05 Jul 2023, 10:42
ރަށުގައި އެ ވަރުގެ ތައުލީމެއް ހޯދޭނެ މަގެއް ނެތެވެ. އާމްދަނީ ލިބޭނެ ކޮޅެއް ނެތެވެ. އެހެންވެ، އަތޮޅުތެރެއަށް އުފަން އެ މީހާއަށް މާލެ ބަދަލުވާން ހާލަތު މަޖުބޫރު ކުރުވީ އުމުރުން 15 އަހަރުގައެވެ. އެއީ، 1982 އެވެ. މިއީ، 2023 އެވެ. މާލޭގައި ބޮޑު ކުލި ދައްކައިގެން ފަސް ދަރިން ގޮވައިގެން އުޅޭތާ 42 އަހަރު ވެއްޖެއެވެ.
އެކަމަކު، އެ މީހާއަކަށް މާލޭން ގެއެއް ނުލިބެއެވެ. ދެން މި ކިޔައިދެނީ އެހެން މީހެއްގެ ވާހަކައެވެ.
މާލޭގެ މެދުގައި ބޮޑު ގޯއްޗެއް އޮވެއެވެ. ނުވިތާކަށް އަންހެނުންނަށް ގެ ބަހާފައި ބޮޑު އެޕާޓުމަންޓެއް ލިބުނެވެ. އެކަމަކު، ސަރުކާރުން ހުޅުވާލި ގޯއްޗަށް އެދިގެން އޭނާގެ އަންހެނުންނާއި ތިން ދަރިންނަށް ވެސް ގޯތި ލިބުނެވެ. އެ ދަރިންނަށް ގޯއްޗަކީ ކޮބައިކަން ވެސް ނޭނގެއެވެ.
މިއީ، މި ފަހަރު ސަރުކާރުން ހުޅުވާލި ގޯއްޗަށް އެދިއެދި ތިބި ދެ އާއިލާއެއްގެ ހާލަތެވެ. މިއިން އިންސާފާއި ހައްގު މިންވަރު މިނެ ކިރާނީ ކިޔުންތެރިޔާއެވެ.
ހިލޭ ގޯތި ދިނުން؛ ދެކޮޅެއް ނުޖެހޭ
ހައުސިން މިނިސްޓްރީން އާންމުކުރި މައުލޫމާތުގައި ވާގޮތުން، މާލޭ މީހުންނަށް ބަންޑާރަ ގޯތި ދޫކުރަން ހުޅުމާލެއިން 1.2 މިލިއަން އަކަފޫޓުގެ ބިން ވަނީ ހާއްސަކޮށްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެންމެ ފަހުން ވިދާޅުވި ގޮތުން ނަމަ، އެ ބިމުން 2،200 ގޯތި ދޫކުރާނެއެވެ.
ފުރަތަމަ އިއުލާނު ކުރި 5،000 ގޯތި މަދުވެގެން ސަރުކާރުން ވަނީ ގޯއްޗަށް އެދި ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާފައެވެ.
ހުޅުމާލެ: ހުޅުމާލެއިން މާލޭ މީހުންނަށް ގޯތި ދޭން ސަރުކާރުން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ސަރުކާރުން މާލެއިން ގޯތި ދޫކުރާ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި، މާލޭ މީހުންގެ ވޯޓު ހޯދަން،"
ބޯހިޔާވަހިކަމުގެ މައްސަލަތަކާ ގުޅިގެން އެންމެ ބޮޑަށް އަޑުއުފުލާ 'ކޮމޮނާސް ފްރެންޑްޝިޕް އެސޯސިއޭޝަން'ގެ ރައީސް މިދުއަމް ސައުދު ވިދާޅުވީ އެފަދައިންނެވެ. މާލެއިން ބަންޑާރަ ގޯތި ދޫކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެއީ، ދެއަކާއި ދޭއް އެއްކޮށްގެން ހަތަރެއް އަންނާނެކަން އެނގޭހާ، ސާފުކޮށް އެނގޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ގަބޫލުކުރައްވައެވެ. ބަންޑާރަ ގޯތި ދޫކުރުމަކީ 'ސަސްޓެއިނެބަލް' އަދި 'އިކޮނޮމިކަލީ ފީސިބަލް' ކަމެއް ނޫނެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށަކުން ހިލޭ ބަންޑާރަ ގޯތި ދޫކޮށްގެން ނުވާނެ ކަމަށެވެ. އެއީ، ހުއްޓައިލަން ޖެހޭ ކަމެއް ކަމަށް އެ ދުވަހު ވިދާޅުވިއެވެ.

