04 Jul 2023, 08:22
އެކްޓަރު ރަންބީރު ކަޕޫރު އަދި ބަތަލާ ރަޝްމިކާ މަންދަނާ ލިޑް ރޯލް ކުޅޭ ފިލްމު "އެނިމަލް" މިއަހަރުގެ ޑިސެމްބަރ 1ގައި ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.
މިފިލްމު ކުރިން ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ 11ވަނަ ދުވަހުއެވެ. އެހެންނަމަވެސް ފިލްމު ވީއެފްއެކްސްގެ މަސައްކަތް ނުނިމި ލަސްވުމާ ގުޅިގެން ފިލްމު ރިލީޒްކުރުންވަނީ ފަސްކުރެވިފައެވެ.
ކުރިން ފިލްމު ރިލީޒްކުރުމަށް ނިންމި ތާރީޚުގައި ފިލްމު ރިލީޒްކުރިނަމަ ސަނީ ޑިއޯލް އަދި އަމީޝާ ޕަޓޭލް ލީޑް ރޯލްކުޅޭ ފިލްމު "ގަދަރު2" އަދި އަކްޝޭ ކުމާރުގެ ފިލްމު "އޯމައިގޯޑް2" ރިލީޒްކުރާ ތާރީޚާވެސް މިފިލްމު ފުށުއަރާނެއެވެ. އެހެންކަމުން ފިލްމުގެ ޕްރޮޑިއުސަރުންކަމަށްވާ ބޫޝަން ކުމާރު އަދި މުރާދު ކެތާނީ ބުނެފައިވަނީ ފިލްމު ރިލީޒްކުރުން ފަސްކުރުމަށް ނިންމި ނިންމުމަކީ އެންމެ ރަގަޅު ނިންމުންކަމަށެވެ.
ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހު "އެނިމަލް" ރިލީޒްކުރުމަށް ނިންމާފައިވާއިރު މިފިލްމު ރިލީޒްކުރާނީ ބަތަލާ ކެޓްރީނާ ކައިފް އަދި އެކްޓަރު ސަލްމާން ޚާންގެ ފިލްމު "ޓައިގާ3" ސިނަމާތަކަށް ގެންނަތާ ތިން ހަފްތާ ފަހުންނެވެ. އަދި ޝާހްރުކް ޚާންގެ ފިލްމު "ދުންކީ" ރިލީޒްކުރުމުގެ ތިން ހަފްތާ ކުރިންނެވެ. އެހެންކަމުން މިހާރު ހަމަޖެހިފައިވާ ތާރީޚާމެދު ސުވާލުތަކެއް އުފެދުމުގެ ފުރުސަތު ބޮޑެވެ.
ރަންބީރު ކަޕޫރުގެ އިތުރުން އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލް މުހިއްމު ރޯލްއިން ފެންނަ މިފިލްމަކީ، ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް އެކުލެވޭ ފިލްމެކެވެ. ފިލްމުގެ ވީއެފްއެކްސް މަސައްކަތް ވީހާވެސް ކޮލިޓީކޮށް ނިންމަން ބޭނުންވާ އެންމެ މުހިއްމު އެއްބޭނުމަކީވެސް ފިލްމުގައި ހިމެނޭ އެކްޝަން ސީންތައްކަމަށް ކްރޫގެ މެމްބަރަކުވަނީ ބުނެފައެވެ.
ޑައިރެކްޓަރު ސަންދީޕް ރެޑީގެ މިފިލްމަކީ، ޓީ-ސީރީސްއިން އުފައްދާ ފިލްމެކެވެ. އަދި މިއީ މިހާތަނަށް ރަންބީރު ކަޕޫރު ފެނިފައިނުވާފަދަ ކެރެކްޓާއަކުން އެކްޓަރު ބެލުންތެރިންނާ ބައްދަލުކުރާނެ ފިލްމެއްކަމަށް ސަންދީޕް ރެޑީވަނީ ބުނެފައެވެ.