އަލަށް އުފައްދާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފައްދަން ބާއްވާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއަށް ސޮއި ކުރައްވަން ނިންމަވައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން މިކަން ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ އިއްޔެއެވެ. އެއާއެކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ޕާޓީ އުފައްދަން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައެވެ.

އެ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ. މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އެމްޑީޕީގައި ރައީސް ނަޝީދު ހިންގެވި "ފިކުރެއްގެ ދިރުން" ގޮތްޕަށް އޭރު ތާއީދު ކުރެއްވި މެންބަރުންނެވެ.

ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަން އިއުލާން ކޮށްފައިވާއިރު، އެ ކެންޑިޑޭޓަކީ ރައީސް ނަޝީދަށް ވުން އެކަށީގެންވެއެވެ.