އިސްލާމް އާބާދު (2 ޖުލައި 2023) : މިދިޔަ މޭ މަހު ޕާކިސްތާން ސިފައިންގެ ބާރަކުން އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން ވަރަށް ހަރުކަށި ގޮތަކަށް ހައްޔަރުކުރުމާ ގުޅިގެން ސިފައިންނާ ދެކޮޅަށް އާންމުން ތެދުވެ ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިކަމުގެ ތުހުމަތުގައި 102 މީހެއްގެ މައްޗަށް އެ ގައުމުގެ އަސްކަރީ ކޯޓެއްގައި ދައުވާ އުފުލައި ޝަރީއަތް ފަށައިފިއެވެ.

މި 102 މީހުންގެ މައްޗަށް ޕާކިސްތާނުގެ އަސްކަރީ ޕްރޮސެކިއުޓަރު ދައުވާ އުފުލާފައިވަނީ ސިފައިންނާ ކުރިމަތިލައި ހަމަނުޖެހުންތައް ހިންގައި ސިފައިންގެ މަރުކަޒުތަކުގައި ހުޅުޖެހުމާއި ސިފައިންގެ އޮފްސަރުންގެ އަމިއްލަ މުދަލާއި ގެދޮރަށް ގެއްލުންދިނުމުގެ ތުހުމަތުގައެވެ.

އިމްރާންޚާން އަކީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެއްގެ އިތުރުން އޭނާއަކީ ވަރަށް ކުރީއްސުރެވެސް ޕާކިސްތާނުގެ ގިނަބައެއްގެ ހިތްތަކުގައި ވަރަށް ޚާއްސަ ގަދަރެއް ދެވިފައިވާ ބޭފުޅެކެވެ. އެއީ އިމްރާން އަކީ ކްރިކެޓްގެ ދުނިޔޭގެ ތަށި ޕާކިސްތާނަށް ހޯދައިދީގެން ޕާކިސްތާނަށް ރީތި ނަން ހޯއްދަވައި ދެއްވާފައިވާ ބޭފުޅަކަށްވާތީއެވެ.

މީގެ އިތުރުން ބޭރުގެ ނުފޫޒާއެކު ޕާކިސްތާނުގެ އިދިކޮޅު ޕާޓީތައް ގުޅިގެން މިދިޔަ އަހަރު އިމްރާންޚާންގެ ސަރުކާރު ވައްޓާލުމުގެ ފަހަތުގައި ތިބީ ސިފައިންކަމަށް ބެލެވޭތީ އިމްރާން ޚާން އާ މެދު ޕާކިސްތާނުގެ އާންމުންގެ މެދުގައި އޮތީ ވަރަށް ބޮޑު ހަމްދަރުދީއެކެވެ.

މިހާލަތުގައި ކަންކަން އޮއްވައި އިމްރާންޚާން ކޯޓުގައި ހުންނަވަނިކޮށް ކޯޓުގެ ދޮރުވައްޓާލައިގެން މިދިޔަ މޭ މަހުގެ 9 ވަނަ ދުވަހު ޕާކިސްތާން ސިފައިންގެ ގުރޫޕަކުން ވަރަށް ހަރުކަށި ގޮތަކަށް އިމްރާންޚާން ހައްޔަރުކުރުމުން އިމްރާންޚާންގެ ޕާޓީގެ އެކްޓިވިސްޓުންނާ އަދި އާންމުގެ އެތައް ހާސްބަޔަކު ވަނީ ޕާކިސްތާން ސިފައިންނަކީ އަނިޔާވެރި ބައެއްކަމާ އަދި ސިފައިންނަކީ ސިޔާސީ ކަންކަމަށް އާދަޔާ ޚިލާފަށް ބާރާއި ނުފޫޒު ހިންގާ ބައެއްކަމަށް ތުހުމަތުކޮށް ސިފައިންނާ ދެކޮޅަށް ތެދުވެ ސިފައިންނަށް ވަރުގަދަ "ފިލާވަޅެއް" ދީފައެވެ.

މި "ފިލާވަޅު" ގައި ސިފައިންގެ އިސް ބައެއް އޮފިސަރުންގެ އަމިއްލަ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު ސިފައިންގެ ބައެއް މަރުކަޒުތަކުގައިވަނީ ހުޅުވެސް ޖަހާފައެވެ.

އަނެއްކޮޅުން އިމްރާންޚާން ހައްޔަރުކުރިތާ 8 ގަޑީއިރު ތެރޭގައި ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އޭނާ މިނިވަންކުރުމުގެ އަމުރު ނެރުމުން ސަރުކާރުންވަނީ 24 ގަޑީއިރުވެސް ނުވަނީސް އިމްރާންޚާން މިނިވަންކުރަން ސަރުކާރަށް މަޖުބުރުވުމަކީ ސިފައިންނަށް ކުރިމަތިވި ލަދުވެތިކަމެކެވެ.

