އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑާއި ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ދެ މީހަކު އައްޔަންކޮށްފިއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް އައްޔަންކުރީ ސ. ފޭދޫ، ނޫކޮކާގެ، ޝާތިފް އަލީއެވެ. ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް އައްޔަންކުރީ ސ. މަރަދޫފޭދޫ، ލަކްސަމީވިލާ، އަހްމަދު ޝަރީފް އަލީއެވެ.

މި ދެ ފަރާތް، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުގެ މަޤާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

އައްޑޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް އައްޔަންކުރި ސ. ފޭދޫ، ނޫކޮކާގެ، ޝާތިފް އަލީ-- ފޮޓޯ/ ޕީސީބީ

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން މި ދެ ބޭފުޅުން އެ މަޤާމަށް އައްޔަންކުރި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީސީބީގެ ރައީސް އާސިމް މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކައްދޫ އެއާޕޯޓުގެ ފައިނޭންޝަލް އަދި ގަވަނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ހިއްސާކޮށް އެކަންކަން އިސްލާހުކޮށްދެއްވުމަށް ޕީސީބީން ވަނީ އެ ދެ ބޭފުޅުންގެ އަރިހުގައި އެދިވަޑައިގެންފައެވެ. އަދި ކުންފުނި ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކޮށްފައެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމާ ހަވާލުވި ޝާތިފް އަލީ ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަސިޓީއިން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލް ކުރައްވާފައެވެ. ކައްދޫ އެއާޕޯޓްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް އައްޔަންކުރި އަހްމަދު ޝަރީފް އަލީ ވަނީ އެމެރިކާގެ މެރިން ކޯ ޔުނިވަސިޓީއިން މާސްޓާސް އިން މިލިޓަރީ ސައިންސް ހާސިލްކޮށް މިލިޓަރީ މެނޭޖްމަންޓްގެ ދާއިރާއިން ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.