މީގެ އަހަރުތަކެއް ފަހަތަށް ދާއިރު ރާއްޖޭގައި ނޫސްވެރިންނަށް އަދި ނޫސްވެރިކަން ކުރުމަށް މިނިވަންކަމެއް ނެތެވެ. އެކަން އޮތީ އެއިރެއްގެ ސަރުކާރުން ކަނޑައަޅާ އިންތަކާއި މިންތަކެއްގައި ހިފެހެއްޓިފަ އެވެ. ނަމަވެސް ޑިމޮކްރަސީގެ ރާޅާ އެކު ނޫސްވެރިންގެ ބަންދުވެފައިވާ އަނގަތައް ހުޅުވި ފެހި ގާނޫނު އަސާސީން ނޫސްވެރިންނަށް ހިމާޔަތް ވަނީ ލިބިދީފަ އެވެ. ނޫސްވެރިއަކު ބޭނުންވާ ހިޔާލެއް، ޝޫއޫރެއް އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ފާޅުކުރުމުގެ މިނިވަންކަން ވަނީ ގާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާ އިން ލިބިދީފަ އެވެ.

ނޫސްވެރިންނާއި މީޑިއާގެ އިން ފުޅާވުމުން މީޑިއާ ރެގިއުލޭޓްކުރުމަށް ކުރަން ޖެހޭ މަސައްކަތް މި ވަނީ ބޮޑުތަނުން އިތުރުކުރަން ޖެހިފަ އެވެ. އެކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން އޮތީ އުފެދިފަ އެވެ. ނަމަވެސް އެ ކޮމިޝަންތަކަށް ދައުލަތުން ފައިސާ ހަރަދުކުރާއިރު އަނެއް ކޮޅުން އެ ކޮމިޝަންތަކުގެ މަސައްކަތާ މެދު ސުވާލުއުފައްދަ އެވެ. ހާއްސަކޮށް ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޓާމެއް ހަމަވެ އިންތިހާބަކަށް ދިޔައިރު އެ ކޮމިޝަނުން ކުރި މަސައްކަތްތަކާ މެދު މީހުން ސުވާލުއުފައްދަ އެވެ.

އެ ހުރިހާ ހާޖާނެއްގެ ތެރެއިން އެ ކައުންސިލް ވެސް ވަނީ މިދިޔަ ހަފްތާ އިން ފެށިގެން ގާނޫނީ ހުސްކަމަކަށް ގޮސްފަ އެވެ. އެ ކޮމިޝަން ހިންގާނޭ މެންބަރުންނެއް ނެތެވެ. ޕްރިންޓް މީޑިޔާ އަށް ފާރަވެރިވާނޭ ފަރާތެއް މިއަދަކު ނެތޭ ބުނެވިދާނެ އެވެ.

މީޑިޔާ ކައުންސިލްގެ ގާނޫނޫގައި ބުނެ އެވެ؛ "މީޑިޔާގެ މިނިވަންކަން ބަލަހައްޓާ އެ މިނިވަން ކަމަށް އުނިކަމެއް އަންނާނެ ކަންކަން ބަލައި ފިޔަވަޅުއެޅުމާއި، މީޑިޔާގެ މަސައްކަތްކުރާ ފަރާތްތަށް އަމަލުކުރަންވީ ހަމަތަކާއި މިންގަނޑު ކަނޑައެޅުމާއި ގާނޫނުގައި ހިމެނޭ އުސޫލުތަކާއި އެކަށައަޅާ ހަމަތަކާއި އަހުލާގީ ހަމަތަކާއި ހިލާފަށް ހިނގާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމަކީ އެ މުއައްސަސާ އިން ކުރަން ޖެހޭ" ކަމެއް ކަމަށެވެ.

އެ ކައުންސިލްގެ މެންޑޭޓް ކިތަންމެ ސާފުވިޔަސް އެ ކައުންސިލަށް މިވީ މަދު ދުވަސްކޮޅުގައި ކުރިމަތިވި ގޮންޖެހުންތައް ގިނަ އެވެ. އެންމެ ފުރަތަމަވެސް ފެންމަތިކުރި 7500ރ.ގެ އެލަވަންސްގެ މައްސަލަ އެވެ. އަދި އެ މައްސަލަ ބެލުމަށް ފަހު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ މީޑިޔާ ކައުންސިލް އުވާލުމަށެވެ. އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި މި މަހުގެ 26 ވަނަ ދުވަހު ބާއްވަން އުޅުނު މީޑީއާ ކައުންސިލްގެ އިންތިހާބު ފަސްވުން ވެސް އެއީ އިއްތިފާގެއް ކަމަށް ބުނެވިދާނެ އެވެ.

ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މީޑިޔާ ކައުންސިލަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކައުންސިލެކެވެ. އޭނާ ވިދާޅުވީ މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނަށް ވުރެ މީޑިއާ ކައުންސިލްގެ މުހިންމުކަން ބޮޑު ކަމަށާއި މިއަދު ރާއްޖެ އަށް ބަލާއިރު ބްރޯޑް ކާސްޓް ކުރާ މީޑިއާތަކަށް ވުރެ އޮންލައިން ނޫސްތަކާއި މެގެޒިންތަކާއި ޕްރިންޓް ނޫސްތައް ނެރެވޭ އަދަދު ގިނަ ކަމަށެވެ.

