އަނެއްކާ ވެސް ކަނޑުތައް ގަދަވުމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސް ކޮށްފިއެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތުގެ މައުލޫމާތު "ސަން"އަށް ފޯރުކޮށްދެމުން މެޓް އޮފީހުގެ ފޯކާސްޓަރަކު ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މޫސުން ރަނގަޅުވާން ފަށާނީ ބުދަ ދުވަހު ކަމަށް ބެލެވޭ ނަމަވެސް، އޭގެ ފަހުން ވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާ ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އާދައިގެ ވަރަކަށް ވައި ގަދަވާނެކަމަށެވެ. އެހެން ކަމުން ކަނޑުތައް ގަދަވެ، ވިލާގަނޑުގައި އިތުރަށް ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވިލާގަނޑުގަ 30 މޭލާ 40 މޭލާ ދޭތެރޭ ވައި ބާރުވާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވިއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރަށް ބަލާއިރު، އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ، ލ. ކައްދޫ އަށެވެ. އެއީ 77.7 މިލިމީޓަރުގެ ވާރޭއެވެ. މީގެ އިތުރުން، ބ. ތުޅާދޫއާއި ހދ. ކުޅުދުއްފުށި އަދި ހދ. ހަނިމާދޫއަށް ވެސް ގިނަ އަދަދަކަށް ވާރޭ ވެހިފައިވެއެވެ.

މެޓް އޮފީހުގެ ފޯކާސްޓަރު ވިދާޅުވީ، ރާއްޖެއަށް މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި ޖުލައި މަހަކީ އަބަދު ވެސް ވިއްސާރަ ކުރާ މޫސުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފެށިފައި ވުމުން މި ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ. ޗުއްޓީ ފެށުނު އިރުވެސް، ދަތުރުކުރާއިރު ސަމާލުވުމަށް އެދި މެޓް އޮފީހުން އެލާޓް ނެރެފައިވެއެވެ.

މެޓް އޮފީހުން ނެރޭ އެލާޓްތަކަށް އަހުލުވެރިވުމަށް މެޓް އޮފީހާއި ސިފައިން ވެސް އިލްތިމާސް ކުރެއެވެ.