02 Jul 2023, 13:34
ޕެރިސް (2 ޖުލައި 2023): ފަރަންސޭސިވިލާތުގައި އަރަބި ދަރިކޮޅުގެ 18 އަހަރުގެ ޒުވާން ފިރިހެން ކުއްޖެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި މަރާލުމާ ގުޅިގެން ހިނގަމުންދާ ހަމެނުޖެހުންތަކުގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހަމަނުޖެހުންތަކުގައި އާންމުގޮތެއްގައި ބައިވެރިވަނީ ދެ ޖިންސްގެ ޒުވާން ކުދިންނެވެ. މީގެތެރޭގައި ގިނައީ ފަރަންސޭސި ވެރިރަށް ޕެރިސް ގެ ފަގީރު އަވަށްތަކުގެ ޒުވާނުންނެވެ. ޕެރިހުގެ އަވަށްތަކުގެ އިތުރުން އެނޫންވެސް ފަގީރު ސަރަހައްދުތަކުގެ އެތަށް އަވަށެއްގައި އެތަށް ސަތޭކަ އިމާރާތެއްގައިވެސް ވަނީ ހުޅުޖަހާފައެވެ. އަނެއްބައި އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައި އެތަންތަނަށްވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ދެހާހަށްވުރެ ގިނަ ވެހިކަލްތަކުގައިވަނީ އަލިފާންޖަހައި އަންދާލާފައެވެ.
ހަމަނުޖެހުންތަކަށް މިއަދު ފަސް ދުވަސްވެފައިވާއިރު ޒުވާނުން ކޮންޓްރޯލް ކުރުމުގައި ފުލުހުންނަށް އަދި މާބޮޑު ކާމިޔާބެއް ނުލިބެއެވެ. ފުލުހުންނާއި އެނޫންވެސް ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 45،000 މީހުން މަގުތަކަށްނެރެ ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ޓަކައި ކިތަންމެ ވަރަކަށް ބާރުގެ ބޭނުންކުރިނަމަވެސް ހަމަނުޖެހުންތައް ހިންގުމުގައި އުޅޭ ޒުވާނުންގެ އަދަދު ގިނަކަމުން ސަލާމަތީ ބާރުތަކަށް އޮބި އޮންނަ ވަރެއް ނުވެއެވެ.

ފަރަންސޭސިވިލާތުގައި ހުޅުޖެހުން
ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުން ނާކާމިޔާބުވެފައިވާތީ ޕެރިހުގެ މަގުތަކަށް މިހާރުވަނީ އަސްކަރީ ތަމްރީންތައް ހަދައިގެން ތިބި ސިފައިންވެސް އަސްކަރީ ބަރުއުޅަނދުތަކާއެކު ނެރެފައެވެ.
ފަރަންސޭސި ފުލުހުން މިދިޔަ އަޟްޙާ އީދު ދުވަހު ބަޑިޖަހައި މަރާލީ ފަރަންސޭސި ރައްޔިތުންގެ ގޮތުގައި އެގައުމުގައި ދިރިއުޅޭ އަލްޖަޒާއިރުގެ ދަރިކޮޅަށް ނިސްބަތްވާ ނާހިލް ނަމަކަށް ކިޔާ އުމުރުން 18 އަހަރުގެ ޒުވާނެކެވެ. ފުލުހުން އޭނާގެ ގަޔަށް ބަޑިޖެހީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުންނެވެ.
އޭނާ ދުއްވާފައި ދިޔަ ސައިކަލު ޗެކްކުރުމަށްޓަކައި މަޑުކުރަން ބުނުމުން މަޑުނުކޮށް ދުއްވާފައި ދިޔުމުންނެވެ. މިއީ ބަޑިޖަހަން ޖެހޭވަރުގެ ކަމެއްނޫނެވެ. އަދި މަރާލަންވެސް ޖެހޭވަރުގެ ކަމެއްނޫނެވެ.

