03 Jul 2023, 08:26
ކާމިޔާބު ބޮލީވުޑް އެކްޓަރު ޖޯން އަބްރަހަމްގެ ފިލްމު "ޑިޕްލޮމެޓް"ގެ ފުރަތަމަ ޕޯސްޓަރާއެކު ފިލްމު ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
މިފިލްމު އަންނަ އަހަރުގެ ޖަނަވަރީ 11ގައި ސިނަމާތަކަށް އަންނާނެކަން ފިލްމު ގެނެސްދޭ ޓީ-ސީރީސްއިންވަނީ ބުނެފައެވެ. މިފިލްމަކީ، އިންޑިއާގެ ޤައުމިއްޔަތަށް ސިހުން ގެނުވައިދިން ހަގީގީ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ. އެގޮތުން ފިލްމުގެ ތީމްއެއްގެގޮތުގައި ބޭނުންކުރަނީ "އަ ޓްރޫ ހީރޯ ނީޑްސް ނޯ ވެޕަން" މި ސްޓޭޓްމެންޓްއެވެ.
ފިލްމު "ޑިޕްލޮމެޓް"ގެ ޕޯސްޓަ އިންސްޓަގްރާމްއަށް ދޫކޮށްލަމުން ޖޯން ބުނެފައިވަނީ، ބައެއް ހަނގުރާމަތަކަކީ ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލާ ކުރިމަތިލުން ނޫންކަމަށެވެ. ޖޯންގެ މިފިލްމުގައި ކިޔައިދޭނީ ދައްކުވައިދޭނީ އެފަދަ ހަނގުރާމައެއްކަމަށް އެކްޓަރުގެ ޕޯސްޓުގައިވަނީ ބުނެފައެވެ.
މިފިލްމުގެ ވާހަކައާއި ސްކްރިޕްޓް ލިޔެފައިވަނީ، އެކްޝަން ފިލްމުތައްކަމަށްވާ "ބަޓުލާ ހައުސް"، "ސަރުދާރު އުޅާމް" އަދި "ޕިންކް"ފަދަ ފިލްމުތައް ލިޔެދީފައިވާ ރިތޭޝް ޝާހުއެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކީ، ޝިވަމް ނަޔަރުއެވެ. ޝިވަމް ނަޔަރުގެ ކާމިޔާބު މަސައްކަތްތަކުގެތެރޭގައި ފިލްމު "ނާމް ޝަބާނާ" އަދި ވެބް ސީރީސް ކަމަށްވާ "ސްޕެޝަލް އޮޕްސް"އަދި "މުޚްބިރު" ހިމެނެއެވެ.
މިއަހަރުގެ ޖަނަވަރީ މަހު ރިލީޒްވި ފިލްމު "ޕަތާން"ގެ ކާމިޔާބީއަށްފަހު ޖޯންވެފައިވަނީ ބޮލީވުޑްގެ އެންމެ ޑިމާންޑްއޮތް އެއް އެކްޓަރަށެވެ. އަންނަ އަހަރު ފިލްމު "ޑިޕްލޮމެޓް" ރިލީޒްކުރުމަށް ނިންމާފައިވާއިރު ބޮޑު ކާސްޓެއް ހިމެނޭ ނާގް އަޝްވިންގެ ފިލްމު "ޕްރޮޖެކްޓް ކޭ" ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 12ގައެވެ.
އެހެންކަމުން މި ދެ ފިލްމު ރިލީޒްކުރާ ތާރީޚަށް ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ. ޖޯން މަސައްކަތްކުރަމުން އަންނަ އިތުރު ފިލްމުތަކުގެތެރޭގައި، ޕޯސްޓު ޕްރޮޑަކްޝަން މަރުޙަލާގައި އޮތް ފިލްމު "ތެހެރާން" ހިމެނެއެވެ. މީގެ އިތުރުން ފިލްމު "ތާރިޤ" އަދި "ވެދާ"ގެ ނަމުގައި އުފައްދާ ދެ ފިލްމެއްގައި އެކްޓަރު އަންނަނީ މަސައްކަތްކުރަމުންނެވެ.