ޓްވިޓާގައި ތަފާތު އެކައުންޓްތަކާއި ލިސްޓްތައް، ކޮލަމްތަކެއްގެ ގޮތުގައި އެއް ފަހަރާ ފެންނަ ގޮތަށް ހަދާފައިވާ 'ޓްވީޓްޑެކް' ބޭނުން ކުރުމަށް ޓަކައި އެކައުންޓް ވެރިފައި ކުރަން ޖެހޭނެ ކަމަށް ޓްވިޓާއިން ބުނެފިއެވެ.

ޓްވިޓާ ކުންފުނީގެ ރަސްމީ އެކައުންޓުން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ވަނީ، މި ބަދަލަށް އަމަލުކުރަން ފަށާނީ 30 ދުވަހުގެ ތެރޭގައި ކަމަށެވެ.

ޓްވިޓާއިން މިކަން ހާމަކޮށްފައިވަނީ ޓްވީޓްޑެކްގެ އާ ވާޝަންއަކާއި އޭގެ ފީޗާތައް އިއުލާން ކުރަމުންނެވެ.

ޓްވިޓާގައި އެކައުންޓް ވެރިފައި ކުރުމަށް، އެ މީހަކު ދިރިއުޅޭ ގައުމެއްގެ ގޮތުން ވަކިވަކި ފަރުދުންގެ އެކައުންޓްތަކަށް މަހަކު އަށް ޑޮލަރު ނުވަތަ އެއަށް ވުރެ ގިނައިން ދައްކަން ޖެހޭއިރު ކްލަބް ޖަމިއްޔާތަކުން މަހަކު 1،000 ޑޮލަރު ދައްކަން ޖެހެއެވެ.

އެ ކުންފުންޏާ ބިލިއަނަރު އީލޯން މަސްކް ހަވާލުވި ފަހުން އިޝްތިހާރު ކުރާ ފަރާތްތައް މަދުވެ، އާމްދަނީ ކުޑަވެފައިވާ ޓްވިޓާއިން މި ފިޔަވަޅު އަޅަނީ ފައިސާ ހޯދޭނެ އިތުރު ގޮތްތައް ހޯދުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ޓްވިޓާއަށް ދާދި ފަހުން ގެެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި، ލޮގިން ނުކުރާ ނަމަ ޓްވީޓާ ވެބްސައިޓުން އެއްގޮތަކަށް ވެސް ޓްވީޓްތައް ނުފެންނަ ގޮތް ހެދުމާއި ވެރިފައި ނުކުރާ އެކައުންޓްތަކަށް ދުވާލަކަށް ބެލޭނީ 1،000 ޓްވީޓް ކަމަށް ކަނޑައެޅުން ހިމެނެއެވެ.

ޓްވީޓްޑެކްއަކީ ޓްވިޓާގެ ގިނަ ކޮންޓެންޓްތަކެއް ގަވައިދުން، އެއް ފަހަރާ ބަލަމުން ދިޔުމަށް ވިޔަފާރިތަކާއި މީޑިއާތަކުން އާންމުކޮށް ބޭނުންކުރާ ޓޫލްއެކެވެ.