02 Jul 2023, 18:26
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެމްޑީޕީއިން ވަކިވުމަށް ފަހު އަލަށް އުފައްދާ ސިޔާސީ ޕާޓީ، "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބާއްވާ ޖަލްސާގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަން އިއުލާން ކުރައްވައިފިއެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފައިވާއިރު، ޕާޓީ އުފައްދަން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ 8:30ގައި ގިޔާސުއްދީން ސްކޫލުގެ ހޯލުގައެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރެޓްސް އުފައްދަން ބާއްވާ ޖަލްސާގައި އެ މަނިކުފާނުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުންނަށް މަރުހަބާ ވިދާޅުވެ، ޕާޓީއަށް ތާއީދު ކުރާ ހުރިހާ މެންބަރުންނަށް އެ ޖަލްސާއަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާސީ ޕާޓީއެއް އުފައްދަން ބާއްވާ ޖަލްސާއެއްގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހެއެވެ.
ދަ ޑިމޮކްރެޓްސްއަށް 3،560 މީހުން ސޮއި ކޮށްފައިވާއިރު، ޖަލްސާގައި ބައިވެރިވުމަށް އެ އެންމެންގެ އަރިހުން ހަސަން ލަތީފް ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ އެ ޖަލްސާއަށް ވަޑައިގެން ޕާޓީއަށް ސޮއި ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި، ޕާޓީއާ ގުޅެން ބޭނުންވާ މީހުންނަށް އެ އިންތިޒާމް ވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
އަދި، އެ ޖަލްސާގައި ފާސްކުރުމަށް ގާނޫނުން ލާޒިމް ކުރާ ބައެއް ކަންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބުދަ ދުވަހުގެ ރޭ ޕާޓީގެ އަސާސީ ގަވާއިދާއި، ޕާޓީގެ ލޯގޯއާއި ކުލަ ފާސް ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަންނަވާ ޖަލްސާއަކީ ވަރަސް މުހިންމު ޖަލްސާއެއް. އެއީ ގާނޫނުން ލާޒިމް ކުރާ ޖަލްސާއެއް. އަޅުގަނޑު ހަމަ ޕާޓީއަށް ސޮއި ކުރެއްވި ހުރިހާ ބޭފުޅުންނަށް ދައުވަތު އަރުވަން އެ ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްވުމަށް.ޑިމޮކްރެޓްސް ގެ މުއައްސިސް ހަސަން ލަތީފް
މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންފައި ވާއިރު، ޕާޓީން ވަކިވުމުގެ ކުރިން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ދޫކޮށް ނުލައި ހުންނެވީ ޑިމޮކްރެޓްސްގެ ތެރެއަށް، މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގައި ކަމަށެވެ.
އަދި، ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސް ޕާޓީއިން އެމްޑީޕީގެ ވޯޓުތައް "އެކަށީގެންވާ އަދަދަކަށް" ނަގާނެ ކަމަށާއި، އެއަށްފަހު އެމްޑީޕީގެ ކޮންޓްރޯލް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ނޯންނާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން ވަކިވި ނަމަވެސް، އެމަނިކުފާނު އަދި އެއްވެސް ޕާޓީއަކަށް ސޮއި ކުރައްވާފައެއް ނުވެއެވެ. ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަން އެ ޕާޓީން އިއުލާން ކޮށްފައިވާއިރު، އެ ކެންޑިޑޭޓަކީ ރައީސް ނަޝީދަށް ވުން އެކަށީގެންވެއެވެ.