ފަރަންސޭސިވިލާތުގައި ހުޅުޖެހުން
އެހެންކަމުން މިއީ ފަރަންސޭސި ފުލުހުން ހިންގި އަނިޔާވެރި ޖަރީމާއެކެވެ. މިޖަރީމާ ހިންގި ފުލުސް މީހާ މިހާރުވަނީ ހައްޔަރުކޮށްފައެވެ. ސަބަބެއްނެތި މީހަކު ގަސްދުގައި މެރިކަމުގެ ދައުވާ ކަމާބެހޭ ތަހުގީގަށްފަހު ފުލުސް މީހާގެ މައްޗަށް ކުރާނެކަމަށް ފަރަންސޭސި ފުލުހުންގެ އިދާރާއާއި ޕަބްލިކް ޕްރޮސެކިއުޓަރު ގެ އޮފީހުންވަނީ ބުނެފައެވެ. ނަމަވެސް ފަރަންސޭސި މުއައްސާތަކަށް ރައްޔިތުންގެ ގިނަ ބަޔަކު އިތުބާރެއް ނުކުރެއެވެ. އެއީ ތަފާތުކުރުން ގެންގުޅޭތީއާއި ގާނޫނާއި ގަވައިދުން ބޭރުގައި ކަންކަން ކުރާތީއެވެ.
ފުލުސް މީހާ ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރަން މިހާއަވަށް ނިންމީ މިޖަރީމާ އާ ދެކޮޅަށް ޒުވާނުން ތެދުވެ ހިންގަންފެށި ހަމަނުޖެހުންތަކުގެ ސަބަބުންކަމަށް ވަނީ ބެލެވިފައެވެ. އެހެން ނޫންނަމަ މިފަދަ ޖަރީމާތަކަކީ ފަރަންސޭސިވިލާތުގައި އެއާމެދު މާބޮޑަށް އަޅާނުލައި ދޫކޮށްލާނެ ޖަރީމާތަކެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
މުރާސިލުން ބުނާގޮތުގައި މިޖަރީމާއާ ގުޅިގެން ފަރަންސޭސި ސަރުކާރާ އަދި އެގައުމުގެ މުއައްސަސާތަކާ ދެކޮޅަށް މިހާ ހަރުކަށި ގޮތެއްގައި ޒުވާނުން ނުކުތީ ފަރަންސޭސިވިލާތުގައި އެހެން ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ގެންގުޅޭ ނަސްލީ އިމްތިޔާޒް އާއި ތަފާތު ކުރުންތަކުގެ ސަބަބުންނެވެ.
އަދި އެހެން ނަސްލުތަކުގެ ޒުވާނުންގެ ގިނަބަޔަކު ފަގީރު ހާލަތުގައި އުޅެންޖެހުމާއެކު މުއްސަނދިންނާއި ފަގީރުންގެ ތަފާތު ބޮޑުވެފައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް މަދުވުންފަދަ އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތައް ފަރަންސޭސިވިލާތުގައި އާދަޔާ ޚިލާފަށް ބޮޑުކަމުންނެވެ.

ފަރަންސޭސިވިލާތުގައި ހުޅުޖެހުން
ފަރަންސޭސިވިލާތުގައި ޒުވާނުން މަގުތަކަށް ނުކުމެ ހަމަނުޖެހުންތައް އުފައްދަނީ އަނިޔާވެރިކަމާއި ތަފާތުކުރުމާ އަދި ފަގީރުކަމާ ދެކޮޅަށް ކުރާނެ އެހެންކަމެއް ނެތިގެންކަމަށް އެމީހުން ބުނެއެވެ. ޔޫރަޕްގެ އެތަށް ގައުމެއްގެ އާންމުންވެސް ހަމަނުޖެހުންތައް އުފައްދާ ޒުވާނުންނަށް ތާއީދުކުރާކަން ދަނީ ހާމަކުރަމުންނެވެ. ޔޫރަޕްގެ އާންމުން ދެކޭގޮތުގައި ފަރަންސޭސި ޒުވާނުން މިހާލަތަށް ވެއްޓުނީ ފަގީރުކަމާއި ތަފާތުކުރުންތަކަށް ހައްލެއްނެތި ޒުވާނުން މާޔޫސް ވުމުގެ ސަބަބުންނެވެ.
އެހެންކަމުން މިމައްސަލާގައި ފަރަންސޭސި ޒުވާނުންނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި އާންމުން މިހާރު ގެންދަނީ ފަރަންސޭސި ޒުވާނުންނަށް ތާއީދުކޮށް އެއްވުންތައް ބާއްވަމުންނެވެ. މިގޮތުން ބެލްޖިއަމްގައި މަގުތަކަށް އިއްޔެ އެތަށް ބަޔަކު ނުކުމެ ފަރަންސޭސި ސަރުކާރަށް ނުރުހުން ފާޅުކޮށް އަޑުއުފުލަން މަސައްކަތް ކުރަންފެށުމުން ބެލްޖިޔަމްގެ ފުލުހުންވަނީ އޭގެތެރެއިން 60 އަށް ވުރެ ގިނަމީހުން ހައްޔަރުކޮށް އެއްވުން ރޫޅާލާފައެވެ.
އިޓަލީގެ ޚާރިޖީ ވަޒީރުވަނީ ފަރަންސޭސިވިލާތުގައި އެގައުމުގެ އަސްލު ވަޒަންވެރިން ނޫން މީހުންނާމެދު މުއާމަލާތްކުރާގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޕެރިހުގެ ފަގީރުންގެ އަވަށްތަކުގައި ދިރިއުޅޭ އާންމުންގެ ނިކަމެތި ހާލަތާމެދު ހަމްދަރުދީވެ ވަޑައިގަންނަވާ ކަމަށްވެސް އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ވިދާޅުވިއެވެ.
ފަރަންސޭސި ރައީސް މެކްރޯން އާއި އޭނާގެ ދާޚިލީ ވަޒީރު ގެންދަވަނީ އެގައުމުގައި ހަމަނުޖެހުންތައް އުފައްދާ ޒުވާނުންނަށް ހަރުކަށި އިންޒާރުތައް ދެއްވަމުންނެވެ. ނަމަވެސް މިއިންޒާރުތަކުގެ އަޑުއިވޭކަމަށްވެސް ޒުވާނުން ނުހަދައެވެ.