މާލޭ މީހުންނަށް ގޯތި ދޫކުރަން ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ އެކު މިނިސްޓަރު މުހައްމަދު އަސްލަމް: މިނިސްޓަރު ވަނީ ބަންޑާރަ ގޯތި ދޫކުރުން ހުއްޓައިލަން ޖެހޭ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް
އެކަމަކު، ދިވެހިން ބޭނުންވަނީ ބަންޑާރަ ގޯތި ކަމަށާއި އަދި ގައުމުގެ ކަންކަމާ ހަވާލުވެ ތިބި ސިޔާސީ ވެރިން ތިބީ އެކަން ހުއްޓައިލަން ނޫން ކަމަށް ވެސް އަސްލަމް އެ ދުވަހު ވިދާޅުވިއެވެ. މިއީ، މިދުއަމް އެ ވިދާޅުވި ސިޔާސީ ނިޔަތެވެ. ގޯތި ދެނީއަކީ މައްސަލަ ހައްލު ކުރުމުގެ ނިޔަތެއްގައި ނޫނެވެ. އެއީ، ސިޔާސީ ބޭފުޅުން ސިޔާސީ ބޭނުމަށް ކުރާ ކަމެކެވެ.
ބޯހިޔާކޮށްލަން، މީހަކަށް 10 މިލިއަން ރުފިޔާ
ސަރުކާރުން، މާލޭ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަ ފޫޓެވެ. އަދި، އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާ ފޯމުތަކަށް، އިތުރުވާ ކޮންމެ މީހަކަށް 400 އަކަ ފޫޓު ބިމަށް އިތުރު ވާނެއެވެ. އެއް އެޕްލިކޭޝަންގައި ހަތް މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ނަމަ ލިބޭނީ ޖުމުލަ 4،000 އަކަ ފޫޓުގެ ގޯއްޗެވެ.
ހުޅުމާލޭގައި އެންމެ ކުޑަކޮށް ވެސް ބިމެއް ވިއްކަނީ އަކަ ފޫޓަކަށް 8،000 ރުފިޔާއަށް ވުރެ ބޮޑު ކޮންނެވެ. އެހެންވެ، އެންމެ ކުޑަ ގޯއްޗަށް އެންމެ ކުޑަ އަގުގައި ވެސް އެއީ، 10 މިލިއަން ރުފިޔާއެވެ.
އެކަމަކު، ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެހެން ރަށްރަށުން އެ ރަށެއްގެ މީހުންނަށް ގޯތި ކަނޑާފައި ދޭނަމަ، މާލޭ މީހުންނަށް މާލެއިން ވެސް ގޯތި ލިބެން ވާނެއެވެ.
"އެ މީހަކު އުޅެ ބޮޑުވި ރަށަކުން އެ މީހަކަށް ގޯތި ލިބެންޖެހޭނެ އެންނު. އެހެންވީމާ މާލޭ މީހުންނަށް ގޯތި ދީފާނެތީ އެ ކަމާ ކަންބޮޑުވެގެން އުޅޭ ބަޔަކު މި ދައްކަނީ އެ ވާހަކަ. އެހެން ނަހަދާށޭ،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ) ވިދާޅުވިއެވެ.
ބަންޑާރަ ގޯތި ދޫކުރުމުގެ ސިޔާސަތުގެ ދަށުން، އެންމެ އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ދައުލަތުން ދައްކަން ޖެހޭ އެންމެ ކުޑަ އަގަކީ ވެސް 10 މިލިއަން ރުފިޔާއެވެ. މިދުއަމް ގަބޫލުކުރައްވާ ގޮތުގައި އެއީ، ކުރެވޭނެ ކަމެއް ނޫނެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އެ ސިޔާސަތުގެ ދަށުން ހައްލު ކުރެވިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.
"ހައްގު މިންވަރަކީ ވަރަށް ސަބްޖެކްޓިވް އެއްޗެއް. ބައެއް މީހުންނަށް 1250 އަކަފޫޓު ވެސް ހައްގު މިންވަރަކަށް ނުވާނެ، އަނެއްބައި މީހުންނަށް ހައްގު މިންވަރަކީ 3،000 އަކަފޫޓު. އަޅުގަނޑަށް އޮޕްޝަނެއް ދީފިއްޔާ އަޅުގަނޑު ވެސް ބޭނުމީ 5،000 އަކަފޫޓު. އޭރުން ސްވިމިން ޕޫލެއް އަޅާލައިގެން ހަމަޖެހިލައިގެން އުޅެވޭނީ،" މިދުއަމް ވިދާޅުވިއެވެ.
"ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް. މަދުވެގެން އެއް މިލިއަން ޑޮލަރުގެ ގޯއްޗަކީ އަސާސީ އެއްޗެއް ހެއްޔޭ؟ އޭތި ކަރެންސީއަށް ބަދަލުކޮށްލީމާ، ނިކަމެއްޗަކަށް އަސާސީ ހައްގު ފޯރުކޮށްދޭން އެއް މިލިއަން ޑޮލަރު ދައުލަތުން ދިނުން ކަހަލަ ކަމެއް ދޯ އެއީ؟،"
ބަންޑާރަ ގޯތި ދިނުމަކީ ބަހުސެއް ނޫނެވެ. އެއީ، އިގްތިސާދީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.
