ބިންވެރިޔާ ސްކީމުގެ ދަށުން 6،200 ގޯތި ދޫކުރުމަށް މިހާރު ނިންމައިފައިިވާކަމަށާއި އަންނަ އޯގަސްޓު މަހުގެ ތެރޭ ބިންވެރިންނަށް ގޯތިތައް ހަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ގުޅިފަޅު ހިއްކުމަށް މިއަދު ފެށި މަޝްރޫއު އިފްތިތާހުކޮށްދެެއްވުމަށްފަހު ވާހަަކަފުޅުދައްކަވަމުންނެވެ.

މީގެ ކުރިން ނިންމައިފައިވަނީ މި ސްކީމުގެ ދަށުން 5،000 ގޯތި ދޫކުރުމަށެވެ. ނަމަވެސް މިއަދު ރަައީސް ވިދާޅުވި އަދަދާއެކު އަލަށް 1،200 ގޯތި އިތުރުވާނެއެވެ.

އެ މަނިކުފާނު ވިދާޅުވީ މިހާރު ބިންވެރިންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވައިލައިފައިިވާއިރު ލިބޭ ޝަކުވާތަކަށް ބަލައި ލިސްޓު އިސްލާހުކުރާނެކަމަށެވެ. އަދި އޭގެ ފަހުން ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

"ލިބޭ ޝަކުވާތައް ބެލުމަށްފަހު، ލިސްޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށްފަހު އިރާދަކުރެއްވިިއްޔާ މި އަންނަ އޯގަސްޓު މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ފެށުނު މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުކުރުމަށް ފެށުނު މުހިންމު މަޝްރޫއެއްކަމަށެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މި މަޝްރޫއަކީ މުޅި ރާއްޖެއަށް ފެތުރޭނެ ތަރައްގީގެ ބިޔަ މަޝްރޫއެއްކަމަށާއި މި މަޝްރޫއާއެކު މާލޭ ސަރަހައްދަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި މަޝްރޫއާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ބިންވެރިޔާ ސްކީމަށް ބޭނުންވާ ބިމުގެ އެއްބަައި ހުޅުމާލެ ދެވަނަ ފިޔަވަހީން ދިނުމަށް ހަމަޖެހިފައިވާއިރު މިހާރު ހިއްކަމުން އަންނަ ގިރާވަރު ފަޅުން ވެސް މި ސްކީމަށް ބިން ބޭނުންކުރާނެކަމަށެވެ.

ރައީސް ވިދާޅުވީ ޒަމާނުއްސުރެ މާލޭގެ ރައްޔިތުން ދިރިއުޅެމުން އައި މާހައުލުގެ ތެރެއިން ފެނުނީ ހާސްކަން ކަމަށެވެ. އެއީ ނަފްސާނީ އަދި އިޖްތިމާއީ ބަލިމަޑުކަމެއް ރައްޔިތުން ތަހައްމަލުކުރަން ޖެހިފައިވާ ސަބަބެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ވެސް ގުޅިފަޅުގައި 68 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާކަމަށެވެ. ނަމަވެސް މި މަޝްރޫއުގެ ތެރެއިން އިތުރު 150 ހެކްޓަރުގެ ބިން އިތުރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު ޖުމްލަ 218 ހެކްޓަރުގެ ބިން ގުޅީފަޅަށް އިތުރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމާޒުކޮށްފައިވަނީ ގުޅިފަޅުން މަދުވެެގެން 2،000 ގޯތި ދޫކުރުމަށް. ގިރާވަރު ފަޅުން ވެސް މިހާރު އޮތީ 20 ހެކްޓަރަށް ވުރެ ބޮޑު ބިން ހިއްކިފައި. ގުޅިފަޅުން ވެސް އިރާދަކުރެއްވިއްޔާ 2،000 ގޯއްޗަށްވުރެ އިތުރަށް އަޅުގަނޑުމެންނަށް ދޫކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ހުޅުމާލެއިން ވެސް މަދުވެގެން 2،200 ގޯތި ދޫކުރާނެކަމަށެވެ.

ރައީސް ވިދާޅުވީ މިއީ މާލޭ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށެވެ.

"އަދި މުޅި ރާއްޖޭގައި ވެސް ހިންގާ މިފަދަ އެންމެ ބޮޑު މަޝްރޫއު. މިއީ އެތައް ރަނގަޅެއް އޭގެ ނިވަލުގައި އޮވެގެން އަޅުގަނޑުމެން ކުރިއަށް ގެންދަން އުޅޭ މަޝްރޫއެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި މަޝްރޫއާ ގުޅިގެން އަންނަ އުމްރާނީ ތަރައްގީގެ ހެޔޮ ބަދަލާއި ވިޔަފާރިއާއި އިގްތިޞާދީ ހެޔޮ ބަދަލުގެ ސަބަބުން މުޅި ރާއްޖެއަށް ހެޔޮ އަސަރު ކުރާނެކަމަށެވެ.