02 Jul 2023, 10:17
ދި ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފިއެވެ.
ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަން އެދިފައިވަނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، އެ ޕާޓީގެ ރައީސްކަމުން ދާދިފަހުން އިސްތިއުފާ ދެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުންނެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ، މިއަދު އެ ކޮމިޝަނުން ދީފައިވާ ކަމަށެވެ.
ދި ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ، ސަރުކާރާ މެދު ދެބަސްވުން އުފެދި އެމްޑީޕީ ދޫކޮށްލި މެންބަރުންނެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު ދީފައިވާއިރު، އެ ޕާޓީއަށް ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭ ބައްދަލުވުން ނުބޭއްވި ލަސްވި މައްސަލަ ވަނީ ހޫނުވެފައެވެ. އެ ކޮމިޝަނުގެ ބައްދަލުވުން ނުބޭއްވުނީ، އީސީގެ ރައީސް ފުއާދު ތައުފީގަށް އިތުބާރު ނެތް ކަމަށް ބުނެ، ކޮމިޝަންގެ ތިން މެންބަރަކު ޖަލްސާއަށް ހާޒިރުނުވާން ނިންމުމުންނެވެ.
އެހެންވެ، ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން ފުރަތަމަ ތާވަލު ކުރި ދުވަހު، ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ހުއްދަ ދެވިފައެއް ނުވެއެވެ.
ނަމަވެސް، ލަސްތަކާ އެކު އުފެދުނު ހޫނަށް ފަހު، މިދިޔަ މަހުގެ 25 ގައި އީސީން ވަނީ ޢީދު ބަންދަށް ފަހު ސަރުކާރު ހުޅުވުމުން އެ ޕާޓީއަށް ހުއްދަ ދޭން ނިންމައިފައެވެ.