02 Jul 2023, 15:55
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ބަދަލުކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ދަ ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތް ކުރި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދެ ޕާޓީން ވެސް ވާދަ ކުރާނީ ވަކިން ކަމަށް ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނާއި ޑިމޮކްރެޓްސްއިން މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ދެ ފަރާތުން އެއްބަސްވެގެން އިންތިޚާބަށް ކޮމަން ކެންޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން މިހާތަނަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
އަޅުގަނޑުމެން މި އަންނަނީ ވަކި އެޖެންޑާއެއް ހިފައިގެން އިގޭނތޯ. އަންނައިރުގައި ކޮމަން ކެންޑިޑޭޓާ ބެހޭ މަޝްވަރާއެއް އަދި އަޅުގނޑުމެންގެ ޓޭބަލް މައްޗަކަށް ނާދޭ. ނަމަވެސް އެ ހާލަތަށް ގޮސްފި ކަމަށް ވާނަމަ އެކަން ވެސް ކުރާނެ.ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު
އެއާ ގުޅިގެން އަމްރު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވަކި ފިކުރުތަކެއް ގެންގުޅުނު ނަމަވެސް އެ ކަންތައްތައް އެއް ފަރާތް ކުރުމަށް ފަހު އެއްބަސްވެވޭ މަސައްކަތްތަކާ އެކު ކުރިއަށް ދާނެ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގައި ވިއްޔާ އެއީ ސިޔާސީ ވަކިވަކި ފިކުރު ތަކެއް. ވަކި ޕޮލިސީތަކެއް ހުންނާނެ. އޭގެ މާނައަކީ އަޅުގަނޑުމެންނަށް އެއްކޮށް މަސައްކަތް ކުރެވޭނެ ޕްލެޓްފޯމަކަށް ނާދެވިއެއް ނުހުންނާނެ.ހުސެއިން އަމްރު
މީގެއިތުރުން އަމްރު ވިދާޅުވީ ދެ ފަރާތުން ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖޮއިންޓް ކޮމިޓީތަކެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުން ދާ ކަމަށާއި، އެ ކޮމިޓީތަކުގެ މަސައްކަތްތަކަކީ އިޖްތިމާއީ އަދި އިގްތިސާދީ ބޮޑެތި މައްސަލަތަކާ ގުޅިގެން ރައްޔިތުންނަށް ހާމަކޮށްދެން ޖެހޭ ކަންކަން ހާމަކޮށްދިނުން ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް އަދި ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރެއްވުން ނާދިރު ކަމަށް ރައީސް ނަޝީދުގެ ހިއްސާ އޮންނަ "އޯޝަން ވީކްލީ" އިން މިދިޔަ ހަފުތަގައި ޝާއިއު ކުރި ލިޔުމެއްގައި ބުނެފައިވެއެވެ.
އެކަމާ ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ސުވާލުތަކެއް އަމާޒުވެގެން ދިޔައިރު، އެއިން އެއްވެސް ސުވާލަކަށް ސާފު ޖަވާބެއް ދެ ބޭފުޅުންވެސް ދެއްވާފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދެ ޕާޓީންވެސް ވާދަ ކުރާނީ ވަކިންނެވެ. ނަމަވެސް ދެވަނަ ބުުރުގައި އެއްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑެވެ.