03 Jul 2023, 20:53
މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒް އެއާ އެމްބިއުލެންސެއްގައި މާދަމާ އިންޑިއާއަށް ފުރުވަން ހަމަޖެހިއްޖެއެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަމުން ހަފީޒްގެ އާއިލާގެ މެންބަރަކު ބުނީ، އެއާ އެމްބިއުލެންސްގެ ހުރިހާ ޚަރަދެއް މިހާރު ހަމަޖެހިފައި ވާކަމަށެވެ. ނަމަވެސް، ފުރާ ވަގުތު އަދި ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.
ހަފީޒް އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށް ފަހު ދަނިކޮށެވެ.
"މަޖީދީ މަގު ކަފިހި ހުރަހުން ހުރަސްކުރަނިކޮށް ބާރަށް ދުއްވައިފައި އައި ސައިކަލެއްގައި ޖެހިފައި ވިއްސައިގެން ދަނީ،" ކަންވީ ގޮތް އެނގޭ މީހަކު ކިޔައިދިނެވެ.
ހަފީޒްގެ އާއިލާއިން ވާހަކަދެއްކި މީހާ ބުނީ އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ.
އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ ހަފީޒްގެ ބޮލަށާއި މޫނަށެވެ. އޭނާއަށް މިވަގުތު ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.
އެ މައްސަލައިގައި ސައިކަލު ދުއްވަން އިން މީހާ މިއަދު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އެ ހާދިސާގައި ތުހުމަތު ކުރެވޭ މީހާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.