ކަލާފާނު ސްކޫލް ކައިރީ ހަނިގޯޅިއެއްގެ ތެރޭގައި ހުރި ސައިކަލެއްގައި ރޭ ބަޔަކު ރޯކޮށްލައި އިތުރު ސައިކަލަކަށް ގެއްލުންދީފި އެވެ.

އެ ސައިކަލްގެ ވެރިމީހާ، ހ. ތަބުރުވިލާ އައްދުއްރަހުމާނު މިއަދު ބުނީ ރޭ ދަންވަރު އެކެއްޖަހާ އެހާކަންހާއިރު އޭނާގެ ސައިކަލްގައި ރޯވެފައިވާ ކަން އެނގުނީ ވަރަށް ބާރު އަޑެއް އިވިގެން ގޭތެރޭގައި ހުރެފައި ނުކުތްއިރު ކަމަށެވެ. އެވަގުތު އެ ގޯޅިތެރޭގައި ހުރި އެހެން ގެއެއްގެ ބަޔަކު ފެން ޖަހައި ސައިކަލްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާށޭ ގޮވަމުން ދިޔަ ކަމަށެވެ. އަދި ސައިކަލްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވަނީ އެމީހުންނާއި އޭނާގެ ގޭ މީހުން ވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ހާދިސާ ހިނގި ކަން ވަނީ ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އަބްދުއްރަހުމާން ބުނީ ބުރުޒުމަގުން ވަދެވޭ ގޮތަށް އޮންނަ ނޫމުތީގޯޅީގައި ހުރި އޭނާގެ ސައިކަލު ބަޔަކު ރޯކޮށްލާފައި ވަނީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށާއި ސައިކަލްގެ ކައިރީގައި ކަރާސީނު އަޅާފައި ހުރި ހުސް ފުޅިއެއް ވެސް އޮތް ކަމަށެވެ. އަދި ބުނީ ސައިކަލަށް ބޮޑު ގެއްލުމެއް ލިބިފައިވާ އިރު އެގޯޅިތެރޭގައި ހުރި އެހެން ސައިކަލެއްގެ މަޑިދަށަށް ކޮންމެވެސް އެއްޗެއް ލައި މަތާލައި އެ ސައިކަލްގެ މަޑިއަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ދީފައިވާ ކަމަށެވެ.

"ގޭގައި ތިބެފައި ނުކުތް އިރު ގޭކުރިމަތީގައި ހުރި ގޭ މީހުން ފެންޖަހާށޭ ގޮވަމުން ދިޔަ، އޭރު ސައިކަލްގެ އިންޖީނު ކައިރީގަ އާއި މަޑީގައި ހުރީ އަލިފާން ރޯވެފައި. ލަފާކުރެވެނީ ކަރާސީނު އަޅައި ބަޔަކު ގަސްދުގައި ރޯކޮށްލާފައިވާ ކަމަށް،" އަބްދުއްރަހީމް ބުންޏެވެ.