03 Jul 2023, 08:17
ބޮލީވުޑްގެ އަރަމުން އަންނަ އެކްޓަރު ވަރުން ދަވަންއަށް ޝާހްރުކް ޚާންގެ ފިލްމު "ޖަވާން"ގެ ޑައިރެކްޓަރުގެ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.
ވަގުތީ ނަމަކަށް "ވީޑީ18"އިގެ ނަމުން ނަންދީފައިވާ މިފިލްމަކީ، ބެލުންތެރިން މުނިފޫހިފިލުވައިދޭނެ އެކްޝަން ފިލްމެކެވެ. ތަމަޅަ ޑައިރެކްޓަރު އަޓުލީ ޑައިރެކްޓްކުރާ މިފިލްމުގައި ވަރުން ދަވަން ކުޅޭނީ ލީޑް ރޯލެވެ. އަޓުލީ ފިލްމުގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާއިރު ފިލްމު ޕްރޮޑިއުސްކުރާނީ އަޓުލީގެ އަންހެނުން ޕްރިޔާ އަޓުލީއާއި މުރާދު ކެތާނީއެވެ.
ވަރުން ދަވަން ފިލްމު "ވީޑީ18"އިގެ ޓީމާ ގުޅުނު ޚަބަރާއެކު މިފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ މެއި 31ގައެވެ. މިއީ އަޓުލީގެ ފިލްމަކަށް ވަރުން ސޮއިކުރި ފުރަތަމަ ފަހަރުވެސްމެއެވެ.
ވަރުންއާއެކު ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނާބެހޭ މަޢުލޫމާތު އަދި ހާމައެއް ނުކުރެއެވެ. މިހާތަނަށް އަޓުލީ އުފައްދާފައިވާ ގިނަ ތަމަޅަ ފިލްމުތަކަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމުތަކެކެވެ. އޭގެތެރޭގައި 2019ވަނަ އަހަރު ރިލީޒްވި ތަމަޅަ ފިލްމު "ބިގިލް" ހިމެނެއެވެ.
ޒުވާން ޑައިރެކްޓަރު އަޓުލީގެ ފިލްމެއް އެންމެ އަވަހަށް ސިނަމާތަކަށް އަންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތެއްގައެވެ. މިފިލްމަކީ ރެޑް ޗިލީޒް އެންޓަޓެއިންމެންޓްއިން ގެނެސްދޭ ފިލްމު "ޖަވާން"އެވެ. އެކްޓަރު ޝާހްރުކް ޚާން ލީޑް ރޯލްއިން ފެންނާނެ މިއެކްޝަން ތުރިލާއިން ސައުތު ސިނަމާގެ ތަރިންތަކެއްވެސް ފެންނާނެއެވެ. އޭގެތެރޭގައި، ވިޖޭ ސެތުޕަތީ، ނަޔަންތާރާ، ޕްރިޔާމަނީ އަދި ބޮލީވުޑްގެ ބަތަލާ ސާންޔާ މަލްހޯތްރާ ހިމެނެއެވެ. ފިލްމު "ޖަވާން"އަކީ އަޓުލީ ޑައިރެކްޓްކުރާ އޭނާގެ އަލަތު ބޮލީވުޑް ފިލްމުވެސްމެއެވެ.
ވަރުންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެކްޓަރު އެންމަ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިއަހަރުގެ އޮކްޓޯބަރު މަހު އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރާ ފިލްމު "ބަވާލް"އިންނެވެ.
ވަރުން އަންނަނީ އެމޭޒަން ޕްރައިމްގެ "ސިޓަޑެލް އިންޑިއާ" ވެބް ސީރީސްގައިވެސް މަސައްކަތްކުރަމުންނެވެ. މިވެބް ސީރީސް ޕްރިމިއާކުރާނެ ވަކި ތާރީޚެއް އަދި ޢިއުލާނު ނުކުރެއެވެ.