މި އަހަރުގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ރާއްޖޭގައި ދިރިއުޅެނީ 382،751 ދިވެހިންނާއި 132،371 ބިދޭސީންނެވެ. އަދި، އާބާދީގެ 41 އިންސައްތަ ނުވަތަ 212،138 މީހުން ދިރިއުޅެމުން ދަނީ މާލެ ސަރަހައްދުގައެވެ. ރަށްރަށުގައި 236،747 މީހުން ދިރިއުޅެމުންދާއިރު ރިސޯޓުތަކުގައި 52،396 މީހުން އުޅެމުންދާ ކަމަށް ދައްކައެވެ. ސިނާއީ ރަށްތަކުގައި އުޅެމުން ދަނީ 13،841 މީހުންނެވެ.

މާލޭ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މާލޭ ސަރަހައްދަށް މިއޮތް ތޮށްޖެހުމަށް ނިމުމެއް ނެތެވެ. އެންމެނަށް ގޯތި ދޭނެ ބިމެއް ނުވެސް އޮންނާނެއެވެ. ފަސް އަހަރުގެ ސަރުކާރަކުން ބަޔަކަށް، ހުރި މަދު ބިންކޮޅު އުމުރަށް ދޭއިރު، ދަރިންނާއި ދަރިންގެ ދަރިންނަށް އަނެއްކާ ވެސް މައްސަލަ ބޮޑު ވާނެއެވެ. މިހާރު ވެސް ބޮއްސުންލާފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ، އޭރުން އޮންނާނީ ހައްދުން ނައްޓައިފައެވެ.
ދަރިންނާއި ދަރިންގެ ދަރިންނާއި އޭގެ ފަހުން ވެސް އަންނާން އޮތް ޖީލުތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އޮތީ މަދު ބިންކޮޅެކެވެ. އެ ތަނުން، ބަންޑާރަ ގޯތި ކަނޑާފައި ބަޔަކަށް ދިނުމަކީ އިގްތިސާދީ ގޯހެކެވެ.
ހައްލަކީ ކޮބާ؟
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ގޯތި ދޫކުރުމެވެ. މާލޭ މީހުންނަށް ވެސް ބަންޑާރަ ގޯތި ލިބެން ވާނެ ކަމަށާއި ހައްގު މިންވަރަކީ އެއީ ކަމަށް ސަރުކާރުން ބުނެއެވެ.
އެކަމަކު، ތަހުޒީބު އެއްވެސް ގައުމެއްގައި ބަންޑާރަ ގޯއްޗެއް އެ ގޮތަކަށް ދުލެއް ނުކުރެއެވެ. ސަބަބަކީ، އެއީ އިގްތިސާދީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. ވަކި އާއިލާއަކަށް ހިބައިން ބަންޑާރަ ގޯތި ދީގެން، މައްސަލައަށް ދާއިމީ ހައްލެއް ނާންނާނެއެވެ.
"ހިޔާ ފުލެޓުތައް އެއީ 7،000 ހައުސިން ޔުނިޓު. ހިޔާ ފުލެޓުތައް އަޅާފައި އެހެރީ 240،000 އަކަފޫޓުގައި،" މިދުއަމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި 240،000 އަކަފޫޓުން 7،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން އޮތް ނަމަވެސް މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ވަރުގެ ބިމަކުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީ 106 އާއިލާއަށެވެ. އެއީ، މި ސަރުކާރުން ދޫކުރާ އެންމެ ކުދި ގޯތީގެ ރޭޓުންނެވެ.

މިދިޔަ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ހިޔާ ފުލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"މާ ބިން ގިނަވެގެން އުޅޭ ކަމަށް ވަންޏާމު، އެ ތަނުން ބައެއް ބިން ވިއްކާފައި، އެ ލިބޭ ލާރިން ކިތައް ހާސް މީހުންނަށް ސޯޝަލް ހައުސިން އަޅައިދެވޭނެ؟" އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތީ ވަރަށް ސާފު އިގްތިސާދީ ޖަވާބެކެވެ. ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ހާލުގައި ތިބި އެންމެންނަށް ބަންޑާރަ ގޯއްޗެއް ނުދެވޭނެއެވެ. އެ ވަރަކަށް ބިމެއް ނެތެވެ. ދަރިންނާއި ދަރިންގެ ދަރިންނަށް ބަންޑާރަ ގޯތި ކަނޑާފައި ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
އެހެންވެ، ބަންޑާރަ ގޯތި ދޫކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ހައްގު މިންވަރު މި ފަހަރު އިންސާފަކަށް ނުވެއެވެ. އެކަމަކު، ކަން ކުރާން ވާނީ އިންސާފުންނެވެ.