ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ މެނޭޖްމަންޓާ ދެކޮޅަށް އެތަނުގެ މުވައްޒަފުން މިއަދު ކުރަމުންދާ މުޒާހާރާއާ ގުޅިގެން އެތަނުގެ މެނޭޖުމަންޓުން ސަރުކާރާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ބޭނުން ނުވާކަމަށް ޑީއާރުޕީން ބުނެފި އެވެ.

މުސާރަ ބޮޑު ކުރުމަށް ގޮވާލައި ފެލިވަރުގެ މުވައްޒަފުން ކުރަމުންދާ މުޒަހަރާއާ ގުޅިގެން ޑީއާރުޕީ މަސްވެރިންގެ ގޮފީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ މަސްވެރިންގެ ގޮފީގެ ރައީސް އަދި ފިޝަރީޒް މިނިސްޓަރުގެ ނައިބު އަލީ ސޯލިހް ވިދާޅުވީ ފެލިވަރުގެ ބޯޑު އަލުން އެކުލަވާލުމުން ނޫނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ނުކުރާނެ ކަމަށް ފެލިވަރުގެ މެނޭޖްމަންޓުން ބުނަމުންދާ ކަމަށާއި އެކަމަކީ ޑީއާރުޕީން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ޑިއާރުޕީން ގަބޫލުކުރަނީ މުވައްޒަފުން ބޭނުންވާ ކަންތައްތައް ހަލުކޮށްދިނުމަށް މެނޭޖުމަންޓުން މަސައްކަތްކޮށްދޭން ޖެހޭނެ ކަމަށާއި އަދި އެކަން ކޮށްދެވެން ނެތް ނަމަ އެކަމެއްގައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެނަށް މައުލޫމާތު ލިބޭ ގޮތުން ފެލިވަރު ކުންފުނީގެ އިސްކޮށް ތިއްބަވާ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ތިމަންނާމެން ސަރުކާރާ ހަމައަށް ދާން ބޭނުމެއްނޫނޭ މިކަމުގައި. ބޯޑެއް އަލުން އެކުލަވާލި ދުވަހަކުންނޭ އެކަން ވާނީ. އެކަމަކީ އަޅުގަނޑުމެން ގަބޫލު ކުރާކަމެއްނޫން." އަލީ ސޯލިހް ވިދާޅުވި އެވެ.

އަދި މުސާރަ ބޮޑުކޮށްދިނުމަށް އެދި ފެލިވަރުގެ މުވައްޒަފުން މަސައްކަތްހުއްޓާލުމަށް ފަހު މިއަދު ކުރަމުންދާ މުޒާހަރާއާ އަކީ ސިޔާސީ ކަމަކަށް ހެދުމަށް އެތަނުގެ މެނޭޖްމަންޓުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އަލީ ސޯލިހް ވިދާޅުވި އެވެ.

"މިއަދުގެ މުވައްޒަފުންގެ އިހްތިޖާޖު ފެށުމާއި ގުޅިގެން އެތަން (ފެލިވަރު) ހިންގަން ތިއްބެވި ފަރާތުން ތަފާތު ޕޮޓޯ ގުރާފަރުންނާއި އެއްޗެހި އެތަނަށްވައްދާ އެތަނަށް ގެންގޮސް މި މުޒާހަރާއަކީ ވަކި ބަޔަކު ވަކި ކުލައެއް ޖެހިފައި އޮތް އެއްޗަކަށް ހެދުމަށް މަސައްކަތްކުރި. އެހެން ނަމަވެސް މިއީކީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީއެއް ނޫން." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ފެލިވަރުގެ މުވައްޒަފުން ކުރަމުންދާ މުޒާހަރާއަށް ހައްލު ގެނައުމަށް ޑީއާރުޕީގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް ވެސް އަލީ ސޯލިހް ވިދާޅުވި އެވެ.

"ސަރުކާރު ތެރޭގައި ތިބި ބައެއްގެ ހަސިޔަތުން ވެސް ޑީއާރުޕީން މިކަންތައްތަކުގައި ހައްލުކުރެވެން ހުރި ކަމެއް ވިއްޔާ ކުރާނަމޭ." އޭނާ ވިދާޅުވި އެވެ.

ހަރަދުތައް ބޮޑުވެ، ދެކޮޅު ނުޖެހޭ ކަމަށް ބުނެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދިނުމަށް ފެލިވަރުގެ މުވައްޒަފުން މެނޭޖްމެންޓަށް ހުށަހެޅި ޕެޓިޝަނާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ މަސައްކަތް ހުއްޓާލުމަށް ފަހު ފެލިވަރުގެ މުވައްޒަފުން މިއަދު ހެނދުނުން ފެށިގެން ވަނީ މުޒާހަރާ ކުރަންފަށައިފަ އެވެ.
ފެލިވަރު ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ޖެނެރަލް މެނޭޖާ މުހައްމަދު ވަހީދު މިއަދު ވިދާޅުވީ މުވައްޒަފުން ހުށަހަޅާފައިވާ ޕެޓިޝަންގައިވާ ބައެއް ކަންތައްތަކަށް އަމަލީ ސިފަ ގެނެވޭނީ އެ ކުންފުނީގެ ބޯޑަކާއި މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރެވިގެން ކަމަށެވެ. އަދި ވިދާޅުވީ ކުންފުނީގެ ބޯޑު އެކުލަވާނުލެވެނީސް މުވައްޒަފުންގެ ހުރިހާ ޑިމާންޑްތަކަށް އިޖާބަ ނުދެވޭނެކަން މުވައްޒަފުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.