ކުރިއަށްއޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ޕީޕީއެމާ ގުޅިގެން މަސައްކަތްކުރަން ނިންމި ނަމަވެސް "އިންޑިއާ އައުޓް" ގޮވާނަމަ އެ ޕާޓީއާއެކު މަސައްކަތް ނުކުރާނޭކަމުގެ އިންޒާރު ދަ ޑިމޮކްރެޓްސްގެ އެއް މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ކުރިއަށްދާ ފަހުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، ދޭދޭ ގައުމުތަކާ އޮންނަ ގުޅުން ހީނަރުވާފަދަ އެއްވެސް ކަމެއް އެއްވެސް ސިޔާސީ ޕާޓީއަކުން ކުރުމަކީ ދަ ޑިމޮކްރެޓްސްއިން ގެންގުޅޭ ސިޔާސަތެއް ނޫންކަމަށާއި، އެކަމަށް އެޕާޓީން އެއްވެސް ވަރަކަށް ތާއީދު ނުކުރާނޭކަމަށެވެ.

"ދެ ޕާޓީ އެކުގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި، އަދި ހިންގާ ހަރަކާތްތަކުގެ ތެރޭގައިވެސް އެފަދަ ހަރަކާތެއް ހިންގިޔަކަ އަޅުގަނޑުމެން ނުދޭނެ އިރާދަކުރެއްވިއްޔާ. އެއްވެސް ސިޔާސީ ޕާޓީއަކުން ދަ ޑިމޮކްރެޓްސްއާއެކު މަސައްކަތްކުރާ ކަމަށް ވަނީނަމަ އިންޑިއާ އައުޓް ފަދަ ސްލޯގަން ބޭނުން ނުކުރެވޭނެ," ހަސަން ލަތީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ މުޒާހަރާތަކުގައި "އިންޑިއާ އައުޓް" ގޮވާ ގޮވުމާ ގުޅޭގޮތުން ދަ ޑިމޮކްރެޓްސްއިން ދެކޭ ގޮތް ހަސަން ލަތީފް ސާފުކޮށްދެއްވިއިރު، ޕީޕީއެމުން ވަނީ މިއަދު ދަ ޑިމޮކްރެޓްސް އާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

"އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ފެއްޓެވި ހަރަކާތެކެވެ. ނަމަވެސް މި ފަހުން ޗާގޯސް މައްސަލައިގައި ޕީޕީއެމުން ބޭއްވި ޖަލްސާގެ ތެރެއިން ބަޔަކު އިންޑިއާ އައުޓް ބެނާއެއް ދެމި މައްސަލައިގައި އެޕާޓީން ވަނީ ބެނާ ދެމުން ކުއްވެރިކޮށްފައެވެ.

މިކަމާ ގުޅިގެން އޭރު ޕީޕީއެމުން ނެރުނު ބަޔާނުގައި ވަނީ "އިންޑިއާ އައުޓް" ބެނާ އަކީ ސަރުކާރުން އިސްވެ އޮވެ ކުރިކަމެއްކަމަށް ތުހުމަތުކޮށްފައެވެ.