"އެ ނޫސްތަކާއި އެ މީޑިއަމްއިން އަންނަ ނޫސްތައް ވަރަށް ގިނަ. އަދި ހާއްސަކޮށް މި ދުވަސްވަރު އަދި އަންނާނީ ގިނަ ވަމުން ކަމަށް ބެލެވެނީ، އެހެންވީމާ އެބަ ޖެހޭ އެ މީޑިއަމްތައް ވެސް ރެގިއުލޭޓްކުރަން، އެކަމަށް ބޭނުން ވާނީ އެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ބޯޑެއް،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުގެ ރައީސް ހިރިގާ އަހުމަދު ޒާހިރު ވިދާޅުވާ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަނާ ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމުގެ މަސައްކަތް ހަވާލު ކުރާ ނަމަ އެ ކޮމިޝަންގެ ގާނޫނު ވެސް އިސްލާހު ކުރަން ޖެހޭނެ ކަމަށާއި އަދި އެ ވިސްނުމަށް ޖާގަދޭ ބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުން މުޅި ކޮމިޝަން އަލުން އިންތިހާބު ކުރަން ޖެހޭނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރި އިރު، މެންބަރުން އައްޔަން ކޮށްފައި ވަނީ ބްރޯޑްކާސްޓިން މީޑިއާ ރެގިއުލޭޓް ކުރުމަށް އިސްކަންދީގެން ކަމަށްވާތީ ކަމަށެވެ.

"އެގޮތަށް މަޖިލިހުން އައްޔަން ކުރާ ފަރާތްތަކަކީ ސިޔާސީ ބޭފުޅުންގެ ވިސްނުމާއި އެއްގޮތަށް އައްޔަން ކުރާ ބައެއް. ނަމަވެސް މީޑިޔާ ކައުންސިލަށް މީހުން މިއައްޔަން ކުރަނީ މިދާއިރާގެ މަސައްކަތްކުރާ ފަރާތްތަކުގައި ނެގޭ ވޯޓަކުން އެހެންކަމުން މީގެ ރަނގަޅު ގޮތަކީ މީޑިޔާގައި މަސައްކަތް ކުރާ ފަރާތްތަކުން މެންބަރުން އިންތިހާބުކުރުން،" ހިރިގާ ވިދާޅުވި އެވެ.

ހިރިގާ އަދި ވިދާޅުވީ ދައުލަތުގެ ހަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ދެ މުއައްސަސާއަކުން އެއް ކަހަލަ މަސައްކަތެއް ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި ގާނޫނުތަކަށް އިސްލާހު ގެނައުމަށް ފަހު އެމްބީސީން ކުރާ މަސައްކަތް ވެސް މީޑިއާކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ވެސް ކުރެވިދާނޭ ކަމެއް ކަމަށެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފު ވިދާޅުވީ މީޑިޔާ ކައުންސިލް އުފެދުމާ އެކު މީޑިޔާ ކައުންސިލްގެ ކަންކަން ކުރާނެ މުވައްޒަފުންނާއި ވަސީލަތްތައް ނެތުމުގެ ސަބަބުން ވަރަށް ގިނަ ދުވަސްތަކެއް ވެގެން ދިޔަ ކަމަށާއި ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވެގެންދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ މީޑިޔާ ކައުންސިލަށް އިންތިހާބުކޮށްފައިވާ 15 މެންބަރުންނަކީ ގިނަ ވަރެއް ކަމާއި އެ އަދަދު މަދުކުރުމަށް ތާއީދުކުރައްވާ ކަމަށާއި މީޑިޔާ ކައުންސިލަށް އައްޔަން ކުރާ މެންބަރުންގެ އަދަދު މަދުކޮށް މީޑިޔާ ކައުންސިލް ރީފޯމް ކުރުން އެއީ މިދަނޑިވަޅަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މީޑިއާގައި މަސައްކަތްކުރާފަރާތްތަކަށް ވެސް އެއްބަސްވެވޭ އެއްކަމެއް އެބަ އޮތެވެ. އެއީ އެމްބީސީ އަށް މަޖިލިހުން މެންބަރުން އައްޔަން ކުރުމުގެ ސަބަބުން އެކޮމިޝަނުގައި ސިޔާސީ ކުލަޖެހުމުގެ ފުރުސަތު އޮތްކަމެވެ. ކައުންސިލަށް ހުރިހާ މީޑިއާތަކުން މެންބަރުން އައްޔަން ކުރުމުގެ ސަބަބުން އެފަދަ މައްސަލަތައް ކުޑަވެގެން ގޮސް މީޑިއާގެ ކަންކަން ފުރިހަމަވެގެން ދާނެ ފުރުސަތު ލިބިގެން ދާނޭ ކަމެވެ.