01 Jul 2023, 22:01
ފުވައްމުލަކުގައި ބުޅަލެއްގެ މައްޗަށް ސައިކަލުން އެރި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.
މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު މި އެކްސިޑެންޓު ހިނގާފައިވަނީ ފުވައްމުލަކު ދަނޑިމަގު އަވަށުގެ ނައިބުތުއްތު މަގުގައެވެ. އެކްސިޑެންޓުގައި އަނިޔާވީ 36 އަހަރުގެ އެ އަންހެން މީހާގެ ބޮލަށެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އޭނާއަށް ވަނީ އައިޖީއެމްއެޗުގައި ފަރުވާ ދީފައެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އެ އަންހެން މީހާގެ ކޮނޑު ކަށިތަކާއި ދެ އިނގިލި ބިންދައިގެން ގޮސް، މޭކަށިގަނޑާއި އުނަގަނޑާއި މޫނުގެ ކަށިތަކުގައި ވެސް ރެނދުލާފައިވެއެވެ.
އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ އޭނާ ސައިކަލުގައި ދުއްވައިފައި ދަނިކޮށް މަގުމަތިން ހުރަސްކޮށްލި ބުޅަލަކަށް އެރި ވެއްޓިގެންނެވެ. އޭނާ އާ އެކު އޭނާގެ 12 އަހަރުގެ ދަރިފުޅުވެސް ސައިކަލުގައި އިނެވެ. ނަމަވެސް އޭނާގެ ދަރިފުޅަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.