03 Jul 2023, 18:22
ހަންގޭރީ މިޑްފީލްޑަރު ޑޮމިނިކް ސޮބޮސްލާއީ، ލިވަޕޫލަށް ސޮއިކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
އާރްބީ ލައިޕްޒިގަށް ކުޅެމުންދިޔަ އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ސޮބޮސްލާއީ، ލިވަޕޫލަށް ސޮއިކޮށްފައިވަނީ 60 މިލިއަން ޕައުންޑް (76 މިލިއަން ޑޮލަރު)ގެ ފީއެއްގެ ދަށުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ސޮބޮސްލާއީ ހޯދުމުގެ މަސައްކަތް ނިއުކާސަލް ޔުނައިޓެޑުން ކުރަމުންދިޔަ ނަމަވެސް، އޭނާ ނިންމާފައިވަނީ ލިވަޕޫލާ ގުޅުމަށެވެ. ސޮބޮސްލާއީ އަކީ މިދިޔަ ސީޒަނުގައި ލައިޕްޒިގަށް 48 މެޗު ކުޅެ، ދިހަ ގޯލު ކާމިޔާބުކޮށްދިން މިޑްފީލްޑަރެކެވެ. އޭނާ ވަނީ ހަންގޭރީ ގައުމީ ޓީމަށް ވެސް 32 މެޗު ކުޅެފައެވެ.
ލިވަޕޫލުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ސޮބޮސްލާއީ ބުނީ އެ ކްލަބާ ގުޅުމުން ވަރަށް އުފާކުރާ ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި ކްލަބުގެ ކުޅުންތެރިންނާ ބައްދަލުކޮށް، ހުރިހާ ކަމެއް ތަޖުރިބާކޮށްލަން ބޭނުންވާ ކަމަށެވެ.
"މިދިޔަ ހަތަރު ވަރަކަށް ދުވަސް ދިޔައީ ވަރަށް އުނދަގޫ ދުވަސްތަކެއްގެ ގޮތުގައި. ނަމަވެސް އެންމެ ފަހުން އަހަރެން މިހުރީ މި ކްލަބާ ގުޅުނީތީ އުފަލުން. މިއީ ވަރަށް ތާރީހީ ކްލަބެއް، ވަރަށް މޮޅެތި ކުޅުންތެރިންތަކަކާއެކު މޮޅު ކޯޗެއް ވެސް ހުރި ކްލަބެއް. ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅު،" އޭނާ ބުންޏެވެ.
ސޮބޮސްލާއީގެ އިތުރުން އަންނަ ސީޒަނަށް ލިވަޕޫލުން ވަނީ އާޖެންޓީނާ މިޑްފީލްޑަރު އެލެކްސިސް މެކް އެލިސްޓާގެ ސޮއި ވެސް ހޯދައިފައެވެ. އޭނާ ވެސް ލިވަޕޫލާ ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.
ލިވަޕޫލުގައި ސޮބޮސްލާއީ ބޭނުންކުރާނީ އެ ކްލަބުގެ ލެޖެންޑް، ސްޓީވަން ޖެރާޑް ބޭނުންކުރި 8 ނަމްބަރުގެ ޖާޒީއެވެ.