"ކިހާވަރެއް ބޭނުންވަނީ؟...." ފޯނުގެ އަނެއްކޮޅުން ބުންޏެވެ. "އަހަރެން ބޭނުންވަނީ އޭނަ ނެތިކޮށްލަން.... ކިހާ ވަރަކަށް އެކަން ވާނީ؟..."

********

"ޖިންނީންގެ ކަންތައްތަކަކީ ތިހާ ފަސޭހައިން ނިންމޭނެ ކަންކަމެއް ނޫން..." މުސްކުޅި މީހާގެ ރާގު ބަދަލުވިއެވެ. "އަހަރެން ބުނެފީމެއްނު އޭނަ ހުރީ އަހަރެންގެ ބެލުމުގެދަށުގައޭ...."

"ކަލެއަށް ތިކަން ނުވަންޏާ، އެހެން މީހަކު ލައްވާވެސް އަހަރެން އެކަން ނިންމާނަން..." މުޙައްމަދު ރުޅި އައިސްގެން ފޯނު ކަނޑައިލިއެވެ.

ފޯނު ބޭއްވިއިރު، މުހައްމަދުގެ މޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. ނުތަނަވަސްކަމާއި ރުޅިވެރިކަން އެ މޫނުން ފެންނަމުން ދިޔައިރު، އަވަސް އަވަހަށް ފޯނުން ކޮންމެވެސް އެއްޗެއް ހޯދަމުން ދިޔައެވެ. ބޭނުންވި ފޯނު ނަންބަރު ފެނުމުން، އޭނާ އަވަހަށް އެ ނަންބަރަށް ގުޅިއެވެ.

********

މުސްކުޅިމީހާ އޭނާ ގެންގުޅުނު ކުޑަ ދަޅުގެ ތެރެއަށް އަޅިގަނޑެއް އަޅައިލިއެވެ. ތުން ތަޅުވާފައި ހިމުންކޮށް ހުރި އެއްޗެއް އޭގެ ތެރެއަށް އޮއްސައިލިއެވެ. އެއަށްފަހު، ކިޔެވެއްޔެއް ކިޔަވަމުން، އަޅިގަނޑުގެ ތެރެއަށް ފެން ބުރުވަން ފެށިއެވެ. ފާޑެއްގެ ދުންގަނޑެއް އަރާފައި، މުސްކުޅިމީހާގެ ކުރިމަތިން އިންސާނެއްގެ ސޫރަ ފާޅުވިއެވެ. އެއީ އިންސާނެއް ނޫނެވެ. އެހެން މަހުލޫގެކެވެ. ދުންގަނޑުގެ ތެރެއިން ފާޅުވާން ހުރި އެ މަހުލޫގުގެ ދެފައި ބިމުގައި ނުޖެހެއެވެ.

"ކަލޭގެ ނަމަކީ ކޮބާ؟..." މުސްކުޅިމީހާ ހަރުކަށިގޮތަކަށް ސުވާލުކުރިއެވެ.

"އުގައްޔިލް..." އިވުނީ ބަރު އަޑެކެވެ.

"އެމީހުން ހާދަ މޮޔައޭ... ކަލޭ ކަހަލަ ބާރުގަދަ ޖިންނިއެއް ނައްތާލުމަށްވުރެ ބޭނުންހިފިއްޔާ އަހަންނަށް މާ ފައިދާވާނެ..." މުސްކުޅިމީހާ ހީގަތެވެ. "އަހަރެން ކަލޭ ނައްތާނުލާ މި ބަހައްޓަނީ އަހަރެން ބޭނުންވާ ކަންކަން ކަލޭ ލައްވާ ކުރުވަން ބޭނުންވާތީ..."

ރަތްކުލައިގެ ރޮދިފަށަކަށް ފުމެމުން އޭނާ ވާހަކަ ދެއްކިއެވެ. އެ ރޮދިފަށް ކުރިމަތީގައި އޮތް ދަނޑިކޮޅުގައި އެއްސިއެވެ. އުގައްޔިލްގެ ހަށިގަނޑަށް އުނދަގުލެއް ވިއެވެ. އޭނާ ތެޅިގަތެވެ. އަނިޔާ ނުކުރުމަށް އެދުނެވެ.

