މި އަހަރު އިންތިހާބެއް ނުބޭއްވިޖެއް ނަމަ ދެން ރާއްޖޭގައި އިންތިހާބެއް ބޭއްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމަށް އެމްޑީޕީން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން މިރޭ މެދުޒިޔާރަތް ކުރިމަތީ ހުންނަވައި ރައީސް ނަޝީދު ވިދާޅުވީ އަވަސް އިންތިހާބަކަށް އެމްޑީޕީން ވަކާލާތު ކުރަނީ، އިންތިހާބެއް ނުބޭއްވި ފާއިތުވާ ކޮންމެ ދުވަހަކީ "ބަޣާވާތުގެ ލީޑަރުން" ސަރުކާރު ދެމެހެއްޓުމަށް މަސައްކަތްކުރާނެ ދުވަހަކަށް ވާނެތީ ކަމަށާއި އަވަސް އިންތިހާބެއް ބޭނުން ވަނީ އެކަން ހުއްޓުވާ ރައްޔިތުންގެ ޑިމޮކްރަޓިކް ވެރިކަމެއް ގާއިމް ކުރުމަށް ކަމަށެވެ.

"2012 ވަނަ އަހަރު އިންތިހާބެއް ބޭވުމަށް އަޅުގަނޑުމެން އެދެނީ އެހެން ނޫންނަމަ ރާއްޖޭގައި ދެން އިންތިހާބެއް ބާއްވަން އުދަގޫވެދާނެތީ" ނަޝީދު ވިދާޅުވި އެވެ.

އަބަދުވެސް ތަކުރާރު ކުރައްވާ ގޮތަށް ރައީސް ނަޝީދު މިރޭވެސް ވިދާޅުވީ "ރިޝްވަތުގައި ހިފައިގެން ގައުމު ވިއްކާލީ" ޑިފެންސް މިނިސްޓާ މުހަންމަދު ނާޒިމް އާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ކަމަށެވެ. އަދި ވިދާޅުވީ ބަޣާވާތުގެ ލިޑަރުންގެ ނިމުން އަބަދުވެސް އަންނަނީ ހިތިގޮތަކަށް ކަމަށާއި ނާޒިމް އާއި ރިޔާޒް ވެސް އަދި ހައްޔަރުކުރާނެ ކަމަށެވެ.

"ބާޣީ ނާޒިމް އާއި ރިޔާޒު ވެސް ހައްޔަރު ކުރެވޭނެ، އަޅުގަނޑުމެން އެކަން ކުރާނަން، އެއްވެސް ބޭފުޅަކު ކަންބޮޑު ވެލައްވާނެ ކަމެއްނެތް އެކަން ކޮއްދޭނީ ސިފައިނާ ފުލުހުން" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވާން އުޅޭ މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވީ ބައިނަލް އަގްވާމީ އެއްވެސް ޖަމާއަތަކުން ރާއްޖެ ވަކިވެއްޖެ ނަމަ އޭގެ ގެއްލުން ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށާއި ބަޔަކު ދެކެ ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ވަކިވެގަތުމަށް އަދި އަނިޔާކުރަން މަސައްކަތް ކުރާނަމަ އެކަމުން ވާނެ ފައިދާއެއް އަދި ލިބޭނޭ ކުރިއެރުމެއްވެސް ނޯނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމަކުން ޓީޗަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކޮއްދޭނޭ ކަމަށާއި އަދި ސިފައިންނާއި ޓީޗަރުންނަށް ވެސް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ކުރައްވާފައި ވާނޭ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑު އަމާޒަކަށް ހަދައިފައި އޮތީ މިއަހަރު ތެރޭގައި އެންމެ ދަށް މުސާރަ ލިބޭ މީހަކަށް ވެސް 4000 ރުފިޔާ ލިބެން ޖެހޭނެ ކަމަށް ނިންމަން،" ނަޝިދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި ދުވަސް ވަރު ވިދާޅުވަމުން ގެންދަވާފައި ވަނީ އުނިކުރި ސިވިލް ސާވެންޓުންގެ މުސާރަ އިއާދަކޮށްދެވެން ނެތް ކަމަށާއި ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކޮށްދެވެން ނެތް ކަމަށެވެ. ވިދާޅުވަމުން ގެންދެވީ ދައުލަތުގައި އެކަމަށް އެ ކަށީގެންވާ އަދަދަށް ފައިސާ ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވީ އަނބިދަރިން ދޫކޮއްލާފައި އުޅެން ޖެހުމުން ދެރަވާ ކަމަށާއި ނަމަވެސް މަސައްކަތުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތައް ނުޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ މިރޭގެ ވާހަކަފުޅުގައި ނައިބު ރައީސް ކަމުގައި ހުންނެވި ވަހީދުއްދީން (ޑީން) އަށް ނިސްބަތް ކުރައްވާ ވިދާޅުވީ "ބާޣީ ވަހީދުއްދީން" ކަމަށެވެ. އަދި ވިދާޅުވީ؛ "ރައްޔިތުންގެ ބަހަކާއި ނުލައި ނައިބު ކަމަށް ވެގެން ތިޔަ ހުންނެވީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކުރައްވައިގެން ކަމަށް ރޭ ޑީން އާ ބައްދަލުކުރައްވައި ދެންނެވި." ކަމަށެވެ.

މެދުޒިޔާރަތް ކައިރީ ބޭއްވި އެމްޑީޕީގެ އެ އެއްވުމަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ. ފުލުހުން ސިފައިން ނިކުމެ ވަނީ މެދުޒިޔާރަތް ކުރިމަތިން އޮންނަ މަގަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. ނަމަވެސް އެއްވެސް ކުރިމަތިލުމެއް ނުހިނގަ އެވެ. އެމްޑީޕީން މިއަދު ބޭއްވި މުޒާހަރާ ނިންމާލީ މިރޭ 12:00 ޖަހާ އެހާކަން ހާއިރު އެވެ.