ޓްވިޓާ އިން ދުވާލެއްގެ މައްޗަށް ކޮންމެ ޔޫޒާ އަކަށްވެސް ކިޔޭނެ ޓްވީޓްގެ އަދަދު ލިމިޓް ކުރަން ނިންމައިފިއެވެ.

ޓްވިޓާގެ ވެރިޔާ އީލޮން މަސްކް ހޮނިހިރު ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޭޓާ ސްކްރެޕިން އާއި ސިސްޓަމް މެނިޕިއުލޭޝަންގެ "އެކްސްޓްރީމް ލެވެލްސް" ހުއްޓުވުމަށް ޓްވިޓާއިން ދުވާލަކު ކޮންމެ ޔޫޒާ އަކަށްވެސް ކިޔޭނެ ޓުވީޓްގެ އަދަދު ލިމިޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މަސްކް ކުރެއްވި ޓްވީޓްގައި ވަނީ ވެރިފައިޑް އެކައުންޓްތަކަށް ވަގުތީ ގޮތުން ދުވާލަކު 6،000 ޕޯސްޓު ކިޔޭގޮތަށް ހެދުމާއެކު، ވެރިފައި ނުކުރާ އެކައުންޓްތަކަށް ދުވާލަކު 600 ޕޯސްޓަށް ލިމިޓްކޮށް، އަދި އަލަށް ހަދާ އައު އެކައުންޓްތައް 300 އަށް ލިމިޓް ކުރަން ނިންމާފައިވާ ކަމަށެވެ.

ޓްވިޓާއިން މީގެ ކުރިންވެސް ބުނެފައިވަނީ އެއްވެސް ޓްވީޓެއް އެޕްލެޓްފޯމުން ކިޔޭނީ ނުވަތަ ފެންނާނީ އެކައުންޓެއް ކްރިއޭޓް ކޮށްގެން ލޮގިން ވެގެން ކަމަށެވެ. އޭގެ މާނައަކީ ކޮންމެ މީހަކުވެސް ޓްވިޓާ ބެލުމަށް އެ ޕްލެޓްފޯމްގައި އެކައުންޓެއް ހުންނަން ޖެހޭނެ ކަމެވެ.

މަސްކް ވިދާޅުވެފައިވަނީ އެތައް ސަތޭކަ ކުންފުނިތަކުން ނުވަތަ އެތައް ހާސްބަޔަކު ޓްވިޓާގެ ޑޭޓާ ބޭކާރުގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ވަރަށް ގިނައިން ބޭނުން ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ޔޫޒަރުންގެ ތަޖުރިބާއަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.

ޗެޓްޖީޕީޓީގެ ބެލެނިވެރި ކުންފުނި އޯޕަންއޭއައި ފަދަ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނިތަކުން ޓްވިޓާގެ ޑޭޓާ ބޭނުންކޮށްގެން އެ ކުންފުނިތަކުގެ ބޮޑެތި ބަހުގެ މޮޑެލްތައް ތަމްރީނު ކުރާތީ މަސްކް ވަނީ މީގެ ކުރިންވެސް ނުރުހުން ފާޅުކޮށްފައެވެ.

އަނެއްކޮޅުން މަސްކްގެ މިލްކުވެރިކަމުގެ ދަށަށް ޓްވިޓާ އައިފަހުން ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން ހިތްހަމަ ނުޖެހިގެން ޓްވިޓާ ދޫކޮށްދިޔަ އިންވެސްޓަރުން އަނބުރާ ހޯދުމުގެ މަސައްކަތް ޓްވިޓާއިން ވަނީ ފަށާފައެވެ. އެ މަސައްކަތް މަޑުމަޑުން ނަމަވެސް ކާމިޔާބު ވަމުން އަންނަ ކަމަށް ޓްވިޓާއިން ބުނެއެވެ.

އަދި މީގެ އިތުރުންވެސް ޓްވިޓާގެ ފައިދާ އިތުރު ކުރުމުގެ ގޮތުން ވެރިފިކޭޝަން ބުލޫ ފާހަގަ ނުވަތަ ޓްވިޓާ ބްލޫ ޕްރޮގްރާމު ތައާރަފްކޮށް، ސަބްސްކްރިޕްޝަން ރެވެނިއު އިތުރުކުރުމަށްވެސް އެ ޕްލެޓްފޯމުން މީގެ ކުރިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.