02 May 2012, 09:24
އދ. މަޖިލިސް (މޭ 2): ސޫރިޔާގައި ސުލްޙަ ޤާއިމް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އޮބްޒާވަރުން ރުކުރުވާލުމުގެ ކަންތައް އަވަސްކުރަމުން ގެންދާ ކަމަށް އދ. އިން ބުނެފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އެހީތެރިޔާ ހެރްފީ ލެޑްސޯ ވިދާޅުވި ގޮތުގައި ސޫރިޔާގައި ރުކުރުވާލުމަށް ހަމަޖެހިފައިވާ 800 އެއްހާ ބައިނަލްއަޤްވާމީ އޮބްޒާވަރުން މި މޭ މަސް ނިމުމުގެކުރިން ރުކުރުވާލާނެ ކަމުގަ އެވެ.
މިހާރު ވެސް ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ 24 މީހަކު ސޫރިޔާގައި ޙަރަކާތްތެރިވެ އެވެ. އޮބްޒާވަރުންގެ ބޭނުމަކީ ސޫރިޔާގައި ސުލްޙަ ޤާއިމް ކުރުމަށްޓަކައި އދ. ން ފާސްކޮށްފައިވާ ޕްލޭން ތަންފީޒުކުރަމުންދާގޮތް ބެލުމެވެ.
މިޕްލޭން ތަންފީޒު ކުރަނީ ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނައުމަށެވެ. މިޕްލޭން ބިނާވެފައި ވަނީ ސޫރިޔާގެ ހަނގުރާމަ ހިނގާ ސަރަޙައްދުތަކުން ބަރުހަތިޔާރާއި ސިފައިން ބޭލުމަށާއި ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިންނާ ދެމެދު ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށެވެ. ސުލްޙައިގެ ޕްލޭން ތަންފީޒުކުރުމަށް ޓަކައި ސޫރިޔާ އިން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ކަމަށާއި ހަނގުރާމަ ހިނގާ ސަރަޙައްދުތަކުން ބަރުހަތިޔާރާއި ސިފައިން ބޭލުމުގެކަންތައް ވެސް ކުރިޔަށް ނުދާކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އެހީތެރިޔާ ހެރްފީ ލެޑްސޯ ތުހުމަތު ކުރެއްވި އެވެ. އަދި އޮބްޒާވަރުންގެ މަސައްކަތަށް ބޭނުންވާ ހެލިކޮޕްޓަރު ފަދަ ތަކެތި ސޫރިޔާއަށް ފޮނުވުމަށް އދ. ން ކުރާ މަސައްކަތަށް ސޫރިޔާ ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ވެސް ހެރްފީ ލެޑްސޯ ތުހުމަތު ކުރެއްވި އެވެ.
ސޫރިޔާއިން ވަނީ އެ ޤައުމުގެ ސަރުކާރާ ހަނގުރާމަކުރަމުން ގެންދާ ހަތިޔާރުއެޅި ފަރާތްތަކަށް އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން މަދަދުދެމުންގެންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެމެރިކާއާއި ހުޅަނގުގެ ބޭނުމަކީ ޢިރާޤަށް ހެދިގޮތް ސޫރިޔާއަށް ހެދުމަށްކަމަށް ކަމަށާއި މިފުރްސަތު ނުދޭނެ ކަމަށް ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް ވިދާޅުވި އެވެ.
ސޫރިޔާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގައި ސައޫދީ ސަރުކާރުގެ އެއްބާރުލުން ހޯއްދުމަށްޓަކައި އެމެރިކާގެ ސެނެޓްގެ މެންބަރެއް ކަމަށްވާ ޖޯ ލިބަރމެން އިއްޔެވަނީ ރިޔާޟް ގައި ސައޫދީ ރަސްގެފާނު ޢަބްދުﷲ އާ ބައްދަލުކުރައްވާފަ އެވެ. (އަލްޖަޒީރާ)