އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ތައްޔާރު ވަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ދައުރު ދަންމާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް ނަޝީދު ވަނީ އެކަން ކުރެއްވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށް ވިދާޅުވެ، އެކަން ކުރައްވަން ދެކޮޅު ހައްދަވާފައެވެ.

މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕިޖީން ހުށަހެޅީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެކަން ހުށަހަޅާތާ 14 ދުވަހުގެ ތެރޭ ޖަލްސާ ބާއްވަން މަޖިލީހުގެ ގަވާއިދުން ލާޒިމް ކުރާ އިރު، އަންނަ ބުރާސްފަތި ދުވަހު އެ 14 ދުވަސް ހަމަވާނެއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ސަން" އަށް ވިދާޅުވީ ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ޒިޔާއު ވިދާޅުވީ ޖަލްސާ ބާއްވާނެ ތާރީޚު ފަހުން ކަނޑައަޅާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުރުން ބޭރުން ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެ ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ވާނެ ކަމަށެވެ. ދައުރުން ބޭރު ޖަލްސާ ބާއްވަން ހުށަހަޅާފައިވަނީ 29 މެންބަރުންގެ ސޮޔާ އެކުއެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިންމާލާފައިވަނީ ހުށަހެޅި ގިނަ މަސައްކަތްތައް ނުނިންމައެވެ. ފާއިތުވި މުޅި ޖޫން މަހު ކަހަލަ ގޮތަކަށް މަޖިލިސް އޮތީ ޑެޑްލޮކެއް ގައެވެ.

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވަނީ މަޖިލީހުގެ ދަފްތަރަށް އައި ބަދަލާއެކު ކޮމިޓީތައް އަލުން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ނުދާތީއެވެ. އޭގެ އިތުރުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ވެސް ހުށަހަޅާފައިވާއިރު، އެއިން އެއްވެސް މައްސަލައެއް ކުރިއަށް ނުދެއެވެ.

މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ހަތަރު މައްސަލައެއް މި ވަގުތު ކުރިއަށް ނުގޮސް އެބަ އޮތެވެ.

މަޖިލީހުގެ ޑެޑްލޮކަށް ގެންދިއުމުގެ ތުހުމަތު އެމްޑީޕީން ކުރައްވަނީ ރައީސް ނަޝީދަށެވެ. އިދިކޮޅުން ބުނަމުންދަނީ އެއީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ނުފޫޒުން އެމްޑީޕީ މެންބަރުން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.