ސިފައިންނާ ދެކޮޅަށް ހަމަނުޖެހުން ހިންގި މައްސަލާގައި އެތަށް ސަތޭކަ ބަޔަކު ހައްޔަރު ކުރިނަމަވެސް މިހާތަނަށް ދައުވާ އުފުލާފައި މިވަނީ އެންމެ 102 މީހެއްގެ މައްޗަށެވެ.

ޕާކިސްތާނުގެ ސިފައިންގ ތަރުޖަމާނެއްކަމަށްވާ މޭޖާ ޖެނެރަލް އަޙްމަދު ޝަރީފް ޗައުދަރީ ވިދާޅުވިގޮތުގައި އަސްކަރީ ކޯޓުގައި ދައުވާ އުފުލާފައި ވާ 102 މީހުންނަކި ބޮޑެތި ކުށްވެރިންގެ ގޮތުގައި ތުހުމަތު ކުރެވޭ މީހުންނެވެ. އެމީހުންނަކީ ޕާކިސްތާނުގެ ސިފައިންގެ 200 އެއްހާ މަރުކަޒަށް ހަމަލާދިނުމުގައި އެކިގޮތްގޮތުން ބައިވެރިވެފައިވާ ބައެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެއިތުރުން ޕާކިސްތާނުގެ ސިފައިންނާ ދެކޮޅަށް ނަފުތަރު އުފައްދައި، ގައުމުގައި ހަމަޖެހުން އުފައްދައި ސުލްޙަ ނަގާލުމަށް ރާވައިގެން އެމީހުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގައި ކުރިޔަށްއޮތީ އާންމު އިންތިޚާބު ކަމަށްވެފައި ޕާކިސްތާނުގެ އާންމުން ސަރުކާރު ދެކެރުޅިއައިސްފައިވުމާ އަދި ޕާކިސްތާނުގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވުމާއެކު ތަކެތީގެ އަގުބޮޑުވެ މީހުންގެ އަތްމަތި ދަތިވެފައިވުމަކީ މިމައްސަލާގައި ސިޔާސީ ގޮތުން މާބޮޑު "ޗަރުކޭސްތަކެއް" ކުޅުމުގެ މާބޮޑު ފުރުސަތެއް ޕާކިސްތާނުގެ ސަރުކާރަށާއި ސަރުކާރަށް ވާގިވެރިވާ އަދި ޕާކިސްތާނުގެ ސިޔާސީ މަސްރަހަށް އަތްގަދަ ކުރުމުގެ ދިގު ތާރީޚެއް އޮންނަ އެގައުމުގެ ސިފައިންނަށްވެސް މިހާރަކު ނެތެވެ.

ހަމަނުޖެހުންތައް ހިންގީ އިމްރާންޚާން އަޑީގައި ހުންނަވައިގެން ކަމަށް ބުނެ އިމްރާން ޚާންގެ ޕާޓީ އުވާލައި ޚާންގެ މައްޗަށް ސިފައިންގެ ކޯޓެއްގައި ޝަރީއަތް ހިންގާނެކަމުގެ އިންޒާރުތައް ޕާކިސްތާނުގެ ސަރުކާރުން ދިންނަމަވެސް އެކަން ކުރަން އަދި މިހާތަނަށް ކެރިފައެއް ނުވެއެވެ.

ނަމަވެސް ސަރުކާރުގެ ނުފޫޒުގައި އިމްރާންޚާންގެ ޕާޓީގެ އިސް އެތަށް ބޭފުޅަކުވަނީ އެޕާޓީން ވަކިވެވަޑައިގެންފައެވެ. އަދި އިމްރާނުގެ ޕާޓީވަނީ ބަލިކަށިވެފައެވެ. ނަމަވެސް އިމްރާންގެ މަގްބޫލުކަން އާންމުންގެ މެދުގައިވީ އިތުރެވެ. އިމްރާން ޚާންގެ ޕާޓީ ބަލިކަށިކުރީ ސިފައިންނާއި ސަރުކާރުން އެޕާޓީގެ އިސް ފަރާތްތަކަށް ބިރުދައްކައިގެން ކަމަށް އޭނާވަނީ ތުހުމަތު ކުރައްވާފައެވެ.

ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވާގޮތުގައި ޕާކިސްތާނުގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެގައުމުގެ ރައްޔިތުންގެ ތާއީދު އެންމެބޮޑު ޝަޚްސިއްޔަތަކީ އިމްރާންޚާން އެވެ. މިއީ އިމްރާން ޚާން ދެކެ ސިފައިންނާއި ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުން ޖެހިލުންވާ މައިގަނޑު ސަބަބެވެ.