02 May 2012, 09:29
މޮސްކޯ (މޭ 2): ރަޝިޔާގައި ހުރި ކެމިކަލް ހަތިޔާރުގެ ސްޓޮކްގެ ބައެއް ނައްތާލައިފިކަން އެޤައުމުން ހާމަކޮށްފި އެވެ.
ރަޝިޔާގެ ރިޔާ ނޮވެސްޓީ ނޫސް އެޖެންސީ ބުނީ އެޤައުމުގައި ހުރި ކެމިކަލް ހަތިޔާރުގެ ސްޓޮކްގެ ތެރެއިން 25 ހާސް މެޓްރިކްޓަނުގެ ކެމިކަލް ގޭސް އެކުލެވޭ ހަތިޔާރުތައް ނައްތާލައިފި ކަމުގަ އެވެ. ދުނިޔޭގައި ކެމިކަލް ހަތިޔާރުގެ ސްޓޮކް އެންމެ ބޮޑީ ރަޝިޔާގަ އެވެ. ރަޝިޔާގައި އަދި ވެސް 40 ހާސް މެޓްރިކް ޓަނުގެ ކެމިކަލް ހަތިޔާރު އެބަހުރި ކަމަށް ޚަބަރު ލިބެ އެވެ.
އެމެރިކާ ބުނާގޮތުން އެމެރިކާގައި ހުރީ 27 ހާސް މެޓްރިކް ޓަނުގެ ނިއުކްލިޔަރ ހަތިޔާރެވެ. ފަނާކުރަނިވި ހަތިޔާރުތައް ނައްތާލުމުގެ ސިޔާސަތުގެ ދަށުން ފާއިތުވި 15 އަހަރު ތެރޭގައި ކެމިކަލް ހަތިޔާރުގެ ސްޓޮކްގެ 33 ޕަސެންޓް ނައްތާލެވިފައިވާ ކަމަށް ރަޝިޔާ ބުނެ އެވެ. އެމެރިކާ ވަނީ އެޤައުމުގައި ހުރި ކެމިކަލް ހަތިޔާރުގެ ސްޓޮކްގެ 90 ޕަސެންޓް މިހާރު ނައްތާލެވިފައިވާ ކަމުގަ އެވެ.
ކެމިކަލްހަތިޔާރު ނައްތާލުމާބެހޭ ގޮތުން 1997 ވަނަ އަހަރު އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާބުނަނީ ކެމިކަލް ހަތިޔާރު ހުރި ޤައުމުތަކުން 2012 ވަނަ އަހަރު ފެށޭ އިރު އެހަތިޔާރުތައް ނައްތާލަން ޖެހޭނެ ކަމުގައެވެ.
މިމުޢާހަދާގައި 188 ޤައުމު ބައިވެރިވެފައިވީ ނަމަވެސް ކެމިކަލް ހަތިޔާރުހުރި ކަމަށް އެއްބަސްވެފައިވާ އެއްވެސް ޤައުމަކުން މިހާތަނަށް އެހަތިޔާރު ނައްތާލިކަން ޢިޢްލާންކޮށްފައެއް ނުވެ އެވެ. ކެމިކަލް ހަތިޔާރުހުރި ކަމަށް އެއްބަސްވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ރަޝިޔާގެ އިތުރުން އިންޑިޔާ، އީރާން، ލީބިޔާ، ދެކުނު ކޮރެޔާ އަދި ޢިރާޤު ހިމެނެ އެވެ.
އެމެރިކާގައި ހުރި ކެމިކަލް ހަތިޔާރުގެ 90 ޕަސެންޓް ނައްތާލެވިފައިވާ ކަމަށް އެމެރިކާ ބުނާ އިރު ރަޝިޔާ ބުނަނީ 2015 ވަނައަހަރާ ހަމައަށްދާ އިރު ކެމިކަލް ހަތިޔާރު ނައްތާލުމަށް މަސައްކަތްކުރާނެ ކަމުގަ އެވެ. (ރޮއިޓާސް)