އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ރިޔާސީ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން, އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭން ކުރުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް މިއަދު ފަށައިފިއެވެ.

ހަރަކާތް ފެށުމުގެ ގޮތުން މާލޭގައި ހަރަކާތްތެރިވާނެ ޓީމުތަކާ ޕާޓީގެ ލީޑާޝިޕްގެ މެމްބަރުންވަނީ ބައްދަލުކޮށްފައެވެ. އަދި ގޭގެއަށް ގޮސް އަހާނެ ސުވާލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް މައުލޫމާތު އޮޅުންފިލުވާނެ ދާއިރާތައް ވެސްވަނީ ކަނޑައަޅައިފައެވެ.

ހަރަކާތް ފެށުމުގެ ކުރިން މިއަދު އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑަރު އަބްދުއްރަހީމް އަބްދުﷲވަނީ މީޑިއާތަކަށް މައުލޫމާތު ހިއްސާކުރައްވައިފައެވެ.

އެގޮތުން މީޑިއާތަކާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ހަރަކާތުގެ ތެރެއިިން ރައްޔިތުންގެ ކަންބޮޑުވުންތަކާއި މިހާރުގެ ޙާލަތު ދެނެގަންނާނެކަމަށެވެ.

އަދި ރައީސް ޔާމީންގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުން އެ މެނިފެސްޓޯގައި ހިމަނަން އެދޭ ކަންކަން ހޯދާނެކަމަށެވެ.

ޕީޕީއެމް ދޮރުން ދޮރަށް ހަރަކާތް ފެށުމަށް އިދިކޮޅުން މީޑިއާތަކާ ބައްދަލުކުރަނީ -- ފޮޓޯ/ ޕީޕީއެމް

އަދި ޕީޕީއެމްގެ ޓީމުތަކުން ގޭގެއަށް ކުރާ ޒިޔާރާތްތަކުގައި ވަކި ފިކުރަކަށް ނުބަލައި ރައްޔިތުންގެ ޝުއޫރުތައް ހިއްސާކުރުމަށް އަބްދުއްރަހީމް ގޮވައިލެއްވިއެވެ.

"އަޅުގަނޑު އެދެނީ ހަމަ އަޅުގަނޑުމެން މި ކުރާ ޒިޔާރަތުގައި ހަމަ ހުރިހާ ބޭފުޅުން ވެސް ވަކި ފިކުރަކަށް ބެއްލެވުމެއްނެތި އަޅުގަނޑުމެންނާ އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އަޅުގަނޑުމެންގެ ޓީމުތަކާ ހިއްސާކުރުމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ ރައްޔިތުން ބަލައިގަންނަކަމަށެވެ. އޭނާ ވިދާޅުވީ ކެމްޕެއިންގެ ހަރަކާތްތައް ފެށޭއިރު ރައީސް ޔާމީން ނެތުމަކީ ކޮންމެވެސް މިންވަރަކަށް ފަޅުކަން އިހުސާސްކުރެވޭނެ ކަމެއް ކަމަށެވެ.

ނަމަވެސް އެއްވެސް މިންވަރަކަށް ދުވެލި މަޑުނުވާނެކަމަށާއި ހަރަކާތްތައް ރައީސް ޔާމީންގެ އިރުޝާދާއެކު ކުރިއަށްދާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައްޔިތުން ބަލަން ބޭނުންވަނީ ރައީސް ޔާމީން އޮތް ތަނެއް ނޫން. ރައްޔިތުން ތިބީ އެ މަނިކުފާނު ވެރިކަމަށް ގެނައުމަށް ޓަކައި،" އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުން، ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.