ގުޅިފަޅު ދެވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިީޙް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

އެކަމަށް ޓަކައި މިއަދު ގުޅިފަޅުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ޕްރޮޖެކްޓް ޑިރެކްޓަރު މަހުޖޫބް ޝުޖާއު ވިދާޅުވީ ގުޅިފަޅު ހިއްކުމުގެ ވާހަކައަކީ، މާލޭ ތޮއްޖެހެން ފެށިފަހުން އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށެވެ.

ނަމަވެސް ގުޅިފަޅު ހިއްކައިގެން ތަރައްގީ ކުރުމަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ރަނގަޅު ތަސައްވުރެއް ގެންގުޅެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކޮށްފައިވޭ. ދިހަ އަހަރު ތެރޭ ކޮންމެ ސަރުކާރަކުން ވެސް މިތަނުގެ ބޭނުންހިފަން މަސައްކަތްކުރިތަން އަޅުގަނޑުމެންނަށް ވަނީ ފެނިފަ. އެގޮތުން މިތަނުގައި ބިންކޮޅެއް ހިއްކާ ފްލެޓްތަކެއް އެޅިތަންވެސް އަޅުގަނޑުމެންނަށް ވަނީ ފެނިފަ،" މަހުޖޫބް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގުޅިފަޅުން 10 ހެކްޓަރު ހިއްކައި، ފްލެޓްތަކެއް އެޅުމުގެ މަސައްކަތް ކުރިއެވެ. އެ މަސައްކަތް ހަވާލުކުރީ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމެންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ)އާއެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖީޕީޑީގެ އަތުން ފުލުހުން މެދުވެރިކޮށް އެ ރަށް އަތުލައި، ސަރުކާރުގެ ބެލުމުގެ ދަށަށް ރަށް ގެންދިޔައެވެ.

ގުޅިފަޅު ސަރުކާރަށް ނެގުމަށްފަހު އެރަށުން ފުލެޓު ގަންނަން ފައިސާ ދެއްކި މީހުންނަށް ގެދޮރުވެރިކަމުގެ ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވެއެވެ.

މަހުޖޫބް ވިދާޅުވީ މިއަދު ފެށި މަޝްރޫއުގެ ދަށުން ގުޅީފަޅަށް 150 ހެކްޓަރުގެ ސަރަހައްދެއް އިތުރު ކުރާނެ ކަމަށާއި މިއީ ރާއްޖޭގައި މިހާތަނަށް ހިންގޭ ބިން ހިއްކުމުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

މީގެ އިތުރުން އެ މަޝްރޫއު ހިންގަނީ ތިމާވެއްޓަށް ކުރާނެ އަސަރު ދިރާސާކުރުމަށް ފަހު އެންމެ ގެއްލުން ކުޑަވާނެ ގޮތަށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށް މަހުޖޫބް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން، މިފަދަ މަޝްރޫއުތައް ހިންގުމަށް ރާއްޖެއަށް ކުރާ އިތުބާރު އިތުރުވެ، ފައިނޭންސް ހޯދަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފަޅު ދެވަނަ ފިޔަވަހި ހިއްކުމުގެ ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ.

ބޮސްކާލިސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ހައުސިން މިނިސްޓްރީން މި މަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ. ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހި ޚާއްސަ ކުރަން ނިންމާފައިވަނީ ސަރުކާރުން ގުޅިފަޅުގައި ތަރައްގީކުރާ ސަރަހައްދީ ބަނދަރުގެ މަސައްކަތަށެވެ. މި މަޝްރޫއާއެކު މިހާރު މާލޭގައި ހިންގަމުންދާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ ޚިދުމަތް އެއްކޮށް ގުޅީފަޅަށް ބަދަލުކުރާނެއެވެ.

ބޮސްކާލިސް ކުންފުންޏަކީ ރާއްޖޭގެ ތަރައްގީގައި މީގެކުރިން އެކި މަސައްކަތްތައް ކޮށްފައިވާ ކުންފުންޏެކެވެ. ދެހާސް ދިހަ ވަނަ އަހަރު ގުޅިފަޅުގެ ފުރަތަމަ ފިޔަވަހިވެސް ހިއްކާފައި ވަނީ އެކުންފުނިންނެވެ. އަދި، 2019ވަނަ އަހަރު ގުޅިފަޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންގޮސް އެކުންފުނިންވަނީ، ގުޅިފަޅުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މުޅިން ނިންމާފައެވެ.

އޭގެތެރޭގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު، ގުޅީފަޅާ ގުޅުވާލުމަށް ނިންމާފައިވާ ސަރަޙައްދުވެސް އެ ކުންފުނިން ހިއްކާފައިވެއެވެ.

ގުޅިފަޅު ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ފަޅަށް އަޅާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި، ހިއްކާ ސަރަޙައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.