މޯލްޑިވުސް ޕޯރޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މަޖޫރީން ބަލަމުންދާ ޓީވީ، އެމްޕީއެލްގެ އެންގުމަށް ނަގައިގެން ގެން ގޮސްފައިވާ ކަމަށް ބުނެ މަސައްކަތް ހުއްޓާލުމަށް ފަހު މަޖޫރީން އެމްޕީއެމް ކުރިމަތީ މުޒާހަރާ ކުރަން ފަށައިފި އެވެ.

ސަން އޮންލައިން އާއި ވާހަކަ ދެއްކި މަޖޫރީއަކު މިއަދު ބުނީ އެމްޕީއެލް ސަރަހައްދުގައި އެމީހުން ތިބެން ހަދާފައި ހުރި ޖަގަހައިގައި ހުރި ޓީވީ، އެމްޕީއެލްގެ ވެރިންގެ އެންގުމަށް ނަގައިގެން ގެންދިއައީ ރޭގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި ޓީވީ އަނބުރާ ނުގެންނަނިސް ހަޅުތާލު ކުރުން ހުއްޓާނުލާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތާ ރޭވެސް ޓީވީބަލަން ތިއްބާ ކަރަންޓު ކަނޑާލާފައިވޭ. ރޭގައި މިތާހުރި ޓީވީ އަލުގަނޑުމެން ތިއްބަކާ އެމީހުންނަކަށް ނުކެރުނު ގެންދަކާކަށް. މީހުން މިތަނުން ދިއުމުން ޓީވީ ގެންދިއައީ. ޓީވީ އަލުން އަބުރާ ދެންދެން މިހަޅުތާލުކުރިއަށް ގެންދާނަން،" އެ މީހާ ބުންޏެވެ.

ސަންގެ ރިޕޯރޓަރުން އެސަރަހައްދަށް ދިޔައިރު އެމްޕީއެލްގެ ބަދަރުން މުދާ ނެރޭ މައި ދޮރާށި ވަނީ ބަންދުކޮށްފަ އެވެ. އެގޭޓް ކުރިމަތީގައި އެއްވެ ތިބެ މަޖޫރީން ދަނި ހަޅުތާލުކުރަމުންނެވެ. އެމީހުން ބުނަމުން އަންނަނީ އެސަރަހައްދަށް މުދާ ބާލާ އެއްވެސް ލޮރީއެއް އަޔަނުދޭނެ ކަމަށާއި ނުވެސް ވަދެވޭނޭ ކަމަށެވެ. އެ ސަރަހައްދަށް ފުލުހުން އައިސް މަޖޫރީންނަށް އަންނަނީ ނަސޭހަތްތެރި ވަމުންނެވެ.

ހަޅުތާލާ ގުޅިގެން އެމްޕީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުީ ބަޔަކު މީހުން އެމްޕީއެލް ސަރަހައްދުގައި މުޒާހަރާ ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގެ އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށެވެ.