

އިސްރާއީލު ސިފައިން މިހާރުވަނީ ޖެނީން ރެފިއުޖީ އަވަށުން ފެނާއި ކަރަންޓް ކަނޑާލާފައެވެ. ނަމަވެސް އިސްރާއީލު ހައްޔަރުކުރަން ބޭނުންވާ މީހުން އަތުލައިގަތުމުގައި އިސްރާއީލު ސިފައިން ވަނީ މުޅިން ނާކާމިޔާބު ވެފައެވެ. ފަލަސްތީނުގެ މުޖާހިދުންވަނީ ޖެނީން ރެފިއުޖީ އަވަށަށް ހަމަލާދޭން އިސްރާއީލު ބޭނުންކުރާ އަސްކަރީ ޑްރޯންތަކުގެ ތެރެއިން ހަތަރު ޑްރޯން ވައްޓާލައި އިސްރާއީލު ސިފައިންގެ އާމެޑް ވެހިކަލްތަކުގެ ތެރެއިން ބައެއް ވެހިކަލް ގޮއްވާލާފައެވެ.