"އަހަންނަށް މިނިވަންކަމެއް ދީ... މި ކަސްތޮޅުން މިނިވަންކުރޭ... އޭރުން ކަލޭ ބޭނުންވާ ކަންކަންވެސް އަހަރެންގެ ފަރާތުން ވާނެ..." މުސްކުޅިމީހާގެ ކުރިމަތީގައި ހުރި މަހުލޫގުގެ އަޑުގައިވީ ރިހުމާއި، އާދޭހެވެ.

"ކަލެއަށް މިހާރު އެނގެއެއްނު އަހަންނަށް ކަލޭ ނައްތާލެވިދާނެކަން؟..." މުސްކުޅިމީހާ ފަހުރުވެރިވެލާފައި ބުންޏެވެ.

"ޖިންނީންނަކީ ވަފާތެރި ބައެއް... އެމީހުން ކެހި ދެނީ، އަނިޔާވެރިވީމަ..." އުގައްޔިލް ހީވަނީ މަޖުބޫރުވެގެން ވާހަކަ ދައްކާ ހެންނެވެ.

********

ފުން ނިންޖެއްގެ ތެރޭގައި އޮވެފައި ލަޔާލަށް ހޭލެވުނީ ހޫނުކަމެއް އިހުސާސް ކުރެވުމުންނެވެ. ލޯ ހުޅުވައިލުމާއިއެކު، ލަޔާލަށް ލިބުނީ ކުއްލި ސިހުމެކެވެ. ކައިރީގައި ހުރީ، ލަޔާލް ދެކެން ބޭނުންވި ސޫރައެއް ނޫނެވެ. ވަގުތުން އޭނާގެ ނިދިވެސް ފިލައިގެން ދިޔައެވެ. ލަޔާލް ފުންމައިގެން ތެދުވެ، ފިޒާލް ކޮބައިތޯ ހޯދައިލިއެވެ. ފިޒާލް ކޮޓަރީގައި ނެތުމުން، ކުރިމަތީގައި ހުރި މީހަކަށް އޭނާ ބަލައިލީ ބިރެއް ފެނުމުން ބަލާހެންނެވެ. ލަޔާލް އެންމެ ހައިރާންވީ، އަކިއަލްއަށް ލިބުނު ޒަހަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުންނެވެ.

"އައިމް ސޯ ސޮރީ ލޫ...." އަކިއަލްގެ ދެލޮލުގައި ވިދަވިދާ ހުރީ ތާޒާ ކަރުނައެވެ.

ކުރިން ނުފެންނަ ކުލައެއް ލަޔާލަށް އެ ދެލޮލުން ފެނުނެވެ. އެންމެ ފުރަތަމަ އަކިއަލްއާއި ބައްދަލުވީއިރު، އިހުސާސް ކުރެވުނު ގާތްކަން ލަޔާލަށް އިހުސާސް ކުރެވުނެވެ.

"ލޫ... އަހަންނަށް މާފުކުރޭ.... އަހަންނަކީ ކުށްވެރިއެއް..... މިއަދު ލޫގެ ކުރިމަތީގައި ހުންނަންވެސް އަހަރެން ލަދުގަނޭ.... މިހުރިހާ ކަމެއް މިވީ އަހަރެންގެ ސަބަބުން...." އަކިއަލްގެ އަޑުގައި އެތައް ރިހުމެއްގެ އަސަރުވިއެވެ.

އަކިއަލްގެ ޖުމުލަތަކުން ހިތަށް ކުރި އަސަރުގައި ލަޔާލަށް އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެވުނެވެ. ނަމަވެސް އަކިއަލް ކަންތައް ކުރިގޮތް ހަނދާންވުމުން، ލަޔާލްގެ ދެބުމަ ގޮށްޖެހުނެވެ. ލަޔާލަށް އެހާލު ޖެއްސުމަށްފަހުގައިވެސް އަކިއަލްގެ ހިތް ނުފުރެނީ ބާއޭ ލަޔާލްގެ ހިތަށް އެރިއެވެ.

"ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ؟... އަދިވެސް ކުރެވުނު ވަރު ކުޑައީތަ؟.... ދޭ މިތަނުން، ނޫނީ ފިޒާލަށް ގޮވާނަން...." ލަޔާލް ހިތްހަމަނުޖެހިފައި ބުންޏެވެ.

އަކިއަލްއަށް ބިރުދައްކާލުމުގެ ގޮތުން ފިޒާލަށް ގޮވާ ވާހަކަ ބުނި ނަމަވެސް ލަޔާލަކަށް އެހިތްވަރެއް ނުލިބުނެވެ. ބާލީހުގައި ބާރަށް ހިފަހައްޓާލައިގެން ލަޔާލަށް އިނދެވުނީ އަކިއަލް ކަންތައްކުރާނެ ގޮތެއް ނޭނގޭތީ ޖެހިލުންވެފައެވެ. އަކިއަލްއަކީ އަންނަ ރުޅީގައި ކުއްލި ކުއްލިއަށް ކަންކަން ކޮށްލާ މީހެކެވެ. ކޮންމެފަދަ ގެއްލުމެއް ދޭކަށްވެސް އޭނާ ފަހަކަށް ނުދެއެވެ.

"އަހަންނަށް އެނގޭ އަހަރެންގެ ސަބަބުންކަން މިހުރިހާ ކަމެއް ދިމާވީ.... ހަގީގީ ކުށްވެރިއަކީ އަހަރެން..... މިއަދު ލޫއަށް ޖެހިފަ ތިވާ ހާލަށް ޒިންމާވާން ޖެހޭ މީހަކީ ވެސް ހަމަ އަހަރެން.... އެކަމަކު، އަހަރެން ލޫދެކެ ވަރަށް ލޯބިވަން..... ދުވަހަކު ލޫއަށް ދެރައެއް ލިބޭކަށް ނޭދެން...." އަކިއަލްގެ ދެލޮލުން ލަޔާލަށް ފެނުނީ ތެދުވެރިކަމެވެ.

"އަހަރެން ބޭނުމެއް ނޫން އަކިއަލް ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް..." ލަޔާލް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.

"އަހަންނަށް ކުށް ކުރެވުނީ ލޫ ދެކެ ވެވުނު ތެދުވެރި ލޯތްބެއްގެ ސަބަބުން..... ލޫ.... އަހަރެން ލޫދެކެ އިންތިހާއަށް ލޯބިވަން... އެކަމަކު، ލޫ ބޭނުންވަންޏާ، އަހަރެން ތި ލޯތްބާއި މާދުރަށް ގޮސްދާނަން..... ދުވަހަކު ލޫ ނުފެންނަ ހިސާބުގަވެސް ހުރެދާނަން.... އަހަންނަށް ހަމަ އެންމެ ކަމެއް ކޮށްދީ... އަހަންނަށް މާފުކޮށްދީ...." އަކިއަލް އާދޭސް ކުރިއެވެ.

"މާފަށް އެދުމުގެ އެއްވެސް ބޭނުމެއް ދެން ނެތް..." އަކިއަލް އާއި ދިމާއަށް ބަލައިލާކަށްވެސް ލަޔާލް ބޭނުމެއް ނުވިއެވެ.

