03 Jul 2023, 08:29
ތިން ބަތަލާއިން ލީޑް ރޯލްއިން ފެންނަ ފިލްމު "ދަ ކްރޫ" ރިލީޒްކުރުން އަންނަ އަހަރުގެ މާރޗް މަހުގެ 22އަށް ތާވަލުކޮށްފިއެވެ.
މިފިލްމަކީ، ބަތަލާ ކަރީނާ ކަޕޫރާއި، ތައްބޫ އަދި ކްރިތީ ސެނޮން ލީޑް ރޯލްތަކުން ފެންނަ ފިލްމެކެވެ. އެކްތާ ކަޕޫރާއި ރެއާ ކަޕޫރު ގުޅިގެން ގެނެސްދޭ މިފިލްމަކީ، އަންހެނުން ބާރުވެރިކުރުވުމުގެ މަޤުސަދުގައި އެކަމަށް ހިތްވަރުދިނުމަށް ބާރުއަޅައިދޭނެ ފިލްމެކެވެ.
ރެއާ ކަޕޫރާއި އެކްތާ ކަޕޫރު އެންމެ ފަހުން ގެނެސްދިން ފިލްމު "ވީރޭ ދި ވެޑިންގް"އަށްފަހު ފިލްމު "ދަ ކްރޫ" އިޢުލާނުކުރެވުނީ މި ދެ ޕްރޮޑިއުސަރުންގެ ފިލްމެއްގެ އިންތިޒާރުގައި ބެލުންތެރިން ތިއްބައެވެ.
ކަރީނާއާއި ތައްބޫ އަދި ކްރިތީ ފިލްމުގެ ލީޑް ރޯލްތަކުން ފެންނައިރު ޕަންޖާބު ލަވަކިޔުންތެރިޔާ ދިލްޖީރު ދޯސަންޖްއާއި މަޝްހޫރު ކޮމޭޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާވެސް މިފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެއެވެ.
ކަޕިލް ޝަރުމާ ފިލްމުގެ ޓީމާ ގުޅިފައިވަނީވެސް ވަރަށް ފަހުންނެވެ. ރާޖޭޝް ކްރިޝްނަން ޑައިރެކްޓްކުރާ މިފިލްމުގެ މަސައްކަތް ނިމި ފިލްމު މިހާރުއޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައެވެ.
އެކްތާއާއި ރެއާ އަދި ކަރީނާ ކަޕޫރު އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމު " ދަ ކްރޫ"އަކީ އޭވިއޭޝަން ދާއިރާގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ އަންހެނުންތަކެއްގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ.
ކަރީނާ ކަޕޫރު ޚާންއާއި ތައްބޫ އަދި ކްރިތީ ސެނޮން އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ މިފިލްމާއެކު މިއީ ކްރިތީ ސެނޮން ތަޖުރިބާހުރި ބަތަލާއިންތަކަކާއެކުވެސް މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ފިލްމު "މިމީ"ގައި ކްރިތީ ދެއްކި މޮޅު އެކްޓިންގްއަށްފަހު ބަތަލާ ވެފައިވަނީ އެންމެ ގިނަ ޕްރޮޑިއުސަރުން މަސައްކަތްކުރަން ބޭނުންވާ އެއް ބަތަލާއަށެވެ. މިދިޔަ މަހު ބަތަލާގެ ފިލްމު "އަދިޕުރުޝް" ރިލީޒްވެފައިވާއިރު އިތުރު ދެ ފިލްމަކަށް ކްރިތީވަނީ ސޮއިކޮށްފައެވެ.