10 Jul 2023, 15:59
މެޓާގެ ޓްވިޓާ ވާދަވެރިޔާ "ތްރެޑްސް" މިދިޔަ ބުދަ ދުވަހުގެ ރޭ ލައިވްކޮށްފައިވާއިރު، އެންމެ ހަތަރު ދުވަހުގެ ތެރޭގައި ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު 100 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ.
އެ މައުލޫމާތު އާންމުކޮށްފައި ވަނީ، ތްރެޑްސްގެ ޔޫޒަރުންގެ އަދަދު ބެލުމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ވެބް ޓޫލްއެއް ކަމަށްވާ ކުއިވާ ކުއަންޓިޓޭޓިވްސްއިންނެވެ.
މިހާ ގިނަ ބަޔަކު މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި މިއެޕަށް ސައިންއަޕް ވުމުގެ ސިއްރަކީ ތްރެޑްސް އަކީ އިންސްޓަގްރާމާ ގުޅިފައިވާ އެޕެއް ކަމަށްވެ، އިންސްޓާގްރާމް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނުން މަތީގައި އުޅޭތީ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އެންމެ ހަތަރު ދުވަހުގެ ތެރޭގައި މިހާ ގިނަ ބަޔަކު މި އެޕް ބޭނުންކުރަން ފަށާފައިވާއިރު، ޔޫރަޕްގެ ގައުމުތަކަށް އަދިވެސް ތްރެޑްސް ތަޢާރަފެއް ނުކުރެއެވެ.
މެޓާގެ ސީއީއޯ މާކް ޒަކަބާގް ވަނީ ތްރެޑްސްގެ ޔޫޒާ ނަމްބަރުތަކާ ގުޅޭ ގިނަ އަޕްޑޭޓްތަކެއް ދެއްވާފައެވެ. ފުރަތަމަ ހަތް ގަޑިއިރުގެ ތެރޭގައި 10 މިލިއަނަށް ވުރެ ގިނަ މީހުން މި އެޕް ބޭނުންކޮށްފައިވާއިރު ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް 30 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެޕް ބޭނުންކޮށްފައެވެ. އޭގެ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން އެ އަދަދު ވަނީ ދެ ގުނަ އަށް ވުރެ އިތުރުވެފައެވެ.
ތްރެޑްސް ތަޢާރަފްކުރިތާ މިހާ ކުރީކޮޅުގައިވެސް އެ ޕްލެޓްފޯމްގައި ބައެއް ފީޗާތައް މަދުކަމަށްބުނެ ގިނަ ފަރާތްތަކަކުން ދަނީ ޝަކުވާ ކުރަމުންނެވެ. މިފަދަ އެޕެއްގެ އެންމެ އަސާސީ ފީޗާތައްވެސް ނެތްކަމަށް އެފަދަ ފަރާތްތަކުން ބުނެއެވެ. އެގޮތުން ސާޗް އޮޕްޝަން ޔޫޒަނޭމްތަކަށް އެކަނި ހުރުމާއި، ހޭޝްޓެގް ސަޕޯޓެއް ނެތުމާއި، އަދި ވެބް އިން ތްރެޑްސްއަށް ޕޯސްޓް ނުކުރެވޭކަން ވަނީ ފާހަގަ ކޮށްފައެވެ.
ޔޫޒަރުންގެ މިފަދަ ޝަކުވާތަކެއް ހުރި ނަމަވެސް އިންސްޓާގްރާމްގެ ވެރިޔާ ވަނީ ތްރެޑްސްގެ ޔޫޒަރުންނަށް އުންމީދީ ވާހަކަތަކެއް ކިޔައިދީފައެވެ. އެގޮތުން ޕޮލިޓިކްސް އާއި ހާޑް ނިއުސްތައް ކޮންމެހެން ވެސް ތްރެޑްސްގައި ފެންނާނެ ކަމަށާއި، އިންސްޓަގްރާމްގައި ވެސް އެފަދަ ކޮންޓެންޓްސް ކޮންމެވެސް މިންވަރަކަށް ހުންނާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އެކަމަކު ނާޖާއިޒް ފައިދާއެއް ނަގަން މަސައްކަތް ނުކުރާނެކަމަށާއި، ތްރެޑްސްގެ މަގްސަދަކީ ޓްވިޓާ ބަދަލުކުރުން ނޫންކަން އިންސްޓަގްރާމްގެ ވެރިޔާ އެޑަމް މޮސެރީ ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.
ކުއިވާ ކުއަންޓިޓޭޓިވްސް ބޭނުންކުރަނީ އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ ޕްރޮފައިލްތަކުން ނަގާފައިވާ ޑޭޓާކަމަށް މި ޓޫލް އުފެއްދުމުގެ ބައިވެރިވި ކްރިސްޓޯފާ ކާޑަޓްޒްކޭ ބުނެއެވެ.