03 Jul 2023, 20:48
މާލީ ބަޔާނުގައި ބުނާ ހުރިހާ ބައެއް ފުރިހަމަ ނުކުރާތީ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި ތިން ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ޖޫރިމަނާ ކޮށްފިއެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ތިން ކެންޑިޑޭޓުން ޖޫރިމަނާ ކުރީ ކޮންމެ ކެންޑިޑޭޓަކު 6،000 ރުފިޔާއިން ކަމަށެވެ. އަދި ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އެޖެންޓުން ވެސް ޖޫރިމަނާކޮށްފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ފައިސާ ދައްކަން ޖެހެނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އިންތިޚާބު ބާއްވާ ދުވަހުން ފެށިގެން 21 ދުވަސް ތެރޭގައެވެ. އެ ބަޔާނުގައި ހިމަނަން ޖެހޭ ކަންކަމުގެ ތެރޭގައި އިންތިޚާބަށް ޚަރަދު ކުރި ފައިސާގެ ހުރިހާ ތަފުސީލަކާއި ފައިސާ ހޯދި ގޮތް ހިމެނެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައި ވަނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ.
އެ އިންތިޚާބު ކާމިޔާބު ކުރެއްވީ، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒެވެ. އެއީ 1،346 ވޯޓާއެކުގައެވެ. އިންތިޚާބުގައި ދެން ވާދަކުރީ އިދިކޮޅު ޕީޕީއެމްއިންނާއި އެމްއެންޕީ އިންނެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް 1،266 ވޯޓު ލިިބުނުއިރު އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފަށް ލިބުނީ 136 ވޯޓެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. މިއީ ފެހި ގާނޫނު އަސާސީ ވުޖޫދުވި ފަހުން ބޭއްވި މަޖިލިސް އިންތިޚާބެއްގައި އެމްޑީޕީން މި ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.