ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގެ ކްލިނިކުން ފަރުވާ ހޯދާ ހަކުރުބަލީގެ މީހުންގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ފަރާތްތަކަށް އެވޯޑު ދީފި އެވެ.

އެ މީހުންނަށް އެވޯޑް ދީފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގަ އެވެ. މި ހަފްލާގައި އެ ސޮސައިޓީގެ ކުލިނިކުން ފަރުވާ ހޯއްދަވާފައިވާ ހަކުރުބަލީގެ މީހުންގެ ތެރެއިން މިދިޔަ އަހަރު އެންމެ ކުރިއެރުމެއް ހޯދާފައިވާ ތިން މީހަކަށް "ބެސްޓް ޕޭސަންޓް އެވޯޑް 2011" ދެއްވީ އެ ސޮސައިޓީގެ ފައުންޑާ މެންބަރު އަދި ނާއިބް ރައީސް މުހައްމަދު ވަހީދުއްދީން އެވެ.

މި ހަފްލާގައި އެވޯޑު ލިބުނީ ޅ. ހިންނަވަރު، އަހުމަދު ޖައިޝަމްއާއި، ހ. އާޒާދުވާދީ، އަލީ އިބްރާހިމް އަދި މ. ފެހިގޭ، ފާތުމަތު މީނާޒު އަށެވެ.

އެ ސޮސައިޓީން ބުނީ އެވޯޑް ދިނުމުގައި ބަލާފައި ވަނީ ގަވާއިދުން ކްލިނިކަށް ދެއްކުމާ އެއް މިންގަނޑެއްގައި ހަކުރު ކޮންޓްރޯލް ކޮށް ބެހެއްޓުމާ، ކަސްރަތުކުރުމާ ބަރުދަން އެކަށީގެންވާ ވަރަށް ބެހެއްޓުމުގެ އިތުރުން ކެއުމުގެ ރަނގަޅު އާދަތައް ދަމަހައްޓާފައި ވާ މިންވަރަށް ބެލުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން އެ ސޮސައިޓީގައި ވޮލަންޓިއާ ކޮށް މަސައްކަތް ކޮށްފައިވާ ހަތް މީހަކަށް ވެސް މިހަފްލާގައި ވަނީ އެ ވޯޑު ދެއްވާފައެވެ. އެ ހަތް މީހުންނަށް އެ ވޯޑު ދެއްވީ ޑރ. އަހުމަދު ރާޒީ އެވެ.

މިހަފްލާގައި ކުރީގެ ޗީފް އޮފް ޑިފެންސްފޯސް އާދަމް ޒާހިރުވެސް ބައިވެރިވެވަޑައިގެން ނެވި އެވެ.

ޑައިބެޓިކް ސޮސައިޓީ އަކީ އޭޕްރީލް،24، 2000 ވަނަ އަހަރު އުފެދުނު ތަނެކެވެ. އެތަނަށް މިހާރު މިވަނީ 12 އަހަރު ވެފަ އެވެ.

އެ ޖަމްއިއްޔާއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހަކުރު ބައްޔަށް ސްކްރީން ކޮށްދިނުމާއި، އެ ބަލީގެ މީހުންނަށް ޚިދުމަތް ފޯރުކޮށްދޭނެ މީހުން ތަމްރީން ކުރުމާ ހަކުރުބައްޔަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ހިމެނެ އެވެ.