03 Jul 2023, 00:17
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023ގެ ބައިވެރިންނަށް "ހީލިން ދި އާތު"ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.
ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމުކަމާ ބެހޭ އެ ސެޝަނަކީ އެ ކޮންފަރެންސްގައި ބޭއްވި ތިން ވޯކްޝޮޕްގެ ތެރެއިން އެއް ވޯކްޝޮޕެވެ.
"ހީލިން ދި އާތު" ލީޑް ކުރެއްވީ ވޯކްޝޮޕް ބޭއްވި ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގެ ރެޒިޑެންޓް ބަޔޮލޮޖިސްޓް ޝެރިޑަންއެވެ.
އެމްއެމްޕީއާރުސީއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގައި މުރަކަ ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މުހިންމު މައުލޫމާތުތަކެއް އެ ސެޝަންގައި ބައިވެރިންނާ ހިއްސާކުރި ކަމަށެވެ. އަދި ކަނޑުގެ ދިރުންތައް ދިރިއުޅޭނެ އައު މާހައުލުތައް އުފެއްދުމާއި ކަނޑުގެ އިކޯސިސްޓަމްތަކުގެ ބެލެންސް ބެލެހެއްޓުމާއި ރަށް ގިރުމުން ރައްކާތެރިކުރުމުގައި މުރަކަތަކުގެ ދައުރު ވެސް ތަފްސީލުކޮށް މި ސެޝަންގައި ބައިވެރިންނަށް ކިޔައިދިން ކަމަށް އެ ކުންފުނިން ބުންޏެވެ.
"ކަނޑުއަޑީގެ ދިރުންތަކާއި މުރަކަތަކަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކުގެ ތެރޭގައި ގާ ހުދުވުމާއި ކަނޑުގެ އެސިޑިފިކޭޝަން އާއި މާގިނައިން މަސް ބޭނުން ފަދަ ނުރައްކާތައް ތަފުސީލުކޮށް ކިޔައިދީފައިވޭ،" އެމްއެމްޕީއާރުސީގެ ބަޔާނުގައިވެއެވެ.
އެމްއެމްޕީއާރުސީއިން ބުނީ، "ކޮރަލް ޕްރޮޕެގޭޝަން" އާއި "ކޮރަލް ފްރޭމް ކޮންސްޓްރަކްޝަން" ފަދަ ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ދެމެހެއްޓެނިވި ހަރަކާތްތަކަށް އަލިއަޅުވާލުމުގެ މަގުސަދު މި ސެޝަންއިން ހާސިލުވި ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެއްޓާއި ފަތުރުވެރިކަމުގެ ސިނާއަތާ އޮތް ގާތް ގުޅުން އުނގެނުމުގެ ފުރުސަތު ބައިވެރިންނަށް ލިބުނު ކަމަށް ވެސް އެ ކުންފުނިން ބުންނެވެ.
"މުރަކަތަކުގެ މުހިންމުކަމާއި ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޓަކައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އަޅަމުންދާ ފިޔަވަޅުތައް މި ވޯކްޝޮޕުން ދަސްވިކަމަަށާއި މި ހަރަަކާތްތަކުގެ ސަބަބުން މުސްތަގުބަލަށް އުއްމީދު އާވެއްޖެ ކަމަށް އެއް ބައިވެރިޔަކު ފާހަގަކުރި." އެމްއެމްޕީއާރުސީއިން ނެރުނު ބަޔާނެއްގައިވެއެވެ.
އެ ސެޝަންގެ ބައިވެރިން ވަނީ މުރަކަ އިންދުމުގެ ސެޝަނެއްގައި ބައިވެރިވެ، ފްރޭމެއްގައި މުރަކަ އިންދާ، ދުޅަހެޔޮ މުރަކަ ކޮލޮނީތައް ހައްދާނެގޮތް ދަސްކޮށްފައެވެ. އަދި ޝެރަޓަންގައި ސްނޯކްލްކޮށް، ކަނޑުއަޑީގައި މިހާރު ހުރި މުރަކަ ފްރޭމްތައް ބަލާލުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ވަނީ ދީފައެވެ. އެ ސެޝަންގެ ތެރެއިން ވަނީ ރާއްޖޭގެ ކަނޑުއަޑި ރައްކާތެރި ކުރުމަށް ބައިވެރިންނަށް ހިތްވަރުދީފައި ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.