"އަހަރެންގެ ދިރިހުރުމުގެ މަގުސަދަކީ ލޫ..... އަހަރެން ބޭނުމީ ލޫ އުފަލުގަ ހުރުން..... ޕްލީޒް ލޫ..... އެންމެ ފަހަރަކު ވިޔަސް ތި ދުލުން ބުނެދީ އަހަންނަށް މާފުކޮށްދީފީމޭ..... އޭރުން އަހަރެން ހިނގައިދާނަން..... ލޫގެ މާފު ނުލިބި އަހަރެން އެނބުރި ދާނީ ކިހިނެއް؟.... ޕްލީޒް އާދޭސްކުރަން..... ލޫގެ މާފު ހޯދަން ލޫ ބުނި ކޮންމެ ކަމެއް ކުރަން އަހަރެން މިހުރީ ތައްޔާރަށް...." އަކިއަލް ކުއްލިއަކަށް ތިރިވިއެވެ. އިސްޖަހާލައިގެން އިންގޮތް ފެނުމުން ލަޔާލްގެ ހިތަށްވެސް ތަދުވިއެވެ.

ލަޔާލްގެ ހިތް ހިލަގަނޑަކަށް ހެދީ އަކިއަލްއެވެ. އަކިއަލްއަށް މާފުދޭން ލަޔާލްގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެއްޗެއް ނުބުނި ތަނުގައި އަކިއަލް ދެއްކި ވާހަކަ އިވޭ ކަމަށްވެސް ހަދާނުލިއެވެ. އަކިއަލްގެ ސަބަބުން ލަޔާލް އުފުލި ވޭނާއި ހިތާމަ، އަކިއަލްއަށް ވެސް އިހުސާސްކޮށްދޭން ލަޔާލް ބޭނުންވިއެވެ. ލަޔާލް ފުންވިސްނުމެއްގެ ތެރޭގައި އިންދާ ސިހުނީ އޭނާގެ އަތުގައި އަކިއަލް އަތް ޖައްސާލުމުންނެވެ.

"އަތްނުލާތި..... ދުރުގަ ހުރޭ....." އަކިއަލްގެ އަތް ފޮޅުވާލަމުން ލަޔާލް ތަންކޮޅެއް ބާރަށް ބުންޏެވެ.

އަކިއަލް އެތަނުގައި ހުއްޓާ، ފިޒާލް އައިސްދާނެތީ ލަޔާލް ޖެހިލުންވިއެވެ. އަކިއަލްދެކެ ކިތަންމެ ރުޅި އައި ނަމަވެސް އެކަން ބޮޑު ކަންތައްގަނޑަކަށްވާކަށް ލަޔާލް ބޭނުމެއް ނުވިއެވެ.

"އަހަންނަކީ މީހެއްގެ އަނތްބެއްކަން ނޭނގެނީތަ؟... އަމިއްލަ ބޭބެ ކައިރިއަށް ގޮސް ތިހެން އުޅެން އަކިއަލްއަށް ކެރޭނެތަ؟....." ލަޔާލް އެނދުން ތެދުވިއެވެ. "އަކިއަލް މިތަނުން ނުދަންޏާ، އަހަރެން ނުކުމެދާނަމޭ..."

"ލޫ.... ޕްލީޒް.... އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ވާހަކަ އަޑުއަހާލަދީބަލަ..... އަހަރެން ދިޔުމުގެ ކުރިން ލޫ ކައިރީ ބުނަން ބޭނުންވާ ވަރަށް ގިނަ ވާހަކަ އެބަހުރި.... އަހަންނަކީ ކާކު ކަމެއް، ކޮންތާކުން އައި މީހެއް ކަމެއްވެސް ލޫއަކަށް އަދި ނޭނގެއެއްނު... ބޭނުމެއް ނޫންތަ އަހަރެންގެ ހަގީގަތް އެނގޭކަށް؟..." އަކިއަލް ވާހަކަ ދައްކަދައްކާ ހުއްޓާ، ލަޔާލް ގޮސް ދޮރު ހުޅުވައިލިއެވެ.

ދޮރުމަތީގައި ހުރި ފިޒާލް ފެނުމާއިއެކު، ލަޔާލް ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ ފަސްއެނބުރި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެއާއިއެކު، ލަޔާލަށް މާ ބޮޑު ހައިރާންކަމެއް ލިބުނެވެ.

(ނުނިމޭ)