ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރަށް ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ނަތަލީ ޕޯޓްމަންއާއެކު މަޝްހޫރު ބްރޭންޑް އިވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެއެވެ. އެކަޑަމީ އެވޯޑްވެސް ހާސިލުކޮށްފައިވާ ނަތަލީ ޕޯޓްމަންއާއެކު ބައިވެރިވުމުގެ ދަޢުވަތު ސޯނަމް ކަޕޫރަށް ލިބިފައިވަނީ ލަގްޒަރީ ބްރޭންޑް ކްރިސްޓަން ޑިއޯގެ އޯޓަމް-ވިންޓަ ޝޯއަށެވެ.

ޕެރިސް ފެޝަން ވީކްގައި މިއަހަރާއެކު ކުރިޔަށްއޮތް އަހަރުގެ ފިނި މޫސުމަށް ހާއްސަކޮށްގެން މި ބްރޭންޑުން އުފައްދާފައިވާ ހާއްސަ ކަލެކްޝަންއެއް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ.

ބަތަލާ ސޯނަމް ކަޕޫރަކީ، މިހާތަނަށް ކްރިސްޓަން ޑިއޯގެ ޕެރިސް ފެޝަން ވީކްގައި ބައިވެރިވުމުގެ ދަޢުވަތު ލިބިފައިވާ ހަމައެކަނި ބަތަލާވެސްމެއެވެ. ނަތަލީ ޕޯޓްމަންއާއެކު ޕެރިހުގައި ބާއްވާ ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު ސޯނަމްއަށް ލިބުނުއިރު އެންމެ ފަހުން ބޭއްވުނު ޕެރިސް ފެޝަން ވީކްގައި ޔޫރަޕްގެ ރޯލްފް އެންޑް ރުސޯ ބްރޭންޑްގެ ޝޯވްސްޓޮޕާގެގޮތުގައިވެސް ސޯނަމްވަނީ ބައިވެރިވެފައެވެ.

ސޯނަމްއަކީ ބޮލީވުޑްގެ ފިލްމީ ބަތަލާއިންގެތެރެއިންވެސް ފެޝަންއަށް ލޯބިކުރާ އަދި ފެޝަން އައިކޮންގެގޮތުގައި ގިނަ ބަޔަކު ސިފަކުރާ ބަތަލާއެކެވެ. އިންޑިއާގެ ގޭޓްވޭގައި މިދިޔަ އަހަރު ބޭއްވުނު ކްރިސްޓަން ޑިއޯގެ ތާރީޚީ ފެޝަން ޝޯވްގައިވެސް ސޯނަމްވަނީ ޙަރަކާތްތެރިވެފައެވެ.

ކައިވެންޏަށްފަހު ފިލްމީ ދާއިރާއާއި ދުރުގައިހުރި ބަތަލާ ދާދިފަހުންވަނީ އެނބުރި ފިލްމީ މަސައްކަތްތަކާ ގުޅިފައެވެ. ހަތަރު އަހަރަށްފަހުން ސޯނަމް ކަޕޫރު ލީޑް ރޯލް ކުޅެފައިވާ ފިލްމު "ބްލައިންޑް"ވަނީ ޖިއޯ ސިނަމާގައި އިއްޔެ ޕްރިމިއާކޮށްފައެވެ. ދާދިފަހުން ޔަޝް ރާޖް ކުންފުންޏާ ގުޅިފައިވާ ބަތަލާގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތައް އެކުންފުނިންވަނީ ސިއްރުކޮށްފައެވެ. ވަގުތު ޖެހުމުން ސޯނަމްގެ ކުރިޔަށްހުރި ފިލްމުތަކާބެހޭ މަޢުލޫމާތު އާއްމުންނާ ހިއްސާކުރާނެކަމަށް ޔަޝް ރާޖް ކުންފުނިންވަނީ ބުނެފައެވެ.